ހިޔަނި - 1

"ކޮންމެވެސް އެހީއެއް ވެދެއްވާ-"

"މި ވަގުތަކު ޖީބުގައި އެއްވެސް އެއްޗެއް ނެތް-"

"އޯހ- ޔޫ ފޫލް-"

"އަހަނ- އެންމެ މި ޒަމާނުގެ ސަލާންޖަހާ މީހެއް- އިނގިރޭސި ބަސްވެސް އެބަ އެނގޭ-" އޭނާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

"ތިޔަހެން އަޅުގަނޑަށް މަލާމާތް ކުރެއްވުމަކީ ރީތި ގޮތެއްތޯ-؟" ނަވްޝީންގެ މޫނުމަތީން ފެންނަނީ ރުޅިވެރިކަމާއި ލަދުވެތިކަމުގެ އަސަރެވެ.

"ބަލާ ބެލުމަށް ހީވަނީ ކޮންމެވެސް ވަރަކަށް ކިޔަވައިގެން ހުރި ކުއްޖެއްހެން- ޒުވާން އުމުރު- މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދުމަކީ އުނދަގޫ ކަމަށް ވެގެން ނުވާނެ- އެކަމަކުވެސް ސަލާން ޖަހަނީ-؟" އެ ޒުވާނާ ބުނެލިއެވެ.

އެ ބީރައްޓެހި ޒުވާނާގެ ތުންފަތްމަތީގައި ނަށަނަށާ ހުރި ލާނެތް ހިނިތުންވުން ފެނިފައި ނަވްޝީންގެ ރުޅި އިންތިހާއަށް ހިނގައްޖެއެވެ. ދަތްދޮޅި ތުރުތުރު އަޅާން ފަށައިފިއެވެ.

"މޮޔަ މީހާގަނޑާ... އަހަރެންގެ ކާރު..."

"އޭތް- ރީތިކޮށް ވާހަކަ ދެއްކޭތޯ ބަލާ-" ޒުވާނާ އަތް އުފުލައިލިއެވެ. ނަވްޝީނަށް ޖެހުނީ ހިމޭން ވާށެވެ. "އާނ- ދެން ބުނޭ- ކާރަށް ކިހިނެއްވީ-؟"

މި، ގޮތެއް ފޮތެއް ނެތް މީހާގެ ކިބައިން އެއްވެސް އެހީއަކަށް އެދުމަކީ ނަވްޝީން ހިތް ހަމަ ޖެހޭ ކަމަކަށް ނުވެއެވެ. އެހެން ނަމަވެސް މިހާރު މިއޮތީ މަޖުބޫރު ވެފައެވެ. އެހީއަކަށް ނޭދި ކުރާނޭ އެއްވެސް ކަމެއް ނެތެވެ. ފަޅު ހިސާބުގަނޑެކެވެ. އިރު އޮއްސި އަނދިރިވާން އުޅެނީއެވެ. އުޑު މައްޗަށް ކަޅު ވިލާތައް ފެތުރެމުން ދަނީއެވެ. ވާރޭ ވެހިގަންނާނޭ އިރެއް ނޭނގެއެވެ. ކާރު ކުއްލިއަކަށް ހުއްޓުނީއެވެ. އަމިއްލައަށް މަސައްކަތް ކޮށްކޮށް އިސްޓާޓު ކުރެވޭ ގޮތެއް ނުވިއެވެ. މި ބީރައްޓެހި މީހާގެ އެހީއަކަށް އެދޭން ޖެެހުނީ އެހެން ވެގެންނެވެ.

މިއީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ އެހީއަކަށް އެދުނީމާވެސް ކުރަނީ ޖެއްސުމެވެ. އުޅެ ބޮޑުވެފައިވާ ގޮތަށް ބަލާއިރު ނަވްޝީނަކީ އެ ކަހަލަ މަލާމާތާއި ޖެއްސުމަށް ކެތްކުރާ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް ޙާލަތު ނިޔާކުރި ގޮތުން މި އޮތީ ހުރިހައި ކަމަކަށް ކެތް ކުރާން ޖެހިފައެވެ.

"ބީފާނު. ވިސްނަވަނީ ކޮން ކަމަކާތޯ-؟ ކަމަނާހެން އަޅުގަނޑަކީ ހުހަށް ދުއްވާލަން ވަގުތު އޮންނަ މީހަކީމެއް ނޫން-"

"އަޅުގަނޑަކީ ވަރަށް އަވަދި ނެތި އުޅޭ މީހަކީން-"

ނަވްޝީން ރުޅިގަނޑު ހިންދައިލެވޭތޯ މަސައްކަތް ކުރިއެވެ. "އަޅުގަނޑުގެ ކާރު ކުއްލިއަކަށް ހުއްޓުނީ- އުޅެ އުޅެ އިސްޓާޓެއް ނުވި- ވީ ގޮތެއްވެސް ނޭނގުނު-"

"ހިންގަވާ- އަޅުގަނޑު ބަލައިލާނަން-" އިޙްސާންތެރިކަން ހަނދާން ކޮށްދޭފަދަ ރާގަކަށް އޭނާ ބުނެލިއެވެ.

ނަވްޝީނަށް ޖެހުނީ ތުންފަތް ހަފައިލަހަފައިލާ ހުންނާށެވެ. މިހާރު ދިމާވެފައި މިވާ ފަދަ ޙާލަތަކާ ދިމާވެފައި ނުވާ ނަމަ މި މީހާއަށް ދުނިޔޭގެ ދެކޮޅު ދައްކައިލަ ދިނީހެވެ. އެހެން ނަމަވެސް މި ވަގުތު އެންމެ ރަނގަޅީ ހިމޭނުން ހުރުން ކަމަށް ވާތީ އަނގައިން ނުބުނީއެވެ.

އެ ޒުވާނާ ކުރިއަށް ގޮސް ގޮސް ހުރެފައި އެނބުރި ފަހަތަށް ބަލައިލިއެވެ. "ކަމަނާ މިހައި މޫސުން ނުބައި ދުވަހެއްގައި ބޭރަށް ނުކުންނެވީ ކީއް ކުރައްވަންތޯ-؟ ރަނގަޅު އަންހެނުން ތިބޭހެން ގޭގައި މަޑުމަޑުން އިންނަވާން އުނދަގުލީތޯ-؟"

ނަވްޝީނަށް ހިފަހައްޓައިގެން ހުރެވޭ ވަރަށްވުރެ މައްޗަށް ދިޔައީއެވެ. "އަޅުގަނޑު އުޅޭނީ އަޅުގަނޑު އުޅޭނޭ ގޮތަކަށް- އެކަމާ ބެހުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ- އަޅުގަނޑުގެ ޒާތީ ކަންތައްތަކާ ބެހިލައްވާން ތިޔައީ ކާކުތޯ-؟"

"ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް- އަޅުގަނޑަކީ ކާކުތޯ-؟ ކަމަނާޔަކާ އަޅުގަނޑަކާ އެއްވެސް ގުޅުމެއް ނެތް- ނުލާހިކު އަރާމުގައި ހިނގާފައި ދަނިކޮށް އަޅުގަނޑަށް ގޮވައި ހުއްޓުވަން ކަމަނާއަކީ ކާކުތޯ-؟"

ކަމާލް ހުއްޓި ހުރެގެން އޭނާގެ ކުރިމަތީގައި ހުރި ހޫނު މިޒާޖުގެ އަންހެން ކުއްޖާއާ ދިމާއަށް ބަލައިލިއެވެ. ނޫ ކުލައިގެ ޖީންސަކާއި ގަމީހެއް ލައިގެން މޫނަށް ޖަންބު ކުލަ އަރުވައިގެން ފުފިފައި ހުރި އަންހެން ކުއްޖާ ވަރަށް ރީއްޗެވެ. ކަމާލްގެ ވާހަކަ އޭނާއަށް އަޑު އިވުނެވެ. އެހެން ނަމަވެސް ދަނޑިވަޅުގެ ނާޒުކުކަން ހިތަށް އެރުމުން ހިސާބަކަށް މަޑުމައިތިރި ވެއްޖެއެވެ.

"އަޅުގަަނޑުގެ ކާރު..."

"އާދެ- އާދެ- ކަމަނާގެ ކާރު..."

ކަމާލް ކާރާ ދިމާއަށް ހިނގައިގެންފިއެވެ. އިންޖީނުގެ މަތިގަނޑު ނަގައިގެން ބަލާން ފަށައިފިއެވެ. ނަވްޝީން މަގުގެ އެއް ފަރާތުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ބަލަހައްޓައިގެން ހުއްޓެވެ.

އުމުރުން ފަންސަވީސް ނުވަތަ ސައްބީހަކަށް އަހަރުގެ ކަމާލް، ނަވްޝީނާ ދިމާއަށް ބަލައިލިއެވެ. ނަވްޝީން ދިޔައީ ސިއްސައިގެންނެވެ. އެ އިސްކޮޅުން ދިގު، ހަށިގަނޑު ވަރުގަދަ ޒުވާނާއާ ދިމާއަށް އޭނާ ބަލާން ހުރިކަން އެނގިދާނެތީއެވެ.

"ބީފާނު- އަޅުގަނޑަކީ ކަމަނާގެ އަޅެއް، ނޫނީ މުސާރަވެރިއަކީމެއް ނޫން- އަޅުގަނޑާ މަސައްކަތް ޙަވާލު ކުރައްވާފައި ފިނި ކުރައްވާން އިންނަވައިގެން ނުވާނެ- މި ތަނަށް ވަޑައިގަނޭ-"

ނަވްޝީން ކައިރިއަށް އައިސް ރުޅި އައިސް ރަތް ވެފައި އަހައިލިއެވެ. "ކިހިނެއްވީ... ތޯ-؟"

ޒުވާނާ ހިނިތުން ވެލިއެވެ. "އަޅުގަނޑުގެ މަސައްކަތް ނިމޭންދެން މި ތާނގައި އިންނަވައިގެން އަޅުގަނޑާ ވާހަކަ ދައްކަވާ- އަޅުގަނޑުގެ އުޖޫރައަކީ އެއީ-"

"ވާހަކަ...؟ އުޖޫރަ...؟"

"އާދެ- ކަމަނާގެ ވާހަކައަކީ އަޅުގަނޑުގެ މަސައްކަތުގެ އުޖޫރަ- ހިލެއަކު މަސައްކަތެއް ނުކުރެވޭނެ-"

މި ބޯ ހަރު މީހާގެ ކަރުގައި ހިފައިފާނަމޭ ނަވްޝީންގެ ހިތަށް އެރިއެވެ. އޭރުވެސް އެ ޒުވާނާ ކަޅިވެސް ޖަހައިނުލައި އޭނާއާ ދިމާއަށް ބަލަނީއެވެ.

"އެންމެ ފުރަތަމަ ނަން ވިދާޅުވޭ-"

ރުޅި އައިސްގެން ގޮސް ނަވްޝީންގެ މުޅި ހަށިގަނޑު ތުރުތުރު އަޅާން ފަށައިފިއެވެ. ޒުވާނާ އިރުކޮޅަކު އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރުމަށް ފަހު މަސައްކަތް ހުއްޓައިލާފައި ކާރަށް ލެނގިލައިގެން ހުރެއްޖެއެވެ.

"އުޖޫރަ ނުލިބެނީސް މަސައްކަތެއް ނުކުރެވޭނެ-"

އައިސްފައި ހުރި ރުޅިއެއްގެ ގަދަ ކަމުން ނަވްޝީންގެ އަނގައަކުން އަޑެއް ނުނުކުމެއެވެ. އިރުކޮޅަކު ބަލާން ހުރެފައި ކަމާލް ހިނގައިގެންފިއެވެ.

"އެންމެ ރަނގަޅު- އަޅުގަނޑު ދަނީ-"

ނަވްޝީން ބިރުން އަވަސް އަވަހަށް ބުނެލިއެވެ. "އަޅުގަނޑުގެ ނަމަކީ ނަވްޝީން ސަޢީދު-"

"އަޅުގަނޑަށް ވަރިހަމަ-"

ކަމާލް ނުހުއްޓި ކުރިއަށް ދިޔައީއެވެ. ނަވްޝީނަށް ނުރޮވުނީ ކިރިޔާއެވެ. އަނދިރި ވަނީއެވެ. މޫސުން އެހައި ނުބައެވެ. މުޅި ހިސާބުގަނޑަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. މީހަކު ނުކުމެ ދިމާކޮށްލިޔަސް ސަލާމަތް ވާނޭ ގޮތެއް ނެތެވެ. މި ޚިޔާލު ހިތަށް ވަނުމާއެކު ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ދުވެފައި ގޮސް ކަމާލްގެ އަތުގައި ހިފެހެއްޓިއެވެ.

"އަޅުގަނޑު އެކަނި ދޫކޮށްލައްވައިފައި ވަޑައިނުގަނޭ-"

ކަމާލް ހުއްޓިއްޖެ އެވެ. "މިއަދު އަޅުގަނޑު ދޫކޮށް ނުލައްވާ ގަޮތަށް ހަމަޖެއްސެވީތޯ-؟ އަޅުގަނޑުގެ ޕްރޮގްރާމް އޮތީއަކީ އެހެންނެއް ނޫން-"

ކަމާލް ނިންމައިގެން ހުރީ ފައިސާގެ ދަޅަ ސިކުނޑިއަށް އެޅިފައިވާ މި އަންހެން ކުއްޖާ ކޮންމެވެސް ވަރަކަށް ތަޅުވައިލާށެވެ.

"ހެޔޮ ނުވާނެ- އަޅުގަނޑުގެ ކާރު ރަނގަޅު ކޮށް ދެއްވާ-"

"ހޫނ- މިހާރު ރަނގަޅު- ހިންގަވާ- ރަނގަޅު ކުރެވޭތޯ ބަލައިލާނަން- އެކަމަކު މަސައްކަތުގެ އުޖޫރަ ބަރާބަރަށް ލިބެން ވާނެ- އަޅުގަނޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހަކީމެއް ނޫނޭ ކުރިންވެސް ދެންނެވީމެއް ނޫންތޯ-؟"

"އެންމެ ރަނގަޅު-"

ކިޔަމަންތެރިކަމާއެކު އޭނާ ޖަވާބު ދިން ގޮތުން ކަމާލްގެ ގާތަށް ހިނިވެސް އައެވެ. ދެވަނަ ފަހަރު ކާރުގެ ކައިރިއަށް އައިސް އޭނާ މަސައްކަތް ފަށައިފިއެވެ.

"އެންމެ ފުރަތަމަ ނަން ވިދާޅުވޭ-"

"ނަން ދަންނަވައިފީމެއް ނޫންތޯ؟"

"އަލުން ފަށްޓަވާ."

"ނަވްޝީން ސަޢީދު-"

"ބައްޕަގެ ނަން-؟"

"ޙަސަން ސަޢީދު-"

"ކުރައްވަނީ ކޮން މަސައްކަތެއްތޯ-؟"

"ޔުނިވަރުސިޓީގައި ކިޔަވަނީ-"

"ހޮބީ-؟"

އޭނާ ކާރުގެ އިންޖީނު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު އޭނާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

"މިއުޒިކަށް ވަރަށް ބޮޑަށް ލޯބިކުރަން-"

"އެހެންތޯ-؟ ކައްކަން އެނގިވަޑައިގަނޭތޯ-؟"

"ކޭކު، މެޓާ ކަހަލަ ފޮނި ކާ އެއްޗެތި ހަދަން ދަންނަން-"

"ވަރަށް މޮޅު-" ކަމާލް މަލާމާތް ކޮށްލިއެވެ.

ކޮންމެވެސް އެއްޗެކޭ ބުނެލާން ނަވްޝީން ބޭނުން ވިއެވެ. އެހެން ނަމަވެސް އަނގައިން ނުބުނެ ހުރީއެވެ.

"މި ކަހަލަ ވަގުތެއްގައި ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށްތޯ-؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.