ދެކަފި - 94

(18 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް އޭނާގެ ފޯނު ހިފައިގެން ސީލިންގަށް ބަލަހައްޓައިގެން އިނެވެ. އޭނާ އެއިނީ ފޯނާބެހޭކަމެއްގައި ގެއްލިފައެވެ. ފޯނު ބަލައިލުމަށްފަހު ، ޒަރޫންގެ ނަމަށް ދިޔައެވެ. އަދި ޒަރޫންގެ ނަންބަރު ސޭވް ކުރެވިފައި އޮތް ހަޒްބަންޑް ގެ ނަން ބަދަލުކޮށްލިއެވެ. މޭން ގެ ނަމަށެވެ. އަދި އެނަން އެގޮތަށް ސޭވް ކޮށްލިއެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އަދިހިތާ ހިތާ ޝަކުވާ ކޮށްގަތެވެ.

ހުރިހާ ފިރިހެނުންނަކީވެސް އެއްވައްތަރެއްގެ ބަޔެކެވެ. މަންމަޔާ ޖެހުނީވެސް އޭގެ މީހަކާއެވެ. އަހަރެންނާ މިޖެހުނީވެސް ހަމަ މަންމަޔާ ޖެހުނު ކަހަލަ މީހަކާއެވެ. ތަފާތެއް ނެތެވެ. މަންމަގެ ފިރިމީހާ މަންމަ ދޫކޮށްލީ ތިންދަރިން ލިބުނު ފަހުންނެވެ. އަހަރެންގެ ފިރިމީހާ އަހަރެން އެ ދޫކޮށްލީ އޭނާގެ ދެކުދިންނަށް ބަލިވެ އިންދައެވެ. އަނެހެނުންގެ އިޙްސާސްތަކަށް އެއްވެސް ޚިޔާލެއް ނުބަހައްޓައެވެ. އެއްވެސް އަޅައިލުމެއްވެސް ނެތިއެވެ. އަމިއްލަ ނަފްސަށް ބެކުން ފިޔަވައި އެހެން މީހަކާމެދު ވިސްނައެއް ނުލާނެއެވެ. އަހަރެންނާ ކައިވެނި ކުރުމުގެ ފަހުންވެސް  ، އޭނާގެ ހިތުން އަސްމަރާ ފިލައިގެންނެއް ނުދިޔައެވެ. ޒަރޫންގެ ހިތުގައި އަސްމަރާ ބާއްވަން ބޭނުންނަމަ ބާއްވަން ވީއެވެ. އެކަމަކު އަހަރެންގެ ފަހަތުން އަޅައިގަނެގެން ދުވަންވީ ކީއްކުރަން ހެއްޔެވެ ؟  ކަޝަފްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަނީ އޭނާގެ ނިދުމަށް ހުރަސް އަޅާފައެވެ. ދެބުމަ ގޮށްޖެހި ދެލޯހުރީ ތައްމިނަށް ހުޅުވިފައެވެ. ވޭނާއި ތަކުލީފުން އޭނާގެ ހިތްއެދަނީ ފޮތިފޮތި ވަމުންނެވެ.

ހެނދުނު ހޭލައިގެން އިރުކޮޅެއްވީ އިރުވެސް ކަޝަފްގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. މަންމަ ގާތު އިށީނދެ އިނދެގެން އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ކަޝަފްގެ ރުއިން ހުއްޓުވައި ހިތްވަރު ދިނުމަށްޓަކައި ރާފިޢާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އޭނާގެ ޙަޔާތުގައި އެއްވެސް ރަނގަޅުކަމެއް ނުވެޔޭ ބުނެ ކަޝަފްގެ ރުއިން ބާރުވިއެވެ. އެއްވެސް މީހަކަށް އޭނާ މުހިންމެއް ނޫނެވެ. އެއްވެސް މީހަކު އޭނާއަކާ އަޅައެއް ނުލައެވެ. އޭނާގެ ޙަޔާތަށް އައި ދެފިރިހެނުންވެސް ، ބައްޕަވެސް އަދި ޒަރޫންވެސް އޭނާ ދޫކޮށްލީއެވެ. ކަޝަފަކީ ކިޔަވައިގެން ހުރި ދުރުވިސްނޭ ހިތްވަރުގަދަ ކުއްޖެކެވެ. އެކަހަލަ ވާހަކަ ދައްކައި އަމިއްލަ ނަފްސަށް އިތުބާރު ނުކޮށް މާޔޫސް ވަނީ ކީއްވެގެން ހެއްޔޭ ބުނެ ރާފިޢާ ކަޝަފް ގެނެސް ގަޔާ ބޮނޑިކޮށްލިއެވެ.

މި ވަގުތަކީ ، ދަރިފުޅު އުފާކުރަންވީ ވަގުތެކެވެ. ދަރިފުޅު ތިއިނީ ބަލިވެއެވެ. ދަރިފުޅުގެ ގޮންޖެހުމަކީވެސް އަދި އުއްމީދަކީވެސް އެކުދިންނެވެ. މާތް ﷲ އަށް ދުޢާކޮށް ، ދަރިފުޅު ކަހަލަ ދަރިފަސްކޮޅެއް ދެއްވާތޯ ﷲ ގެ ޙަޟުރަތުގައި ދަންނަވާށެވެ. ދަރިފުޅަކީ ލައްކަޔަކުން އެކެކެވެ. ކަޝަފްގެ ބޮލުގައި ފިރުމަމުން ރާފިޢާ އޭނާގެ ދަރިފުޅަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ.

ކަޝަފްގެ އެއް ކަންބޮޑުވުމަކީ ، އޭނާއަށް އަންހެންކުދިން ލިބިދާނެތީއެވެ. ޒަރޫން ބޭނުންވަނީ ފިރިހެން ކުދިންނެވެ. ތިން އަންހެނުންނާއެކު އޭނާގެ ޢާއިލާގެ ދިރިއުޅުމުގައި މައްސަލަތަކެއް އޮވެދާނެކަމުގައި ޒަރޫން އޮތީ ބުނެފައެވެ. ޒަރޫން އެހެން ނުބުނާނެކަމަށް ރާފިޢާ ބުންޏެވެ. އަދި ޒަރޫން އެހެން ބުނިކަމުގައިވިޔަސް އޭނާ ޒަރޫންއަށް ވިސްނައިދޭނެކަމަށް ރާފިޢާ ބުންޏެވެ.

ޒަރޫންއަށް މީހަކު ކިޔައިދިނަސް އެއްވެސް އެއްޗެއް ނުވިސްނޭނެއެވެ. ކަޝަފް ގެޔަށް އައިތާ މިހާރު ފަސް ހަދުވަސް ވީއެވެ. ޚަބަރުވެސް ބަލައެއް ނުލައެވެ. ކަޝަފަށް ލިބެނީ ދެ އަންހެންކުދިންކަން އެނގުމުން ދެން ޒަރޫން ކުރާނީ ކީއްކަމެއްވެސް ނޭނގެއެވެ. ރާފިޢާ ހުއްޓައިނުލާ ކަޝަފަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ. އެއީ ކަޝަފް ވިހާ ފުރަތަމަ ފަހަރެވެ. އިރާދަ ކުރެއްވިއްޔާ ދެން ފަހަރަކުން ފިރިހެންކުއްޖަކު ލިބިދާނެއެވެ. އަންހެން ކުއްޖަކު ލިބިއްޖިއްޔާ ދެން ކުރާނީ ކީއްތޯ ކަޝަފް ސުއާލުކުރިއެވެ.

ކަޝަފްގެ ރުއިން ހުއްޓައި ނުލުމުން ރާފިޢާއަށް މާޔޫސްކަން ލިބުނެވެ. ކަޝަފްގެ ފަރާތުން އެއްވެސް ހިތްވަރެއް ނުފެނުނީމަ ރާފިޢާ ވަކިން ބޮޑަށް މާޔޫސް ވިއެވެ. ރާފިޢާގެ މުޅި ދިރިއުޅުން ހޭދަކުރީ ބުރަމަސައްކަތް ކޮށްގެން ކަޝަފް މެންނަށް ހިތްވަރު ދިނުމުގައެވެ. އޭނާކުރި ހިތްވަރުން ފިލާވަޅު ލިބިގެން ކަޝަފްމެންވެސް އެމީހުންގެ ދިރިއުޅުމުގައި ހިތްވަރުކުރަން ދަސްކޮށްދިނުމުގައެވެ. އެކަމަކު އެހިތްވަރެއް ކަޝަފްގެ ފަރާތުންނެއް ނުފެނުނެވެ. އަންހެން ދަރިންނާއި ފިރިހެންދަރިންގެ ތަފާތު ކުރުން ނައްތާލައި ، ކޮންމެ ޖިންސެއްކަމަށް ވިޔަސް އެކުދިން އުފަންވުމުގައި އެކުދިންގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ރާފިޢާ ކުރި މިންނަތް މަސައްކަތް ބޭކާރުވެގެންދާތަން ފެނުމުން ރާފިޢާގެ ހިތަށް އަސަރު ކުރިއެވެ. އަންހެން ކުދިންނަކީ ފިރިހެން ކުދިންނަށް ދޫނުކުރާނެ ބައެއްކަން ރާފިޢާ ވަނީ މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައެވެ. އެ ޙަޤީޤަތް ކަޝަފް މެންނަކަށް ޤަބޫލެއް ނުކުރެވުނެވެ.

ރޭގަނޑުގެ ނިދާގަޑީގައި ކުރީއްސުރެ ކަޝަފް އާދަކޮށްފައިވާ ގޮތަށް އޭނާގެ ޑައިރީ ހިފައިގެން އިށީނދެ ލިޔަން ފެށިއެވެ. އަންހެނެއްގެ ޙައިޞިއްޔަތުން އަހަރެންނަކީ ނިކަމެތި މީހެއް ނޫނީމެވެ. އެހެންނަމަވެސް ، ދެ އަންހެންކުދިންގެ މަންމަޔަކަށް ވާން އުޅޭކަމުގެ ޚަބަރު ލިބުމުން އެނިކަމެތިކަން އަހަރެންނަށް މިލިބެނީ ކީއްވެގެން ހެއްޔެވެ  ؟ އެއީ އަހަރެންނަށް ކުރިމަތިވާ އިމްތިޙާނެއް ހެއްޔެވެ ؟ ނުވަތަ މަޖުބޫރެއް ހެއްޔެވެ ؟ ތަޢުލީމު އުނގެނުމަށްޓަކައި އަހަރެންގެ ކިބައިގާ ނެތްހިތްވަރުލާފައި ކުރި ބުރަ މަސައްކަތާއެކުވެސް ، ނިކަމެތި އަންހެނެއްގެ ތަޞައްވުރަށް އެ ހީވާގިކަމާއި ކެތްތެރިކަން ބަދަލުވެގެން މިދަނީ ކީއްވެ ހެއްޔެވެ ؟ ދަރިންނަށްޓަކައި ޒަރޫންގެ ބޭވަފާތެރިކަން ހަނދާން ނައްތާލަންވީ ހެއްޔެވެ ؟ ނުވަތަ ، ދެ ދަރިންނާއެކު އެކަނިވެރިމަޔެއްފަދައިން ދިރިއުޅުން އާބާދުކުރަންވީ ހެއްޔެވެ ؟ އެއީ އޭނާއަށް ނުކުރެވޭނެ ކަމެއް ނޫނެވެ. މަންމަވެސް އެއޮތީ އެކަން ކާމިޔާބު ކޮށްފައެވެ. އެކަމަކު ފިރިޔަކާ ނުލާ މަންމަ އެ ވޭތުކޮށްލި ހިތްދަތި ދިރިއުޅުން އަހަރެންވެސް ތަކުރާރު ކުރަންވީ ހެއްޔެވެ ؟

ހެނދުނު އެނދުން ނުތެދުވެ ކަޝަފް ، ޒަރޫންއަށް ފޯނު ކުރިއެވެ. ޒަރޫން ނިދާފައި އޮވެފައި ފޯނުވާ އަޑަށް ހޭލައިގެން ބަލައިލިއިރު ، އެފޯނެއް އެއަންނަނީ ވުމަން ގެ ނަމުގައި އޭނާއަށް ސޭވް ކުރެވިފައިވާ ނަންބަރަކުންނެވެ. އެހެންކަމުން އެފޯނު ނަގާކަށް ޒަރޫން ބޭނުމެއް ނުވިއެވެ. ޒަރޫން އޭނާގެ ފޯނު ނުނަގާނެކަން ކުރިންވެސް ކަޝަފަށް އެނގެއެވެ. ޒަރޫން ފޯނު ނުނަގާ އަނެއކާވެސް ނިދަން ހަމަޖެހިލިއެވެ. އެކަމަކު ކުއްލިޔަކަށް އޭނާ ފުންމައިގެން ތެދުވިއެވެ. އެއީ ކަޝަފްގެ ނަން ވުމަން އަށް ބަދަލުކުރިކަން ކުއްލިޔަކަށް ހަނދާން ވެގެންނެވެ. އަދި ފޯނު ނަގައި އިތުރު ވިސްނުމަކާ ނުލައި ވަގުތުން ކަޝަފަށް ފޯނު ކުރިއެވެ.

ކަޝަފް ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ. ކަޝަފް އަނގައިން ނުބުނީމަ ޒަރޫން ހަލޯއޭ ބުންޏެވެ. ޒަރޫން ކިހިނެއްތޯ ކަޝަފް ސުއާލު ކުރިއެވެ. ޒަރޫން ރަނގަޅު ކަމަށާ އަދި ކަޝަފް ކިހިނެއްތޯ ޒަރޫން ސުއާލު ކުރިއެވެ. ކަޝަފް ޑޮކްޓަރަށް ދިޔަ ވާހަކަ ބުންޏެވެ. އޭނާގެ އަޑުގައި ކަންބޮޑުވުމާއި ހިތާމަ އެކުލެވިފައި ވެއެވެ. އެކަން ޒަރޫންއަށްވެސް ފާހަގަ ކުރެވުނެވެ. އަދި ވީ ކިހިނެއްތޯ ޒަރޫން އެހިއެވެ. ކަޝަފް ބުނަން ނުބުނަން ހުރެފައި ރޮވިފައި އިނދެ ، އޭނާއަށް ލިބެނީ ދެއަންހެންކުދިން ކަމުގައި ބުންޏެވެ. އަދި އޭނާ އެނބުރި ގެޔަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ.  ކަޝަފްގެ ރުއިމުން ޒަރޫންގެ ހިތަށް އަސަރު ނުކޮށެއް ނުދިޔައެވެ. ދެއަންހެންކުދިން ލިބޭވާހަކަ ކަޝަފް ބުނުމުން ، ޒަރޫންގެ މޫނުމައްޗަށް އުފާވެރިކަން އައެވެ. އަދި ހިނިތުން ވެލިއެވެ. ޒަރޫންވެސް ހަމަޖެހިލާފައި އަންނާށޭ ބުންޏެވެ.

ކަޝަފް ފިނިވެގެން ނިދަން އުނދަގޫ ވެގެން ދެފަރާތަށް ފުރޮޅިލައި ހަމަޖެހިލިއެވެ. އަދި މަންމަ ، ފަންކާ އެހާ ބާރުކޮށްފައިހުރީމާ ޝަކުވާ ކުރިއެވެ. ދެފަހަރަކު ފުރޮޅިލައި ރަޖާގަނޑު އެޅީމަވެސް ފިނިކަން ފިލައިގެންނެއް ނުދިޔައެވެ. ދެލޯހުޅުވައި ލެވުނެވެ. އެވަގުތު ކަޝަފަށް ފެނުނީ ޒަރޫން އެއެނދުގައި އޭނާއާ ޖެހިގެން ނިދާފައި އޮތްތަނެވެ. ދެލޯ މަރައިލުމަށްފަހު އަނެއްކާވެސް އަނެއް ހުވަފެން ފެންނަނީއޭ ބުނެ ދެލޯ ބާރަށް ތަގުޅި ކޮށްލިއެވެ. އަދި އެނދުގައި ފުރޮޅިލީތަނާ އޭނާގެ އަތް އިންސާނެއްގެ ގައިގާ ޖެހުނުކަން އިޙްސާސްވެ ، ސިއްސައިގެންގޮސް ދެލޯ ބޮޑުކޮށްލިއެވެ. ކަޝަފަށް އަނެއްކާވެސް އެ ފެނުނީ ޒަރޫން އެ އެނދުގައި ނިދާފައި އޮތްތަނެވެ. ކަޝަފް ހީކުރީ އޭނާ ހޭލާހުއްޓާ ހުވަފެނެއް ފެންނަނީ ކަމަށެވެ. އަދި މަޑުމަޑުން އޭނާގެ އަތްގެންގޮސް ޒަރޫންގެ މޫނުގައި ޖައްސައި ފިތައިލިއެވެ. ޒަރޫންއަށް ސިއްސައިގެންގޮސް ހޭލެވުނެވެ. ކަޝަފަށްވެސް ލިބުނު ސިހުމުގައި އެނދުމައްޗަށް ތެދު ވެވުނެވެ. އަދި ޒަރޫންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އަދިވެސް އެއީ ޒަރޫންކަން މުޅިން ކަށަވަރު ނުވާގޮތަކަށެވެ.

ތި ކުރީ ކީއްހެއްޔޭ ބުނެ ޒަރޫން ނިދިމޯޅީގައި ޝަކުވާ ކުރިއެވެ. ޒަރޫން އައީ ކޮންއިރަކުތޯ ކަޝަފް ސުއާލު ކުރިއެވެ. ކަރާޗީއަށް ޒަރޫން އައީ ފަތިހު 4 ގެ ފްލައިޓުންނެވެ. އަންގައި ނުލާ ޒަރޫން އައީތީ އެކަމާ ކަޝަފް ޝަކުވާ ކުރިއެވެ. އަދި ޒަރޫން ކުރެން ނުއަހައި ކަޝަފް ގެއިން ނުކުމެގެން އައީތީ ޒަރޫންވެސް ޝަކުވާ ކުރިއެވެ. ކަޝަފް ނުހިފެހެއްޓީ ކީއްވެތޯ އަހައި ކަޝަފް ޝަކުވާ ކުރިއެވެ. ކަޝަފް ގެއިން ނުކުތުމުގެ ކުރިން ނުއެހީ ކީއްވެތޯ ޒަރޫން ސުއާލު ކުރިއެވެ. ކަޝަފް އެ ސުއާލު ޒަރޫންއާ ކުރަންވީ ކީއްވެތޯ ކަޝަފް ސުއާލު ކުރިއެވެ. ކަޝަފް ހުއްޓުވަންވީ ކީއްވެތޯ ޒަރޫން ސުއާލު ކުރިއެވެ. ޒަރޫން ތިއައީ ކީއްވެގެންތޯ ކަޝަފް ސުއާލު ކުރިއެވެ. ޒަރޫން އެއައީ ކަޝަފަށްޓަކައި ނޫންކަމަށާއި އޭނާ އެއައީ އޭނާގެ ކުދިންނަށްޓަކައި ކަމުގައި ޒަރޫން ބުންޏެވެ.

" ޒަރޫން ތިއައީ އަހަރެންނަށްޓަކައެއް ނޫން ދޯއެވެ ؟ " ކަޝަފް ބުންޏެވެ.

" ކަޝަފަށްޓަކައި އަހަރެން އަންނަނވީ ކީއްކުރަން ހެއްޔެވެ ؟ ތިއީ ބަސްނާހާ ، ރުޅިގަދަ ، ގޮތްދޫނުކުރާ މޮޔަ އަންހެނެއް ނޫންހެއްޔެވެ ؟ އަހަރެންދެކެ ލޯތްބެއްވެސް ނުވެއެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫން ތިއީ ، އަމިއްލަ އެދުން ބޮޑު ، އަޅައިނުލާ ، އަންހެންކުދިންނާ އަޅައިގަނެގެން އުޅޭ ފިރިހެނެކެވެ. އަން ކިޔައިފިއްޔާ ވަރިހަމަ ވާނެއެވެ. ފެންނަ ކޮންމެ ކުއްޖަކު ދެކެ ލޯބިވާނެއެވެ. " ކަޝަފް ބުންޏެވެ.

އެސުއާލުގެ ޖަވާބު މިރޭ ނުދޭނެކަމުގައި ޒަރޫން ބުންޏެވެ.

" ތިޔައީ އަހަރެންގެ މުޅި ޢުމުރުގައިވެސް އަހަރެންގެ ޙަޔާތަށް އަންނާނެ އެންމެ ފަހު ފިރިހެނާއެވެ. ޒަރޫން ނޫން އެހެން އިންސާނެއްދެކެ އަހަރެން ލޯތްބެއް ނުވަމެވެ. އަދި ޒަރޫން ފިޔަވައި އެހެން އެއްވެސް އިންސާނަކު އަހަރެން ބޭނުމެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

އެކަން އޭނާއަށް އެނގޭ ކަމުގައި ޒަރޫން ބުނުމުން ، ދެން ނިދާށޭ ބުނެ ރަޖާގަނޑު ޒަރޫންގެ ގައިމައްޗަށް ހެޔޮވަރުކޮށްލަ ދެމުން ކަޝަފްވެސް ލޯމަރާލައެވެ. އެހެންނަމަވެސް ، ދެން ނުނިދޭނޭ ބުނެ ޒަރޫން އެނދުމަތީ އިށީނެވެ. އޭނާއަށް ނުނިދޭނީ ، ބަލިވެ އިނީމަ ކަޝަފް ރޯތީ ކަމަށާއި އަނެއްކާވެސް ގޮތްދޫނުކޮށް  ޖަދަލު ކުރާތީ ކަމަށް ބުނެ ކަޝަފާ ސަމާސާ ކުރަމުން ގެންދިޔައެވެ. ޒަރޫންގެ ސަމާސާ ވާހަކަތަކުން ކަޝަފް ގާތަށް ހިނިއައިސް އޭނާގެ މޫނުމަތިން ހަމަޖެހުމާއި އުފާވެރިކަން ފެންނަންދެން ޒަރޫންގެ ސަމާސާ ކުރިޔަށް  ގެންދިޔައެވެ.

ހެނދުނު ތެދުވެ ގޯތި ތެރޭގައި ދެމީހުން ހިނގަމުން ޒަރޫން އޭނާގެ ހިތުގައިވާ އުދާސްތަކާއި ޝަކުވާތައް ކަޝަފްގެ ކުރިމައްޗަށް ބަންޑުން ކުރަމުން ގެންދިޔައެވެ. ޒަރޫންއަށް ކަޝަފް ޝައްކު ކޮށްފާނެކަމަށް ، އެއްވެސް ވަރަކަށް ޒަރޫންގެ ހިތަކަށް ނާރައެވެ. ޒަރޫން ބޭވަފާތެރިވެދާނެކަމަށް ކަޝަފްގެ ހިތަށް އެރިގޮތަކާމެދު ޒަރޫން ހުރީ އަޖައިބު ވެފައެވެ. އެއީ ކޮންހިތަކުން ކަޝަފަށް ކުރެވުނު ޝައްކެއް ހެއްޔެވެ ؟

ޒަރޫން ، ކަޝަފަށް ކަންކަން ސިއްރު ކުރާކަމަށް ވަންޏާ ޝައްކު ކުރުން ފިޔަވައި ކަޝަފަށް އޮންނާނީ އެހެން ކޮން ގޮތެއް ހެއްޔެވެ ؟ ޒަރޫން އެއްވެސްކަމެއް ސިއްރެއް ނުކުރެއެވެ. އަސްމަރާއާމެދު ކަޝަފްގެ ހިތް ރަނގަޅުނުވާނެކަން ޒަރޫންއަށް އެނގެއެވެ. އަސްމަރާއާ ބައްދަލުކުރުމަށް ޒަރޫން ދާކަން އެނގިއްޖެނަމަ ކަޝަފް ރުޅިއައިސް މޮޔަވެދާނެކަމަށް ޒަރޫން އަށް ހީކުރެވުނެވެ. ކަޝަފްގާތު އަސްމަރާގެ ވާހަކަ ޒަރޫންއަށް ބުނަން ނުކެރުނު ސަބަބު ސާފުކޮށްދިނެވެ.

އެކަން ވެގެންދިޔައީވެސް އެހެންނެވެ. އެކަން އެނގުމުން ކަޝަފްގެ ހޭބުއްދި ފިލައި ދިޔައީއެވެ. އަދި އަސްމަރާއާއި ޒަރޫންއާ ދެމީހުން ނަހަމަ ގުޅުމެއް ހިންގާކަމުގައި ޝައްކު ކުރީއެވެ. ކޮންމެ ޙާލެއްގައިވެސް ޒަރޫން ދޮގުހަދައި އެއޮތީ ކަޝަފަށް އޮޅުވައިލާފައެވެ. އެވާހަކަ ކަޝަފްގާތު ރީތިކޮށް ބުނިނަމަ އެމައްސަލަ އެހައި ބޮޑެއް ނުވީހެވެ.

ޒަރޫން ، ކަޝަފަށް ދޮގުހެދީ ކަޝަފް ދެކެ ބިރުންނެވެ. ކަޝަފްދެކެ ޒަރޫން ބިރުގެންފާނެކަމަކަށް ކަޝަފަކަށް ޤަބޫލެއް ނުކުރެވެއެވެ. އެ ހެދީ އަނެއްކާ އަނެއް ދޮގުކަމުގައި ކަޝަފް ބުންޏެވެ. ޙަޤީޤަތުގައިވެސް ޒަރޫން ، ކަޝަފް ދެކެ ބިރު ގަނެއެވެ. ކަޝަފް ދެކެ ޒަރޫން އެހާ ބިރުގަންނަނީ ކީއްވެގެންތޯ ސާފުކޮށްދޭން ކަޝަފް އެދުނެވެ.

ޒަރޫން ބިރުގަންނަނީ ކަޝަފް އޭނާގެ ޙަޔާތުން ގެއްލިދާނެތީއެވެ. އެހިސާބުން ޒަރޫން އޭނާގެ ޖަޒުބާތުގައި ޖެއްސުމަށް ކަޝަފް ބޭނުން ވިއެވެ. ޒަރޫން ބޭނުންވަނީ ، ފިލްމީ ޑްރާމާތަކުގައި އެ ދައްކާ ކަހަލަ ވާހަކަ ކިޔައި ޒަރޫން ދެކެވާ ލޯބި ހާމަކުރުމަށް ހެއްޔޭ ބުނެ ވާހަކަ ފެއްޓިއެވެ. އަދި އޭނާއަށްވެސް ފިލްމުތަކުގައި ދައްކާ ވާހަކަ ދައްކަން އެނގިދާނެކަމަށް ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ޒަރޫން އާއި ކަޝަފު އުފާކުރަންވީ ދެއަންހެންކުދިންދިން
    ލިބި ރަނގަޅު ގޮތުގާ ތަރުބިއްޔަތުކޮށް އިސްލާމްދީންމަތީ
    ބޮޑުކޮށްފިނަމަ އާޚިރަތް ބާއްޖަވެރިވީއެވެ! އެއަށްވުރެ ބޮޑުއުފަ
    ލަކާއި، ނަސީބެއް ކުދިންގެ ފަރާތުން ދެމަފިރިއަކަށް ލިބޭނެތޯ?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.