މޯޓިވޭޝަން ސްޕީކަރ އަދި ލީޑަރޝިޕް ކޯޗު ހުސައިން އަފީފުގެ ޚާއްސަ އިވެންޓެއް ފެބްރުއަރީ މަހު ބާއްވަނީ

ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ އަދި ލީޑަރޝިޕް ކޯޗު ހުސެއިން އަފީފްގެ ޚާއްސަ އިވެންޓެއް އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ނިންމައިފި އެވެ.

ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން ބާއްވާ މި އިވެންޓް އޮންނާނީ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އެ ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށެވެ.

ރެޒޫމޯ މޯލްޑިވްސް އިން ބުނީ މި އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް' ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އަފީފް ތިން ސެޝަނެއް ނަންގަވައިދެއްވާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު، އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށްގެންދާ އިލްމީ ސެޝަންތަކެއް ހިމެނޭ ކަމަށް ވެސް އެފަރާތުން ބުންނެވެ.

ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި މިސްޓަ މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް މިސްޓަރ މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.

ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވީ މި އިވެންޓުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ.

"މިއީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ވިސްނާ ގޮތާއި ދަސްކުރާ ގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާ އިން ކިޔައިދެއްވާނެ."

މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސަރވަންޓުންނާއި ޔުނިވަރސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ހިޔާކޮށްފައި ނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ.

މީގެ އިތުރުން ކުންފުނިތަކާއި އޮފީސްތަކަށް، އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިންގ، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރުގެ ޒިންމާ އަދާކުރައްވާ އަފީފަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފަ އެވެ.

އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމަރ އެކްސްޕީރިއަންސް އާއި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރ ވެސް މެ އެވެ.

އޭނާ އަކީ ލީޑަރޝިޕާއި ޕަރސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.

އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://rb.gy/35ggo6

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.