މާލޭގައި ޕާކިންގ އިމާރާތްތައް އެޅުމަށް އޮތް ހުރަހަކީ ލޭންޑް ޔޫސް ޕްލޭން ޕާކުކޮށްފައި އޮތުން: ކައުންސިލަރު ސައިފް

މާލޭގައި ޕާކިންގް އިމާރާތްތައް އެޅުމަށް އޮތް ހުރަހަކީ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ޕާކުކޮށްފައި އޮތުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާޠިހު ވިދާޅުވެއްޖެއެވެ.

ސައިފް ވިދާޅުވީ ޕާކިންއެއް ނަގާއިރު ރައްޔިތުންނަށް އިތުރުގޮތެއް ދައްކައިދޭން ޖެހޭކަމަށާއި، ސްޓިކާ ޖަހަންޖެހޭ ޙާލަތުގައި އެކަންވެސް ކުރަންޖެހުނު ނަމަވެސް ސްޓިކާ ޖަހަންވާނީ މީހުންނަށް ޕާކުކުރެވޭނެ ބިލްޑިންގް ތަކެއް ހުންނަގޮތަށް ކަމަށެވެ. އަދި މި ހައްލު ރައްޔިތުންނަށް ގެނެސްނުދީ ހިފަހައްޓަނީ ކޮންބޭނުމަކު ކަމެއް ނޭނގެކަމަށާއި، މިއީ ދައުލަތުގެ ބަޖެޓަށް ބުރަވެ، ދަޢުލަތުން ތަކުލީފެއް އުފުލަން ޖެހޭ ކަމެއްނޫން ކަމާއި، މިއަދުވެސް މި މަސައްކަތްކޮށް ހައްލުހޯދެން އޮތީ ޕްލޭން ފާސްކޮށްދީގެން ކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު ސައިފް ވިދާޅުވީ ސަރުކާރުން މި ހުރިހާ ކަމެއް ހިފަހައްޓާފައިވަނީ މާލޭ ސިޓީ ކައުންސިލްގައި ސަރުކާރާއި އިދިކޮޅު މެޖޯރިޓީއެއް އޮތުމުން ކަމަށާއި، އަދި ކައުންސިލަށް ހޮވިފައި ތިބި ގިނަ އެމްޑީޕީ ކައުންސިލަރުންނަކީ މިސަރުކާރުން މާލެއަށް އަޅާނުލާ ނުލުމުގެ ވާހަކަ ދައްކާ ބަޔަކަށްވާތީ ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުގައި ސައިފް ސިފަކުރެއްވިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ލޭންޑްޔޫސް ޕްލޭން މިއޮތީ ވަކި މުއްދަތެއްނެތި ޕާކުކުރެވިފައި ކަމަށް ސައިފް ވިދާޅުވިއެވެ.

ކައުންސިލްގެ 86 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް އިތުރަށް ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައިވުމުގެ ސަބަބުން ކައުންސިލުން މާލެ ސިޓީއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުން މާލެއަށް ގެންނަން އެދޭ ބަދަލާއި، ރައްޔިތުންގާތު ހައްލު ކޮށްދޭން ބުނި ކަންކަން ހައްލުކޮށްދިނުމުގެ ފުރުޞަތެއް ނެތް ކަމަށްވެސް ސައިފް ވިދާޅުވިއެވެ. މިއާއިއެކު ސައިފް ވަނީ ލޭންޑް ޔޫސް ޕްލޭނެއް ނުހަދާ ކައުންސިލްތަކަށް ވަކި ކަންތައްތަކެއް ކުރުމުގެ ފުރުޞަތު ސަރުކާރުން ދީފައިވަނީ ހަމައެއްލަމައެއް ނެތި ކަމަށް ވިދާޅުވެފައެވެ.

ސައިފް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭނެއް ހަދާ އެ ޕްލޭން ފާސްކޮށްދިނުމަށް ސަރުކާރަށް ހުށަހެޅީ އެތައް ވަގުތެއް އެކަމުގައި ހޭދަކޮށް ބޮޑު ޕްރޮސެސްއެއް ތެރެއިން މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށާއި، އެހެންނަމަވެސް އެކަންވާގޮތެއްނުވި ކަމަށެވެ. އަދި މި ޕްލޭން ފާސްކޮށްނުދީ ހިފަހައްޓާ ހިފެހެއްޓުން ކުށްވެރިކުރާ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

މިދިޔަ ކައުންސިލާއި ސަރުކާރާއިއެކު އެއްބަސްވެވިފައިވާ ސްޓްރީޓް ސްކޭޕިން މަޝްރޫޢުގައި ހިމެނޭ ޕާކިންގް ބިލްޑިންގްތައް އެޅުމަށް ކުރީ ކައުންސިލުން ސަރުކާރާއިއެކު ކުރި މަސައްކަތްވެސް މި ކައުންސިލާއި ހަމަޔަށް އައިމާ ހިނގާ ގޮތްނުވި ކަމަށް ސައިފް ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.