ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތް އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލަކީ މާލީ ގޮތުން ސަރުކާރަށް ޖެއްސުން ކުރުމަށް ހުށަހަޅާފައިވާ ބިލްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީގުގެ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
މިބިލްތައް ހުށަހަޅައި ފުރަތަމަ ކިޔުން އިއްޔެ ވަނީ އިއްވައިފައެވެ. ޖޭޔޫ ވިދާޅުވީ އެ ބިލްތަކަށް ވޯޓު ދިނުމަށް ޕީޕީއެމުން ގްރީން ވިޕްލައިނެއް ނެރުނަސް އެއަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
"ކުރީގެ މެމްބަރުންނަށް ލިބޭ އިނާޔަތް އިތުރު ކުރުމަށް ހުށަހަޅާފައިވާ ބިލާމެދު އަޅުގަނޑު ދެކޮޅު. ޕީޕީއެމުން ގްރީން ވިޕްލައިނެއް ނެރުނަސް އަޅުގަނޑުގެ ވޯޓެއް މިބިލަށް ނުލިބޭނެ. މި ބިލްތަކަކީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރުމަށް ހުށަހަޅާފައިވާ ބިލްތަކެއް،" ޕީޕީއެމް ޕީޖީގްރޫޕުގެ ޗީފް ވިޕް ޖޭޔޫ ވިދާޅުވިއެވެ.
އެ ބިލްތައް ހުށަހަޅާފައިވަނީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ މުޙައްމަދު މުސްތަފާއި، ދިއްދޫ ދާއިރާގެ ޖޭޕީ މެމްބަރ ލަތީފެވެ.
އިމްތިޔާޒު ތަކާއި ބާރުތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލްތަކުގައު ބުނެފައިވަނީ މަޖިލީހުގައި އެއްދައުރު އަދާކޮށްފި ނަމަ މުސާރައިގެ 25 ޕަސެންޓް ލިބެންވާނެ ކަމަށެވެ. އަދި ދެ ދައުރު އަދާކުރައްވައިފިނަމަ މުސާރައިގެ 45 ޕަސެންޓް ލިބެންވާނެ ކަމަށެވެ. އޭގެ އިތުރަށް ޑިޕޮލްމެޓިކް ޕާސްޕޯޓާއި އެއާޕޯޓުން ވިއައިޕީ ޚިދުމަތާއި، އަނބި މީހާ ނުވަތަ ފިރިމީހާގެ އިތުރަށް 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ހެލްތު އިންޝުއަރެންސް ލިބޭގޮތަށް ވެސް އޭގައި ހިމަނާފައިވެއެވެ.
މި ބިލްތަކުގެ ތެރެއިން މުސްތަފާ ހުށަހަޅާ ބިލް ހުށަނުހަޅަން އޭނާ މިހާރުވަނީ ނިންމަވައިފައެވެ. އެއީ އެކަމަށް އެމްޑީޕީގެ ތާއީދު ނެތުމުންނެވެ. މުސްތަފާ ވިދާޅުވީ ޕާޓީން ނުގަބޫލް ކަމެއް ނުކުރައްވާނެ ކަމަށެވެ.