ކިރުއިލޮށި - 1

(1)

ހިތްގައިމު ދޮންވެލި ގޮނޑުދޮށުގައި މަޅިފައްޗަކަށް އެމުނި ޖެހެމުންދާ ކިރުއިލޮށިތަކުގެ މުރާދަކީ އެއިން އިލޮށްޓެއްގައި ދޫންޏެއްޖެހި ، ދޫވެގެން ސަލާމަތްވުމުގެ ކުރިން ، އެ ދޫންޏަށް ޙައްޤުވެގެންވާ މިނިވަންކަން ޖަހައި ގަތުމެވެ. އެދޫނި ހިފައިގެން ގެންގޮސް ކޮށްޓަކަށް ލައި ބަންދު ކުރުމެވެ. އެހިސާބުން ދޫނީގެ ވެރިފަރާތަކީ އޭނާކަމަށް ނިންމައެވެ. އެދޫނީގެ ވެރިފަރާތަކީ ﷲ ކަމާއި ، އެއީވެސް ﷲ ފުރާނަ އެޅުއްވި އެއްޗެއްކަން ހަނދާން ނެތި ދެއެވެ. މަޅިފަތީގައި އެތުރިފައި ހުންނަ ކިރުއިލޮށްޓަކީ އެ ދޫންޏަށް އޮޅުވާލައިގެން ލަވަމުން ގެންގޮސް އޭގައި ޖައްސައި ހައްޔަރުވާ އެއްޗެއްކަން ، އެދޫނީގެ ކޮށި ސިކުނޑިއަކަށް ނުވިސްނޭނެއެވެ. ބައެއް ދޫނީގެ ނަސީބު ރަނގަޅުކަމުން ، އެއިން ކިރުއިލޮށްޓެއްގައި ނުޖެހި ސަލާމަތް ވެއެވެ. އަނެއްބައި ދޫނި ، ކާ އެއްޗެއް ހޯދުމަށް ގޮނޑުދޮށުގައި ހިނގާ ހިނގުމުގައި ، އެ ކެހިވެރި މަޅިފަތީގައިޖެހި ، އެއަށް ލިބިގެންވާ މިނިވަން ދިރިއުޅުން ބަރުބާދުވެގެން ދެއެވެ. މަޅިފަތިޖަހާ މީހާގެ ހަވާ ނަފްސުގެ އަޅުވެތިކަމުގައި ، މިނިވަންކަން ގެއްލި ، އެމީހާގެ ހިތްއުފާކުރާ ، އެހެނަސް ކޮށްޓަކަށްލެވި ބަންދު ކުރެވިފައިވާ އިންނަ ސޫތްޕަކަށް ވެގެން ދެއެވެ.

އެމީހާ ހިތްއުފާވާ ވަގުތު ، ލޯބިކުރަމުން ، ހިތްހަމަ ނުޖެހޭ ވަގުތު އަނިޔާކުރަމުން ، ފެންފޮދެއްވެސް ނުދީ ނުބަލަހައްޓަމުން ދާއިރު ،  އެ ދޫނީގެ ކުށަކީ ކޮބައި ހެއްޔެވެ ؟ ދޫނީގައި ލައްވާފައިވާ ޤުދްރަތީ ރީތިކަމާއި ހިތްގައިމުކަމުން އުފާ ހޯދާއިރު ، އެކަން ހަނދާން ނައްތައިލާފައި ، އެއީވެސް ފުރާނަ އަޅުއްވައި ،  ﷲ ހެއްދެވި ނަފްސެއްކަމަށް ނުދެކޭ އިންސާނުން ދުނިޔޭގައި އެބަ އުޅެއެވެ. އިންސާނާގެ ޙަޔާތުގައި ކުރާ ކުރު ދަތުރުގައި ، ކަންބޮޑުވެ ހިތްދަތިވާ ވަގުތު ހިތަށް އަރާމެއް ދެނީ އެ ދޫނީގައި ލައްވާފައިވާ ޤުދްރަތީ ރީތިކަމުންކަން ހަނދާނެއް ނުހުރެއެވެ. އަދި އެ ރީތިކަމުގެ އަގެއް ވަޒަނެއް ނުކުރެވެއެވެ. ބަންދުކޮށްގެން ހައްޔަރުގައި ބައިންދައިގެން ނުވަތަ އެއްފައިގާ ވާ އައްސައި ބަނދެގެން އެ ގެންގުޅެވެނީ ، މަކަރާއި ޙީލަތުން މަޅީގައި ޖައްސައިގެން އަތުލައިގަނެ ، އޭގެ މިނިވަންކަން މުށުތެރެއަށް ލައިގެން ގެންގުޅޭ ފުރާނައެއްކަމުގެ އިޙްސާސެއް ނުވެއެވެ. ބައެއް އިންސާނުންނަކީ ، ތިމާ ބޭނުންވާ ގޮތް އެއީ ގޮތްކަމަށް ދެކޭ ބަޔެކެވެ. އެހެން މީހުންގެ އިޙްސާސްތައް އެއީ ބަލައިގަންނަންޖެހޭ އެއްޗެއް ކަމަކަށް ނުދެކެއެވެ.

" ކިރުއިލޮށި " އަކީ ، އުނދަގުލާއި ތަކުލީފް ، މަކަރާއި އޯގާތެރިކަމުގެ ޙީލަތްތެރި ނުބައި ރޭވުންތަކުން ، ވަފާއާއި ބޭވަފާ ، ލޯތްބާއި ނުރުހުން ، ހިތްވަރާއި ނާއުއްމީދު ، އޭގެ އިންތިހާގައި ދައްކުވައިދޭ ، ގުޅުންތަކެއްގެ ނަމޫނާ ތަޞައްވުރެކެވެ. ދިރިއުޅުމުގެ އެތައް ފިލާވަޅުތަކެއް ނަގައިދޭ ، ވޭނީ ހިތާމައާއި އުފާ މަސްހުނިވެ އުފައްދާ ޢިބުރަތުން ފުރިގެންވާ ރީތި ވާހަކަ އެކެވެ.

ޙައިދަރުއާބާދުގެ ފަޤީރު އަވަށްގަނޑެކެވެ. ޚައިރާދާއި މައިމޫނާއާ ދެމައިންނަކީ ، ފެށުނީއްސުރެ ފަޤީރުކަންމަތީ ދަތިޙާލުގައި ދިރިއުޅެމުން އަންނަ ދެމައިންނެވެ. ޚައިރާދުގެ ބައްޕަ ނިޔާވިފަހުން އެދެމައިންގެ ނިކަމެތިކަންވަނީ ދެގުނަޔަށް އިތުރުވެގެން ގޮސްފައެވެ. ދިރިއުޅޭ އެޕާޓްމަންޓަށް ކުލި ދައްކާފައި އަގަޔާ އަތާ ދިމާވަނީ ވަރަށް ޙާލުންނެވެ. އެދެމައިންނަށް ލިބޭހާވެސް އާމްދަނީއަކީ ކުދިންނަށް ޓިއުޝަންދީގެން ލިބޭ އެއްޗެކެވެ. ޚައިރާދުގެ ޑިގްރީ ނިންމާފަ އަދި އެހުންނަނީ މަންމަގެ ބަލިޙާލަތު ހުރިގޮތުން ، މަންމަ ދޫކޮށްލާފައި ދުވާލު ހަތަރުދަމު ވަޒީފާގައި ގެއިން ބޭރުގައި އުޅެންދާން ނުކެރިފައެވެ. އެހެންނަމަވެސް ، ކިޔެވި އެއްޗެއްގެ ބޭނުންކޮށްގެން ދިރިއުޅުމުގެ ބޭނުންތައް ހިފުމަކީވެސް ، ކުރިމަތިވެފައި އޮތް މަޖުބޫރެކެވެ. އެ މަޖުބޫރަށްވުރެ ޚައިރާދު އިސްކަންދިނީ މަންމައަށެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ މަންމައެވެ. އޭނާ މީހަކަށް ހަދައިދިނީ މަންމަގެ ބުރަ މަސައްކަތުންނެވެ.

އެއްޗެހި ދޮވެގެން އައިސް ، ބޭރަށް ފެންފޮޅައިލުމަށްފަހު ، އެޕާޓްމަންޓްގެ ބެލްކަނީގެ ފާރުބުރިމަތީ ޚައިރާދު އެ ހެދުންތައް ހިއްކަން އަތުރައިލިއެވެ. ކުރިމަތިންނާއި ދެފަރާތުން ފެންނަންހުރި ބާ އެހެނަސް އުސް ޢިމާރާތްތަކުގެ ބެލްކަނީތަކުގައި ހިއްކަން އަޅާފައިވާ ހެދުންތަކުން ، އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ނިކަމެތި ކަމާއި ފަޤީރުކަން ސާފުކޮށް އެނގެއެވެ. ދޮވުނު ހެދުންތައް އަޅައިގެން ގެނައި ބާ  ބާލިދީގަނޑު  ހިފައިގެން ، ޚައިރާދު ގޭތެރެޔަށް ވަނެވެ. އެނބުރެލި ތަނުން ޚައިރާދަށް ފެނުނީ އޭނާގެ މަންމަ ، ކުދިންނަށް ޓިއުޝަން ދޭން އިންތަނެވެ. ކުދިންނަށް ޓިއުޝަން ދިނުމުގެ މަސައްކަތުގެވެސް ބޮޑުބައި ބަލަހައްޓަނީ ޚައިރާދެވެ. އެ ވަގުތު މަންމަ އެ މަސައްކަތުގައި އެއުޅެނީ ، އެއްޗެހި ދޮންނަން ޚައިރާދު ދިޔައިމައެވެ. މަންމަޔަށް ވީވަރަކުން ، ޚައިރާދަށް އެކަމުގައިވެސް އެހީތެރި ވެދެވޭތޯ ބަލަނީއެވެ. އެއީ ޚައިރާދުގެ ހިތަށް އުފާވެރިކަން ގެނެސްދޭ އޭނާގެ ދުނިޔެއެވެ. އުފާވެރި ހިނިތުންވުމެއް ޚައިރާދުގެ މޫނުމައްޗަށް ވެރިވިއެވެ. އަދި އެ އުފާވެރި ހިނިތުންވުމުގައި ހުރެ ، ބަދިގެޔަށްގޮސް ކިރުސައިތަށްޓެއް ހަދައިގެން މަންމަޔަށް ގެންގޮސް ދިނެވެ.

ކުރިޔަށް އޮތްދުވަހުގެ ފިލާވަޅުތަކާބެހޭގޮތުން އެކި ކުދިންނަށް ވަކިވަކިން ކިޔައިދިނުމަށްފަހު ، ޚައިރާދު ، އެކުދިން ގެޔަށް ފޮނުވައިލިއެވެ. އެހެންތާކަށްނުގޮސް ، ސީދާ އެކުދިންގެ ގެޔަށް ދިއުމަށް ނަޞޭޙަތް ދީފައެވެ. އަދި މަންމަ އެއްވެސް ކަމެއްނުކޮށް ، ބަދިގެޔަށްވެސް ނުވަދެ ހަމަޖެހިލައިގެން އިނދެ ސައިތަށި ބޯލުމަށް ޚައިރާދު އެދުނެވެ. އެރެޔަށާ އެއްކޮށް ޚައިރާދު ހުރީ ކާތަކެތި ތައްޔާރު ކޮށްފައެވެ. އެހެންވީމާ މަންމަ ބަދިގެޔަށް ވަންނާކަށް މިއަދަކު ނުޖެހޭނެއެވެ. ހަމައެކަނި ނުފިހެ ހުރީ ރޮށްޓެވެ. މަޣުރިބް ނަމާދުކޮށްލައިގެން ، ޚައިރާދު އެކަންވެސް ކުރާނެއެވެ. އޭރަށް ތަންކޮޅެއް ހޫނުކޮށް ، ތާޒާކޮށް ރޮށި ކައިލެވޭނެތީއެވެ.

އެވަރުންވެސް ، ޚައިރާދުގެ މަންމަ މައިމޫނާއަށް މަޑުން ހުރެވޭގޮތެއް ނުވިއެވެ. ޚައިރާދުގެ ބޮޑުބޭބެގެ ނަންބަރު ދޭށޭ ބުންޏެވެ. ބޭބެ މިހާރު މަސައްކަތް ނިންމާފަ ގެޔަށް އަތުވެދާނެއެވެ. މިހާރު ގުޅައިފިއްޔާ ބޭބެއާ ދިމާވާނެއެވެ. މައިމޫނާ އޭނާގެ ކޮއްކޮ ބަޝީރަތާ ނުގުޅާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެމީހުން ދިރިއުޅެނީ ކަރާޗީގައެވެ. ބަޝީރަތަށް އެހައި ގިނައިން މައިމޫނާއަކާ ނުގުޅެއެވެ. އެކަމާ ޚައިރާދު ޝަކުވާ ކުރިއެވެ. ބޮޑުބޭބެ މަންމަޔާ ނުގުޅާއިރު ، މަންމަ އެހާވަރަކުން ބޭބެއާ ގުޅަން އުޅޭތީއެވެ. މައިމޫނާގެ ވާހަކަ ރަނގަޅެވެ. ބަޝީރަތަކީ މުއްސަނދި މަހުޖަނެކެވެ. އޮފީހުގައި މަސައްކަތުގައި އުޅޭނީ ވަރަށް އަވަދި ނެތިއެވެ. އަމިއްލަ ޢާއިލާގެ ކަމެއްކޮށްލަންވެސް ވަގުތެއް ނުލިބޭނެއެވެ. އެހެންނަމަވެސް ، އެ ވާހަކަޔަކަށް ޚައިރާދަކަށް  އެއްބަހެއް ނުވެވުނެވެ. މަންމަ އަބަދު ފޯނުކުރާއިރު ބޭބެޔަށްވެސް އެއްމިނެޓަށް ނުވަތަ ދެމިނިޓެއްހާއިރަށް ގުޅާލާފަ މަންމަގެ ޚަބަރު ބެލެންވާނެ ކަމުގައި ޚައިރާދަށް ފެނުނެވެ. މަންމަ ދެކެ ބޭބެ ނުލާހިކު ލޯބިވާނެ ވާހަކަ ބުނުމުން ޚައިރާދުގެ ހިތަށް އުނދަގޫ ވިއެވެ. ޚައިރާދުގެ ބައްޕަ ނިޔާވިތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. އޭރުއްސުރެ އެންމެ ފަހަރަކުވެސް މަންމަ ދެކިލަން ހައިދަރުއާބާދަށް ، ބަޝީރަތު އައިއްސައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ފޯނުކުރަނީ މަންމައެވެ. އެހާ ލޯބިވެ އަޅާލަން ބޭނުންކަމަށް ވަންޏާ ޚައިރާދުމެންނަށް އެއްޗެއް ދިއްކޮށްނުލިޔަސް ، ޙާލު ބަލައިލަން ގުޅައިލާނެއެވެ. ވަރުވަރުން ކާރާއި ޑްރައިވަރުންނާ ނޯކަރުން ގެންގުޅޭނެއެވެ. ޚައިރާދު އެތައް ވާހަކައެއް ދެއްކީމަވެސް މައިމޫނާ ކުރެއް ނުކުރިއެވެ. އެންމެފަހުން މަންމަޔަށް ، ބަޝީރަތުގެ ނަންބަރުދޭން ޚައިރާދަށް މަޖުބޫރު ވިއެވެ.

މައިމޫނާއަށް ނަންބަރު ލިބިގެން ފޯނުކޮށްލިއިރު ، ބަޝީރަތު އޮފީސް ނިންމާފައި ގެޔަށް އައިސް އަންހެނުން ، ފަރީދާއާ ދެމަފިރިންތިބީ ސިޓިންގރޫމުގައި ޓީވީ ބަލާށެވެ. ފޯނުގެ ރަނގަބީލުގެ އަޑަށް ، ޓީވީ މަޑުކޮށްލާށޭ ބުނެ ، ބަޝީރަތު ފޯނު ނެގިއެވެ. ދެބެން ދެބެންނަށް ޙާލު އަހުވާލު އޮޅުންފިލުވައި ހެޔޮ ދުޢާކޮށް ހެދިއެވެ. މައިމޫނާގެ ފޯނެއްކަން އެނގުނު ހިނދު ފަރީދާގެ މޫނު ކުނިކޮށްލިއެވެ. ޚައިރާދުގެ ވާހަކައެއް ބަޝީރަތެއް ނާހައެވެ. އެހެންނަމަވެސް ، ޚައިރާދަށް އަޑު އިއްވައިލުމަށްޓަކައި ، ޚައިރާދުވެސް ރަނގަޅޭ ، މިހާރު ބީއޭ ހަދަނީއޭ ، މިއަހަރު ނިމޭނެއޭ މައިމޫނާ ބުންޏެވެ. ޚައިރާދުވެސް ބޭބެއަށް ސަލާމް ބުނާށޭ އެބަ ބުނެއޭ މައިމޫނާ ބުންޏެވެ. ޚައިރާދަށް އެއަޑު އިވުމާއެކު މޫނު ހަދާފައި އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ފަރީދާގެ މަސައްކަތާ ބެހޭގޮތުންވެސް މައިމޫނާ ސުއާލު ކުރިއެވެ. ފަރީދާގެ އެންޖީއޯގެ މަސައްކަތް ވަރަށް ރަނގަޅަށް ދާކަމުގައި ބަޝީރަތު ބުންޏެވެ. އަދި ފަރީދާ ނުބުނިނަމަވެސް ، ފަރީދާވެސް ދައްތައާ ޚައިރާދު ކޮއްކޮއަށް އެބަ ސަލާމް ބުނެއޭ ބަޝީރަތު ބުންޏެވެ. އަޙްސަރާ ބެހޭގޮތުންވެސް މައިމޫނާ ސުއާލު ކުރިއެވެ. އެތައްފަހަރަކު ހައިދަރުއާބާދަށް ގޮސް ދައްތަޔާ ބައްދަލުކުރާނެ ކަމަށް ބުނެވިފަ އޮތްނަމަވެސް ، އަދި ނުދެވޭތީ ދެރަވާކަމުގައި ބަޝީރަތު ބުންޏެވެ. އަދި ދެދުވަހެއްގެތެރޭގައި މެލޭޝިއާއަށް ގޮސް އައިސް މިފަހަރު ހައިދަރުއާބާދަށްގޮސް ދައްތައާ ބައްދަލުކުރާނެކަމަށް ބަޝީރަތު ވަޢުދު ވިއެވެ.

ފޯނު ބޭއްވުމަށްފަހު ، ބަޝީރަތު ގޮސް ސޯފާގައި ޖައްސައިލިތަން ބަލަހައްޓައިގެން ފަރީދާ އިނެވެ. ބަޝީރަތު ކަންބޮޑުވެފައި އިންތަން ފެނިފައި އެމީހުންގެ ޙާލު ރަނގަޅުތޯ އާއި ކަމެއް ގޯސްވީތޯ ފަރީދާ ސުއާލު ކުރިއެވެ.

ބަޝީރަތު ކަންބޮޑުވެފައި އެއިނީ ، ދައްތަގެ އެ ލޯބީގެ ބަދަލުގައި އޭނާއަށް ދައްތައާމެދު ޢަމަލު ކުރެވޭ ގޮތުންނެވެ. ދޭތެރެ ދޭތެރެއިން ފޯނުކޮށް އެންމެންގެ ޙާލު ، މައިމޫނާ އަހާނެއެވެ. އެކަމަކު އެއްފަހަރުވެސް އިސްވެ ، ބަޝީރަތަށް ދައްތައާ ގުޅައި ލެވިފައެއް ނުވެއެވެ. ފޯނުކޮށްލާކަށް ހަނދާނެއް ނުހުރެއެވެ. ދައްތަގެ ފިރިމީހާ ނިޔާވިފަހުން މިއޮއް ހުރިހާ ދުވަހެއްވީ އިރުވެސް ދައްތަ ގާތަށް ޖައްސައި ލެވިފައެއް ނުވެއެވެ.

ބަޝީރަތު ކަންބޮޑުވެފައި އިންތަން ފެނިފައި އެކަމާ ނުވިސްނުމަށް ފަރީދާ ބުންޏެވެ. ހައިދަރުއާބާދުން އައިފަހުން ، ބަޝީރަތު އުޅުނީ ވިޔަފާރިއާ ބެހޭ މަސައްކަތްތަކުގައި އަވަދިނެތިކަން ހަނދާން ކޮށްދިނެވެ. އަދި ފަރީދާވެސް ، އެންޖީއޯގެ މަސައްކަތްތަކުގައި އެހާ ބުރަކޮށް އުޅެން ޖެހުނީމަ ، އެކަންކަން ދޫކޮށްލާފަ ނުދެވޭނެކަމަށް ފަރީދާ ބުންޏެވެ. މެލޭޝިއާއަށް ގޮސް އައިސް ދެތިން ދުވަހަކަށް ދައްތަ ގާތަށް ބަޝީރު ޖައްސައިލުމަށް ފަރީދާ ލަފާދިނެވެ. އެހެންކަމުން ، މެލޭޝިއާއިން އައިސް ދައްތަ ގާތަށް ގޮސް ދެތިން ދުވަހު މަޑުކޮށްލަން ބަޝީރަތު ނިންމިއެވެ.

**********************

ޚައިރާދު ، ގޭގެތަންތަން ފޮޅަމުން ސާފުކުރަމުންގޮސް ، ސިޑިގޮޅީގެ ކިޑިކީ ދޮރު ސާފުކުރަމުން ގެންދިޔައެވެ. އެމަސައްކަތުގައި ޚައިރާދު އުޅެނިކޮށް އަވަށްޓެރިއެއް ކަމުގައިވާ ޚާލާ ދައިތަ އެތަނަށް އައެވެ. ޚައިރާދު ގޮވައިލުމުން އޭނާ ޖަވާބެއް ނުދިނެވެ. އަދި އެގެޔަށް އަންނަން ބުނީމަ ޚައިރާދު ނައިސްގެން އެކަމާ ޝަކުވާކުރަމުން ގޭތެރެޔަށް ވަދެގެން ދިޔައެވެ. ޚާލާއާއެކު ، ޚައިރާދުވެސް ގޭތެރެޔަށް ވަނެވެ. މައިމޫނާ ފެނުމާއެކު ސަލާމް ގޮވައިލާ އޭނާކައިރީގައި އިށީނދެލިއެވެ. އަދި ޚައިރާދު ގާތު އެގެޔަށް ޖައްސާލާށޭ ބުނީމަވެސް ނުގޮސްގެން ޚާލާ ޝަކުވާ ކުރިއެވެ. ޚާލާއަކީ ، ޚައިރާދު ވިހޭއްސުރެ އެގެޔަށް ޤަވާޢިދުން އަންނަ އަވަށްޓެރިއެކެވެ. ޚާލާ ، ރަނގަޅު ކާއެއްޗެއް ހަދައިފިއްޔާ މައިމޫނާއަށް ނުދީއެއް ނުކާނެއެވެ. މިއަދުވެސް އެއައީ ގޭގަ ހެދި ކާއެއްޗެއް ހިފައިގެންނެވެ. ޚައިރާދު ދިޔައީ ޚާލާ ހިފައިގެން އައި ތަށިބަރި ހުސްކޮށްލުމަށް ބަދިގެ ފަރާތަށެވެ.

މައިމޫނާ ، ބޮލުގައި އަތްކާއްތަމުން ދިޔަތަން ފެނިފައި އަދިވެސް ލުޔެއް ނުލިބެނީތޯ ޚާލާ ސުއާލު ކުރިއެވެ. މައިމޫނާގެ ބޮލުގައި އޭރު ވަރަށް ބޮޑަށް ރިއްސަމުންދިޔައެވެ. އަލްޓްރާ ސައުންޑް ޓެސްޓެއް ހެދުމަށް ޑޮކްޓަރ އޮތީ ، އެންމެ ފަހުން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހު ލަފާދީފައެވެ. އެހެންނަމަވެސް ، މައިމޫނާ އެހުންނަނީ އަދިވެސް އެ ޓެސްޓް ނުހަދައެވެ.    މިހާރު ކެތްވަނީކީ ނޫނެވެ.  ޚާލާ އެންމެ ފަހުން ކަންބޮޑުވިއެވެ. އަދި ވަގުތުން މައިމޫނާ ގޮވައިގެން ޑޮކްޓަރަށް ދާން ނިންމިއެވެ. ޚައިރާދު ގާތުވެސް އެވާހަކަ ބުނެލިއެވެ.

ޑޮކްޓަރަށް ދައްކާ ނިމިގެން ، ގެޔަށް އައި މަގުމަތީގައި ހުރި ގޮނޑިއެއްގައި މައިމޫނާ އިށީނދެ މަޑުކޮށްލިއެވެ. އަދި ޚާލާގާތު ވަރަށް މުހިންމު ވާހަކައެއް ބުންޏެވެ. އަދި އޭނާއަށް ރޮވެން ފެށިއެވެ. ދެންވާނެ ގޮތަކާމެދު ކަންބޮޑުވިއެވެ. އޭނާގެ ދަރިފުޅު އެކަނިވެރިވާނެ މިންވަރު އިޙްސާސް ކުރެވުނެވެ. މައިމޫނާގެ ބަލީގެ ވާހަކަ ޚައިރާދުގާތު ނުބުނުމަށް ޚާލާއަށް އާދޭސްކޮށްފައި ބުންޏެވެ. އެކަން ޚައިރާދަށް އެނގިއްޖިއްޔާ ހިތްދަތިވެގެން ގޮސް އެކުއްޖާފަކީރު އަވަދިވެދާނެ ކަމުގައި މައިމޫނާ ބުންޏެވެ.

ޚާލާވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަދި އޭނާއަށް ފެންނަނީ ކަރާޗީއަށްގޮސް ކޮއްކޮ ބަޝީރަތުގާތު މައިމޫނާ ދުވަސްކޮޅަކު މަޑުކޮށްލައި ، ކަރާޗީގެ ރަނގަޅު ޑޮކްޓަރަކަށް ދައްކަން ކަމުގައި ޚާލާ ލަފާ ދިނެވެ.

ގެޔަށްގޮސް ރޭ  ވަންދެން މަޑުކޮށް ، ޚައިރާދު ނިދުމުން ، ބެލްކަނީއަށް ނުކުމެ ބަޝީރަތަށް ގުޅިއެވެ. އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށާއި އެބަލިން އޭނާ ސަލާމަތްކޮށްދިނުމަށް ބަޝީރަތުގެ ކިބައިން ރޮއިރޮއިފާ އެދުނެވެ. ބަޝީރަތުވެސް އެވާހަކަ އަހާފައި ނިހާޔަތަށް ކަންބޮޑުވިއެވެ. އަދި މާދަމާ އޭނާ އަޙްމަދުއާބާދަށް ގޮސް ދައްތަޔާ ބައްދަލުކުރާނެކަމުގައި ބުންޏެވެ. އަދި ދައްތަޔަށް އެއްވެސް ގޮތެއް ނުވާނެ ކަމަށާއި އޭނާ ދައްތަޔަށް އެހީތެރިވާނެ ކަމަށް ވަޢުދު ވިއެވެ.

ޚައިރާދުގާތު ، މައިމޫނާގެ ކެންސަރުގެ ވާހަކަ ޚާލާއެއްވެސް ނުބުނެއެވެ. އަދި މައިމޫނާވެސް ޚައިރާދަކަށް އެކަމެއް ނާންގައެވެ. ހަމައެކަނި އޭނާގެ ބަލީގެ ވާހަކަ ބުނީ ، ހަމައެކަނި ތިމާގެ މީހަކަށް ހުރި ކޮއްކޮ ، ބަޝީރަތު ގާތުގައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. މިވާހަކަ ރީތިވާނެ ދެބެން ރަޙިމުގެ ގުޅުން ދަމަހައްޓާ ކޮއްކޮ
    ދައްތަޔަށް އަޅާލާ ހަދަންޏާ ފެށުން ކިތައްމެހާވެސް ރީތި!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.