ހަކަތައަށް ގެނެވޭ އެންމެބޮޑު ދާއިމީ ޙައްލަކީ އިޢާދަކުރުވަނިވި ހަކަތަ: ރައީސް

ފޮޓޯ: މަޖިލިސް އިދާރާ

ހަކަތައަށް ގެނެވޭ އެންމެބޮޑު ދާއިމީ ޙައްލަކީ އިޢާދަކުރުވަނިވި ހަކަތަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި ހިންގޭ މަޝްރޫޢުގެ ދަށުން ކުކރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވައިލެވޭނެ ކަމަށެވެ. އަދި މި މަޝްރޫޢު ފުރިހަމަވުމުން، މުޅި ރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ތެލުގެ ޚަރަދު ކުޑަވެއްޖެނަމަ ކަރަންޓުގެ އަގު ކުޑަވާނެ ކަމަށާއި ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުކުރެވޭނެ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.

"ކަރަންޓާއި، ބަނދަރާއި، މަގާއި، ފެނާއި، ނަރުދަމާއާއި، އާރު.ޓީ.އެލް.އަކީ މުޅި ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ. ބަނދަރާއި، ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ ކުރިން، ބ. ފުޅަދޫގައި 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7000 ރުފިޔާ. ބަނދަރު ނިމި، ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު، މިއަދު ހަމަ އެ ބިމުގެ އަގަކީ، 15,000 ރުފިޔާ. މިހާރު އެކި ރަށްރަށުގައި ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުންދިޔަވަރަކަށް، އެ ރަށްތަކުގެ ބިމުގެ އަގުއަރާ. އެ ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ." ރައީސް ސާލިހު ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިޤްތިޞާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮންނަކަމަށާއި އެއީ، އެ ރަށްތަކުގެ ގޮނޑުދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިޤްތިޞާދު މުޅި ރާއްޖެއަށް ފަތުރާލުން ކަމަށެވެ.

އެކަން ކުރެވޭނީ އިތުބާރާއި ޔަޤީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމަށާއި އެއް ރަށް އަނެއް ރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ، ދަތުރުފަތުރުގެ ނިޒާމު ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ. އަދި އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.