ބްލޫ ރިބަން: ވެރިކަމާ ތޮޅުން

ދޮންބެއްޔާގެ ރައްޓެހި ، އެއްކަލަ އަހަންމަދު ، ދޮންބެއްޔާއާ ބައްދަލުކޮށްލުމަށްޓަކައި ދޮންބެއްޔާހުރި ފަޅުރަށަށް އައި ދުވަހެކެވެ. ފާލަންމަތިން ފުރަތަމަވެސް އަހަންމަދު އެހީ ، ރާބަދި ބާލައިފިތޯއެވެ. ދޮންބެއްޔާ އޭރުހުރީ ، ފަތިހު ރާބާލައިގެން ގެނެސް ކޮކާކޯލާ ހުސްކުރި ބޮޑުފުޅިޔަކަށް ރާބަދި އަޅާފައެވެ. އަހަންމަދު އަންނަންޏާ އެހުންނާނީ ތައްޔާރަށްކަމުގައި ދޮންބެއްޔާ ޖަވާބު ދިނެވެ.

ރަށުގެ ކަތީބުކަން ގެއްލުނުފަހުން އަހަންމަދު އެކަން އަނބުރާ ލިބޭތޯ ނުޖަހާ ސަކަރާތެއް ނެތެވެ. މިހާރު ކިތަންމެ ދުވަހެކެވެ. ވެރިކަމަކީ މާތް ﷲ މިންވަރުކުރައްވާ ކަމެއްކަމާއި ދެންއެކަން ދޫކޮށްލުމަށް ދޮންބެއްޔާ އެތައްފަހަރަކު އަހަންމަދަށް ނަސޭޙަތްދީފިއެވެ. އެކަމަކުވެސް އަހަންމަދުގެ ހިތުގައި ވެރިކަމަށް އޮތް ދަހިވެތިކަން ފިލައެއް ނުދެއެވެ. އަހަންމަދަށް ތާއީދުކުރާ މީސްކޮޅަކާއެކު ، މަޑެއްކޮށް ނުހުރެވެއެވެ. އެހެން އުޅެނިކޮށް މިހާރު އެއްފަހަރު ކުށެއްގައި ބެދި އަރުވާވެސް ލައިފިއެވެ.

ހެނދުނުގެ ނާސްތާއަށްފަހު ، އަހަންމަދުގެ ވާހަކަ ފެށިއެވެ. ހައްތާވެސް ދައްކަނީ ވެރިކަމުގެ ވާހަކައެވެ. އަހަންމަދު އައިއްސިއްޔާ ރައްޔިތުންނަށް ކޮށްދޭނެ މޮޅެތި ކަންތައްތަކުގެ ވާހަކައެވެ. އަހަންމަދަކީ ރަށުގައިހުރި އެކަމަށް އެންމެ އެކަށީގެންވާ މީހާކަމުގެ ވާހަކައެވެ. ކާފައިރުއްސުރެ ފަށައިގެން ވެރިކަމާ ތޮޅެމުން އައިސް ، އަހަންމަދަށް އެއްފަހަރަކު ވެރިކަން ލިބުނު ގޮތުގެ ފަޚުރާއެކީގައެވެ. ކުޑަދުވަސްކޮޅަކުން ވެރިކަމުން ފައިބަން ޖެހުނު ގޮތުގެ ވާހަކައެވެ. އަދި ދެންވެސް އެންމެ ތަންފުކެއްވެސް ދޫނުކޮށް އަލުން ވެރިކަން ލިބެންދެން މަސައްކަތް ކުރާނެކަމުގެ ވާހަކައެވެ. ދޮންބެއްޔާވެސް ، ހިތާ ދެކޮޅަށްނަމަވެސް އަހަންމަދާ އެއްބައިވެ ވާހަކައިގާ ބައިވެރިވެއެވެ. އެކަމަކުވެސް އަހަންމަދު އެއުޅޭގޮތުން އޭނާއަށް ދެރައެއް ލިބިދާނެތީ ދޮންބެއްޔާވެސް ވަރަށް ކަންބޮޑުވެއެވެ. ރައްޓެއްސަކަށް ވާތީއެވެ. އަހަންމަދަކީ ، ވެރިކަން ހޯދުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން ދޮންބެއްޔާއަށް އެނގެއެވެ.

އަހަންމަދަށް ވެރިކަން ލިބިގެން އެ ހިނގައިދިޔަ ދުވަސްތަކުގައި ވެރިކަން ދެމެހެއްޓުމަށްޓަކައި އަހަންމަދު ކޮށްފައިހުރި ވިޔާނުދާ ކަންކަން ދޮންބެއްޔާއަށް އެނގެއެވެ. އަހަންމަދު އޮތީ އެވާހަކަތައް ދޮންބެއްޔާއަށް ކިޔައިދީފައެވެ. އަހަންމަދު ބުނެގެން ރަށުން ރަތްހާލެއް ހިފައި ދޮންބެއްޔާވަނީ އަހަންމަދަށް ހާލެއް ފޮނުވާފައެވެ. އެއީ ކިޔަވާފައި ކަނޑަށް ލޭއަޅަންވެގެން އަހަންމަދު ގެންދިޔަ ހާލެއްކަމެއް ދޮންބެއްޔާއަކަށް ނޭނގެއެވެ. އެކަން ދޮންބެއްޔާއަށް އެނގުނީވެސް ފަހުން އަހަންމަދު އެވާހަކަ ކިޔައިދިނީމައެވެ. ވެރިކަމާ ތޮޅުނަސް އެއީ ދެން ފުކެއްބޮޑުވަރޭ ދޮންބެއްޔާ ހިތަށް އެރިއެވެ. އަހަންމަދު ބަލިވެގެން ، ކައިރި ރަށަކުން ފަންޑިތަ ހަދާމީހަކު ހޯދައިދޭށޭ ބުނެގެން އޭގެމީހަކުވެސް ދޮންބެއްޔާވަނީ އަހަންމަދަށް ފޮނުވައިދީފައެވެ. އެމީހާ ލައްވާވެސް އެކުރުވީ ކޮންފަދަ ބޮޑުކަމެއް ހެއްޔެވެ ؟ އެވާހަކަވެސް ދޮންބެއްޔާއަށް އެނގުނީ އަހަންމަދު ، ފަހުން ކިޔައިދިނީމައެވެ. އެތަނަށްދިޔަ އެހެންމީހަކުވެސް ދޮންބެއްޔާއަށް ވަނީ އަހަންމަދު އެކަންކުރިގޮތް ކިޔައިދީފައެވެ. ދެމީހުން ކީގޮތް ހަމަ އެއްގޮތެވެ.

ފަންޑިތަ ހަދާމީހާ ލައްވާވެސް އެއޮށް ކުރި ގޯސްކަމެކެވެ. މީހަކު ހީވެސް ނުކުރާވަރުގެ ބިރުވެރި ކަމެކެވެ. އަހަންމަދަށް ތަބާވާމީހުން ، ރަށުގެ ފުށްޓަރު ފަރާތަށް އެއްކުރީއެވެ. އޭރު އެތަނުގައި ދަނީ ބޮޑުތެލީގައި ، ބޮނޑިބަތް ކައްކަމުންނެވެ. އެރޭ ބާއްވާ ޙަރަކާތަކަށެވެ. ފަންޑިތަހަދާމީހާ އަހަންމަދު ގެންގޮސް ދެމީހުން އެކަހެރިވެފަ ، އަހަންމަދުގެ ގައިން ސިރިންޖަކުން ލޭދެމީއެވެ. އަޑުބައެއް ހުންނަހާ ލޭ އަހަންމަދުގެ ގައިން ދަމައި ފަންޑިތަވެރިޔާ ކިޔަވަން ފެށިއެވެ. އަދި ކިޔަވާ އެއްޗެއް ކިޔަވާ ނިމުމުން ، މީހަކަށް ނުފެންނަގޮތަށް ، އެލޭތައް އަޅައިލީ ކެކިކެކި ހުރި ބޮނޑިބަތް ތެއްޔަށެވެ. ހަވީރު އެތަނަށްދިޔަ މީހުންވެސް ، އެރޭ ބޭއްވުނު ޙަރަކާތުގައި ބައިވެރިވި މީހުންވެސް ކެއީ އެ ބޮނޑިބަތެވެ. އަހަންމަދުގެ ގައިން ދެމިލޭ އަޅައިގެން ކައްކާފައިހުރި ބޮޑިބަތެވެ. ފަންޑިތަވެރިޔާ ބުނިގޮތުގައި އެ ބޮނޑިބަތް ކައިފިމީހަކު ، ޢުމުރުދުވަހަށްވެސް އަހަންމަދަކާ ދެކޮޅެއް ނުވާނެއެވެ. އަހަންމަދުގެ ފަހަތުން އޭގެ ކޮންމެ މީހަކުވެސް އެނބުރޭނެއެވެ. އަހަންމަދު ކުރާ އެއްވެސް ގޯސްކަމެއް އެމީހުންނަކަށް ނުފެންނާނެއެވެ.

އެވާހަކަ އަހާފައި ދޮންބެއްޔާވެސް ސަހަރޯއޭ ހިތަށް އެރިއެވެ. ގައިން ހީބިހި ނަގައިގަތެވެ. ވެރިކަމަށް ބޫތުކެޔަސް އެއީ ދެން ތަންފުކެއް ބޮޑުވަރެކޭ ދޮންބެއްޔާ ހިތަށް އެރިއެވެ. އެވާހަކަ އިވުނުފަހުން އަހަންމަދާ ބައްދަލުކުރަން ދޮންބެއްޔާ ބިރުވެސް ގަނެއެވެ. އެކަމަކު ދުވަސްވީ ރައްޓެއްސަކަށްވާތީ ، ބައްދަލުކޮށްލަން އައިމަ ހުރިހާކަމެއް ހަނދާން ނައްތާލައިފާ އަހަންމަދަށް މަރުޙަބާ ކިޔަނީއެވެ.

ދިޔާހަކުރު ހެދެނީ ދިހަ ފުޅި ރާ ކައްކައިގެން ހަކުރު ފުޅިޔެކެވެ. ހަކުރު ހަދަން މަދުވިޔަސް ، އަހަންމަދު އަންނަ ދުވަހެއްވިއްޔާ އަހަންމަދު ބޯނެވަރަކަށް ބޯން ، ދޮންބެއްޔާ ދެތިންބަދި ރާ ވަކިކޮށްފައި ބަހައްޓައެވެ. އެސޮރު މަރުދުވަހަށް ދާނދެންވެސް ، ވެރިކަމާތޮޅުން ހުއްޓައި ނުލާނެކަން ދޮންބެއްޔާއަށް އެނގެއެވެ. ޢާއިލީ ކަމަކަށްވެފައި އަހަންމަދުގެ ކަށީގައިވެސް ހިފާފައި ހުންނަ ކަމަކީއެވެ. ދޮންބެއްޔާ ދެރަވަނީ ، އަހަންމަދު އެއުޅޭގޮތުން އަހަންމަދުގެ އަމިއްލަ ރަށަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމަށް ވިސްނައި ނުލާތީއެވެ. އެންމެ ރަނގަޅު ގޮތް އެނގޭނީ އަހަންމަދަށް އެކަނިކަން އަހަންމަދަށް ޤަބޫލު ކުރެވޭތީއެވެ. އެހެންމީހުން ބުނާ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާތީއެވެ. އަހަންމަދަށް ކަތީބުކަމުން ވަކިވާން ޖެހުނީވެސް އެހެން އުޅެން ހަދައިގެންނެވެ. ރަށް ނުހިންގިގެންނެވެ. ދޮންބެއްޔާވެސް އެތައް ނަސޭޙަތެއް ދިނެވެ. އެންމެފަހުން ، ރަށުގައި އޮތް ބޮޑުބެރު ޕާޓީގެ ބެރުޖަހާމީހުންނާ ލަވަލިޔާމީހުންވެސް ދެބައިވެ ، ކިޔާލަވަޔާ ޖަހާ ބެރާ ދިމާނުވިއިރުވެސް އަހަންމަދަކަށް ރޭކައެއް ނުލިއެވެ. އަހަންމަދަށް ޤަބޫލުކުރެވިފައި އޮތް ގޮތުގައި ، ކަތީބުކަމުގައި ހުރިއިރު ، އަހަންމަދުގެ ލޭ އަޅައިގެން ކެއްކި ބޮނޑިބަތް ކޭ މަދުބަޔަކު ނަމަވެސް  ވެރިކަމާ ތޮޅެން ، އަހަންމަދާ އެކީ އަބަދުވެސް ތިބޭނެއެވެ. ދޮންބެއްޔާއަށް މިހާރުވެސް އެމަންޒަރު އެބަ ފެނެއެވެ. އަހަންމަދާއެކީ އެރަށަށް އަންނަނީ ހަމަ އެއްބަޔެކެވެ.

2 ޚިޔާލު

  1. މިހުރިހާ ދުވަހު ހީކުރީ އެއީ ދޮގު ތުހުމަތެއް ކަމަށް. ދޮންބެއްޔާއަކީ އެހައި ގާތްރައްޓެއްސަކަށްވާތީ ދޮންބެއްޔާއަށް އަސްލު އެނގޭނެތީ މިހާރު ހަމަ މުޖައްރިބުވެއްޖެ.
    ވަރަށް ގާތް ދެމީހަކު އަމެއްފަޅީގަ އެތިބީ އެބޮޑިބަތުގެ ޙަޤީޤަތް އެނގޭތީ ފަކުރުން ނުކެއިމަ ކަންނޭނގެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.