ދެކަފި - 90

(14 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" މަކަރެއް ނުހަދަމޭ ހެއްޔެވެ ؟ އަހަރެންގާތު ބުނީ ހަތަރު ދަމު އޮފީހުގައި އުޅުނު ކަމަށެވެ. އެކަމަކު އޮފީހަކު ނޫޅެއެވެ. އިންނަންވެގެން ކުރިން އެންގޭޖްވި އަންހެންކުއްޖާއަށް މެސެޖްކޮށް ވާހަކަ ދައްކާތާ ކިތަންމެ ދުވަހެކެވެ. އޮޅުވައިލާ މަކަރު ނުހަދާ ވާހަކަ އެބަ ދައްކައެއް ނޫން ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

" ކުޑައިރުއްސުރެ ރައްޓެހި ކުއްޖަކަށް މެސެޖް ކުރުމުގެ މާނަޔަކީ ، އެކުއްޖަކާއެކު ގުޅުމެއް ހިންގުމެއް ނޫނެވެ. ބޮލަށް ބޭސްކުރަންވީ ނޫން ހެއްޔެވެ ؟ ތިހުރީ މޮޔަވެފައެވެ. " ޒަރޫން ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ.

" ޒަރޫން އަހަރެންގެ ސިކުނޑި ކާލުމުގެ ކުރިން މިތަނުން ދާން ބޭނުމެވެ. " ކަޝަފްވެސް ދޫނުކޮށް ބުންޏެވެ.

ފޮށީގެ ޒިޕް އަޅުވައި ނަގަން އުޅުނުތަނުން ، ޒަރޫނަކަށް ނުހުރެވުނެވެ. ފުންމައިގަނެ ، މޮޔަވަނީ ހެއްޔޭ ، ކޮންތާކަށް ދާން ހެއްޔޭ ތިއުޅެނީ ބުނެ ކަޝަފްގެ އަތުން ފޮށި ފަމައިގަތެވެ.

" އަހަރެން މަރުވިޔަސް އަދި ދިރިހުއްޓަސް މިތަނުން ދާނަމެވެ. މަގުމަތީގައި ހުއްޓަސް ، ހޮޓަލެއްގައި ހުއްޓަސް އެއީ ޒަރޫން އާ ބެހޭ ކަމެއް ނޫނެވެ. " ކަޝަފް ޒަރޫންއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" އަހަރެން ކަޝަފާ ދޭތެރޭ ހީކުރިގޮތާ މުޅިން ތަފާތެވެ. ތިވަރުގެ ގޮތްދޫނުކުރާ ނުވިސްނޭ އަންހެނެއްކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫން ބޭނުންހާ ގޮތަކަށް އުޅެމުން ، ޒަރޫން ބޭނުންވާހާ ގޮތެއް އަހަރެންގެ ފަރާތަކުން ނުފުއްދޭނެއެވެ. ޒަރޫން ބޭނުންވަނީ އަހަރެންނަށް ފެންނަ ކަންތައްތައްވެސް ނުފެންނަކަމަށް ހަދައި ދެލޯ މަރާލައިގެން ހުންނަން ހެއްޔެވެ ؟ އަދި ޒަރޫން ބޭނުންހާ ގޮތަކަށް ރުހިގެން މަޑޫ ފުށްގަނޑަކަށް ވެގެން ގޭގައި އިންނަންވީ ހެއްޔެވެ ؟ ކައިވެނީގެ ފަހުން އަސްމަރާއާ ބައްދަލުކުރަން ، މެސެޖްކޮށް ، ދެމީހުން ވާހަކަ ދައްކަން އަހަރެން ހުއްދަ ނުދޭނެކަން ޒަރޫންއަށް އެނގެން ވާނެއެވެ. " ކަޝަފް ބުންޏެވެ.

" ތި ދައްކަނީ ކޮން ހުއްދައެއްގެ ވާހަކަ ހެއްޔެވެ ؟ އެއީ އަހަރެންގެ ރަޙުމަތްތެރިޔެކެވެ. ޒަރޫން ހަޅޭއްލަވައި ގަތެވެ.

" އެހެން ވިއްޔާ މެސެޖް ކުރުމާއި ކޮފީއަށް ގޮސް ބައްދަލުކުރުން އަހަރެންނަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ ؟ ތިއީ ، އަހަރެން ލޯނެއްގެ ކަންތައް ސިއްރު ކުރީމަ ދުނިޔެ ކުޑަޔަށްލައި އުޅެގަތް މީހެކެވެ. އެކަމަކު އަހަރެންނަށް ސިއްރުން އަސްމަރާއަށް މެސެޖްކޮށް ވާހަކަ ދެއްކުން އެއީ ސިއްރެއް ނޫނެވެ. އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެއްއަހަރު ވީއިރު ، އެންމެ ފަހަރަކުވެސް އަސްމަރާގެ ނަން ޒަރޫންގެ އަނގައިން ނުކުމެފައެއް ނުވެއެވެ. މިހާރު ، އަސްމަރާއަށް މެސެޖްވެސް ކުރަނީއެވެ. އޮފީހަށޭ ކިޔާފަ ގޮސް ދޮގު ހަދާފަ ، އަހަރެންނަށް ސިއްރުން ބައްދަލުވެސް ކުރަނީއެވެ. އެހުރިހާ ކަމަކާ އެކުވެސް އަހަރެންނަކީ ފުރިހަމަ އަނތްބަކަށް ވާން ޒަރޫން ބޭނުންވަނީ ހެއްޔެވެ ؟ މިއީ ޢަޖައިބެއް ނޫން ހެއްޔެވެ ؟ " ކަޝަފް ހަޅޭއްލަވަމުން ދިޔައެވެ.

" އަސްމަރާއަކީ ، އަހަރެންގެ ކުޑައިރުގެ ރައްޓެއްސެކެވެ. އޭނާ އުޅެނީ މީހަކާ އިނދެގެން އުފަލުގައެވެ. އަހަރެމެން ހަމައެކަނި ބައްދަލު ކޮށްލަނީއެވެ. އެހެން އެއްވެސްކަމެއް ނެތެވެ. ތިކަހަލަ ވާހަކަ ތިދައްކަނީ ކީއްވެގެން ހެއްޔެވެ ؟ " ދެލޯބޮޑުކޮށް ލޯއަޅައިގެން ހުރެ ޒަރޫން ، ކަޝަފާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" ތާކުން ތާކު ނުޖެހޭ މޮޔަވާހަކަ މިދައްކަނީ އަހަރެން ހެއްޔެވެ ؟ އުސާމާ އަހަރެންކުރެން އިންނަން އެހިވާހަކަ އެނގުނީމަ ޒަރޫންއަށް ވީ ކިހިނެއް ހެއްޔެވެ ؟ ދުނިޔެއިން މޮޔަ ވިއެވެ. އެއީ އަދި ޒަރޫން އަހަރެންނާ އިނުމުގެ ކުރިން ވެފަ އޮތް ކަމެކެވެ. އަހަރެން ވަކި ރުޅިނައިސް މަޑު ފުށްގަނޑަކަށް ވާންވީ ހެއްޔެވެ ؟ ކަޝަފް ބުންޏެވެ.

" އެއީ އަހަރެންނަށް ވިސްނައި ނުލާ ކުރެވުނު ކަމެކެވެ. އޭގެ މާނަޔަކީ ، އަހަރެންނަށް ކުރެވުނު ކަމެއްގެ ބަދަލުގައި ކަޝަފް މޮޔަކަމެއް ކުރުމެއް ނޫނެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫންއެވެ ! ޒަރޫން ތިހުރީ އަހަރެންގެ އިތުބާރު ގެއްލުވައިލާފައެވެ. ތިހުރީ ، އަހަރެންނަށް ހިތާމައާއި ތަކުލީފު ޖައްސާފައެވެ. " ކަޝަފް ބުންޏެވެ.

" އިތުބާރުގެ ވާހަކަ ނުދައްކާށެވެ. ކަޝަފް އަހަރެންނަށް އިތުބާރެއް ނުކުރެއެވެ. ކަޝަފަށް ދިމާވާ އެއްކަމެއްވެސް އަހަރެންނަކާ ޙިއްޞާއެއް ނުކުރެއެވެ. ކަޝަފްގެ ތަޞައްވުރު ތިހުރީ އަހަރެންނަށް އޮޅުވައިލާފައެވެ. މާ ވިސްނުން ރަނގަޅު މީހަކަށް ހެދިގެން އުޅުނީމަ އަހަރެންނަށް އެކަން އޮޅިގެން ބަލައިގަނެވުނީއެވެ. އެކަމަކު ތިއީ ސިކުނޑި ރަނގަޅު މީހެއްނޫންކަން މިހާރު އެނގިއްޖެ އެވެ.  " ޒަރޫން ބުންޏެވެ.

" އިތުބާރު ނުކުރެވުނުކަން ނަޞީބެއް ނޫން ހެއްޔެވެ ؟  ކަޝަފް ބުންޏެވެ.

" އަހަރެމެންގެ ދިރިއުޅުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ އެއީއެވެ. ކަޝަފަށް ދިމާވާ ކަންކަން އަހަރެންނާ ޙިއްޞާ ނުކޮށް ފޮރުވުމެވެ. ކަޝަފް ތިހުރީ ސިކުނޑިޔަށް ބޭސްކުރަން ޖެހިފައެވެ. ތިހުރީ ސިއްރަކީ ކޮބައިކަން  އޮޅިފައެވެ. އަހަރެން ހީކުރީ ތިއީ ވަރަށް ވިސްނުން ރަނގަޅު އަންހެނެއް ކަމަށެވެ. " ޒަރޫން ބުންޏެވެ.

" އަހަރެންގެ އަމިއްލަ ކަންކަން އެހެން މީހުންނަކާ ޙިއްޞާކުރާކަށް ބޭނުމެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

" ކަޝަފްގެ މައްސަލަޔަކީ ތިއީއެވެ. ދުވަހަކުވެސް ކަޝަފަށް ދިމާވާކަމެއް އަހަރެންނަށް އަންގާފައެއް ނެތެވެ. އެކަމަކާ ބެހޭގޮތުން ވާހަކަ ދައްކާލާފައެއް ނެތެވެ. "

" ޒަރޫން އެވެ ! ޒަރޫންގެ ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އަހަރެންގެ ދިރިއުޅުމަށް ޒަރޫން ތިވަނީ މައްސަލަތަކެއް ގެނެސްފައެވެ. އަދި އެމައްސަލަތައް ބޮޑުވެ އަހަރެންނަށް ތަކުލީފަކަށް ވެއްޖެއެވެ. " ޒަރޫން ބުންޏެވެ.

" އެއްކަމެއް ސާފުކޮށްދޭން ބޭނުމެވެ. އަހަރެން ކަޝަފަށް އޮޅުވައެއް ނުލަމެވެ. އަހަރެންނާއެކު އެއް އަހަރު ދިރިއުޅުމަށްފަހު އަހަރެންނަކީ ގޯސްމީހެއްކަމަށް ކަޝަފަށް ފެންނަނަމަ ، އެއީ ކަޝަފްގެ ސިކުނޑީގެ މައްސަލައެކެވެ. މިހިސާބުން އަހަރެމެންގެ ކައިވެނި ދަމަހައްޓާނީތޯ ނުވަތަ ވަކިވާނީތޯ ނިންމަން ކަޝަފަށް އެބަ ޖެހެއެވެ. ވިސްނާފައި ގޮތެއް ނިންމާށެވެ ! " ޒަރޫން ބުންޏެވެ.

ޒަރޫން އެހެން ބުނެފައި އެތަނުން ނުކުންނަން ހިނގައިގަތެވެ.

" އަހަރެން އެކަމަށް ވަރަށް ރަނގަޅަށް ވިސްނައިފީމެވެ. " ކަޝަފް އެހެން ބުނިއަޑު ޒަރޫންއަށް އިވޭނެއެވެ.

------------------------

މުރުތަޟާ ، ރާފިޢާމެންގެޔަށް އައިސް އިން ދުވަހެކެވެ. އެގެއިން ނުކުންނަން ޖެހުނު ވާހަކަ މުރުތަޟާގާތު  ރާފިޢާ ދެއްކިއެވެ. ކުރިން އެވާހަކަ ބުނިނަމަ ތަންކޮޅެއް އަވަހަށް އެވާހަކަ ދައްކަން މުރުތަޟާ އަންނާނެ ވާހަކަ ބުނިނަމަވެސް ، އެވާހަކަ ރާފިޢާއަކަށް ޤަބޫލެއް ނުކުރެވުނެވެ. މުރުތަޟާ އަބަދުވެސް ހަދާ ގޮތަކީ އެއީއެވެ. މުޅި ދިރިއުޅުމުގައިވެސް ރާފިޢާމެންނަށް ކޮށްދިންކަމެއް ނެތެވެ. ކަމެއް ދިމާވާއިރަށް އޮންނަނީ އަވަސް ކުރެވިފައެވެ. އެހެން ނޫނީ ލަސް ކުރެވިފައެވެ. މުރުތަޟާ ދުނިޔޭގައި ހުރުމުގެ ބޭނުން އޭނާއަކަށް ނުހިފެއެވެ. ލަސްކުރެވުނުނަމަވެސް ، މިފަހަރު މުރުތަޟާ އެއައީ އެހީތެރިކަމަކައިގެންނެވެ. މުރުތަޟާމެންގެ ގޭގެ މަތީބުރީގައި މިހާރު ތިބި މީހުންނަށް އެތަން ހުސްކުރަން އަންގައިފިއެވެ. އެއީ ރާފިޢާމެން ތިބެން ވެގެންނެވެ. އެއީ މުރުތަޟާއާއި ނިޤާރު ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ.

ރާފިޢާ އެތަނަށްގޮސް ކުރާނެކަމެއް ނޭނގެއެވެ. ރާފިޢާގެ ނަޞީބުގައި މުރުތަޟާގެ ދިރިއުޅުމުގެ ޙިއްޞާ އެއް ލިޔެވިފައެއް ނުވެއެވެ. އެއްވެސް ކަމެއް މުރުތަޟާގެ ފަރާތުން ރާފިޢާއަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި ލިބުނީ ތަކުލީފާއި ހިތާމަޔާ އަދި ހިތްދަތި ކަމެވެ. މުރުތަޟާގެ ގޭގެ އެއްބައި ރާފިޢާ ބޭނުންކުރުމަކީ ، މިހާރު މުރުތަޟާ އެދޭ ކަމެކެވެ.

ﷲ ގެ މިންވަރުފުޅުން ، މަންމަގެ ހިޔާވަހިކަމުގެ ދަށުގައި އޭނާގެ ދަރިން ދިރިއުޅުމަށް އޮތީ މިންވަރު ކުރައްވާފައެވެ. ރާފިޢާގެ ހިންމަތާއި މިންނަތުން ކުރި މަސައްކަތުން ތިންކުދިންވެސް އެތިބީ ބޮޑެތިވެ އަމިއްލަފައިމައްޗަށް ތެދުވެވޭވަރު ކޮށްފައެވެ. އެވަރު ރާފިޢާއަށް ފުދެއެވެ. ކުރިންވެސް މުރުތަޟާގެ އެހީތެރިކަމެއްނެތި ދިރިއުޅުނު ގޮތަށް ދެންވެސް ރާފިޢާއަށް މުރުތަޟާގެ އެހީއަކާ ނުލައި ދިރިއުޅެވޭނެއެވެ. ރާފިޢާގެ މުޅި ދިރިއުޅުންވެސް އޭނާގެ ކުދިންނާއެކު ހޭދަކުރީ ތަކުލީފާއެކުވެސް އުފަލުގައެވެ. އެއީ އެތިންމައިން އެކުގައި މަސައްކަތްކޮށް ޙާޞިލް ކުރެވުނު ފޮނި ނަތީޖާ އެކެވެ. ރާފިޢާގެ އަންހެންދަރިންނަކީ ފިރިހެންދަރިންނަށް ވުރެ މާ ކާމިޔާބު ދަރިންތަކެކެވެ. އެކަން މުރުތަޟާއަށްވެސް މިހާރު ޤަބޫލު ކުރެވެއެވެ. ރާފިޢާ އެއޮތީ އެކަން ސާބިތު ކޮށްދީފައެވެ.

ﷲ ، އެފަދަކުދިން އެންމެންނަށްވެސް ދެއްވުން އެދި މުރުތަޟާ ދުޢާ ކުރިއެވެ. ނޫނެކެވެ. ﷲ ، އެފަދަ އަންހެންދަރިން ކޮންމެ މީހަކަށްވެސް ދެއްވާށިއެވެ. ރާފިޢާގެ ދުއާ ތަފާތު ކޮށްލިއެވެ.

------------------------

ޒަރޫން ނިދިނައިސް އެނދުމަތީ ފުރޮޅި ފުރޮޅި ދެބަ ދޭތެރެ ވެފައި އޮތެވެ. އޭނާ ސިއްސުވައިލީ ޣަޒާލާ ފޯނު ކުރުމުންނެވެ. ޒަރޫންމެން މަތިން ހަނދާންވެގެން ގުޅައިލީކަމަށް ބުންޏެވެ. މަންމަ އަންނަން ބޭނުންކަމަށް ވަންޏާ އިސްލާމްއާބާދަށް އަންނަންވީ ކަމުގައި ޒަރޫން ބުންޏެވެ. ޣަޒާލާގެ ވިސްނުން މިހާރު ހުރީ ބަދަލު ވެފައެވެ. ޖުނައިދު އެކަނިވެދާނެތީ ތަންތަނަށް ގޮސް އައުން މިހާރު އޮންނަނީ ވަރަށް މަދުކޮށްފައެވެ. ބައްޕަޔާމެދު ކޮންމެވެސް ވަރަކަށް ވިސްނައިލުމަކީ ޒަރޫން ވަރަށް އުފާވި ކަމެކެވެ. ކަޝަފާއި ޒަރޫން ގޭގައި ނޫޅެންޏާ ބައްޕައަށް އަޅައިލަން ކޮންމެވެސް މީހަކު ގޭގައި ހުންނަންވާނެކަމުގައި ޣަޒާލާ ބުންޏެވެ. އެއީ ޒަރޫންގެ ކަންތައްތައް ކަޝަފް ބަލަހައްޓައިދޭ ގޮތަށެވެ. އެވާހަކަޔަށް ޒަރޫން ބުނާނެ އެއްޗެއް މިވަގުތަކު ނެތެވެ. އޭނާ ނިދަން އޮތް ޙާލު ޣަޒާލާއަށް ފެނިއްޖެނަމަ އެކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ޒަރޫން ނިދަން އޮށޯވެ އޮތީ އޮފީސް ހެދުމުގައެވެ. ނިދާ ހެދުން ލާން ވިސްނައިލާނެ ފުރުޞަތެއް އެރޭ ޒަރޫނަކަށް ނުލިބުނެވެ. އެއީ ކަޝަފް ، ޒަރޫންއަށް އަޅައިލާތީކަމެއް ނުވަތަ ޒަރޫން ، ކަޝަފަށް އަޅައިލާތީކަމެއް ނޭނގެއެވެ.

ޒަރޫންމެންގެ ދެމަފިރިންނަށްވުރެ ބޮޑަށް މަންމައާއި ބައްޕަ އެކަކު އަނެކަކަށް އަޅައިލާ އުޅޭނެކަމަށް ހީކުރާކަމުގައި ޒަރޫން ބުންޏެވެ. ޣަޒާލާ އިންތިޒާރު ކުރަމުން އެގެންދަނީ އެގެޔަށް އާ މެހެމާނުން އައުމުގެ ވަގުތަށެވެ. މިއަދު ކަޝަފް ގުޅައެއް ނުލައެވެ. އެހެންކަމުން ، ކަޝަފާ ވާހަކަ ދައްކާލަން ބޭނުންވާ ކަމުގައި ޣަޒާލާ ހާމަކުރިއެވެ.

ޣާޒާލާ ފޯނުކޮށްލި ވަގުތު ކަޝަފަކަށް ފޯނެއް ނުނެގުނެވެ. ކަޝަފްވެސް އެދުވަހު އެއުޅެންޖެހުނު ގޮތުން ޣަޒާލާއަށް ފޯނުކުރާނެ ހިތްވަރު ނުލިބުނީއެވެ. ކަޝަފް އޮތީ ވަރުބަލިވެގެން ނިދިފައިކަމުގައި ޒަރޫން ބުނުމުން ޣަޒާލާ ކަންބޮޑުވިއެވެ. އަދި ކަޝަފްގެ ޙާލު ރަނގަޅުތޯ ޒަރޫން ކުރެން އެއްސެވެ. ކަޝަފްގާތު މަންމަ ގުޅިވާހަކަ ބުނާނެކަމަށް ޒަރޫން ބުންޏެވެ. އޭރަށް ކަޝަފް މަންމައާ ގުޅާނެވާހަކަވެސް ބުންޏެވެ. އެރޭ އެހިނގި އެއްވެސް ކަމެއްގެ ވާހަކަ މަންމަގާތަކު ޒަރޫން އެއް ނުބުނެއެވެ. އެވާހަކަ ބުނާކަށްވެސް ނުކެރޭނެއެވެ. މަންމަމެންގެ ކުރިމަތީގައި ކަޝަފަކީ ހަރުދަނާ ، ރަނގަޅު ޅީ ދަރިޔެކެވެ. ޒަރޫންއަށްވެސް އެހާ އަޅައިލާ ކުއްޖެކެވެ. އެހެންވީމާ ކަޝަފްގެ ގޯސްވާހަކައެއް ބުންޏަސް މަންމަ މެންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ.

މަންމަ ފޯނު ބޭއްވުމުން ޒަރޫންބޮލުގައި އަތްއަޅައިގެން އެތައް އިރަކު އިނެވެ. ކުރިމަތިވެފައި އެއޮތީ އޭނާގެ ޙަޔާތުގައި މިހާތަނަށް ދިމާނުވާފަދަ ބޮޑު މައްސަލަޔެކެވެ. ކުށްވެރިޔަކީ އޭނާކަމެއް  ނުވަތަ ކަޝަފްކަމެއް ވަކިކުރާކަށް ޒަރޫންއަކަށް ނޭނގެއެވެ.

ގޭގެ ބޭރު ރަނގަބީލުވާން ފެށީމަ ރާފިޢާގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ކަޝަފެވެ. ކަޝަފް އެކަނި ބޮޑުފޮށި ހިފައިގެން އެހާ ބަނޑު ބޮޑުއިރު އައިމަ ޒަރޫން ކޮބައިތޯ ރާފިޢާ ސުއާލު ކުރިއެވެ. ޒަރޫން ނާންނަ ކަމަށާއި އައީ އޭނާ އެކަނިކަމުގައި ބުނެ ކަޝަފް ގޭތެރެޔަށް ވަނެވެ. ރާފިޢާހުރީ ، ކަޝަފް އައުމުގެ ކުރިން ފޯނުކޮށްލާފަ ނުބުނީތީ ކަންބޮޑު ވެފައެވެ.

ކަޝަފް ދިޔަގޮތަށް ގޮސް އެނދުގައި އޮށޯވެ މަންމަގެ އުނގުގައި ބޯއަޅައިލައިގެން އޮތެވެ. ރާފިޢާ ، ކަޝަފްގެ ބޮލުގައި ފިރުމާލަން އިނެވެ. ޒަރޫން ކިހިނެއްތޯ ރާފިޢާ ސުއާލު ކުރިއެވެ. ނިދި މޯޅީގައި އޮވެ ، ޒަރޫން ރަނގަޅުކަމުގައި ކަޝަފް ބުންޏެވެ. ކަޝަފްވެސް އޭނާގެ މަންމަގާތުގައި ، ދިމާވެގެން އުޅޭ މައްސަލައިގެ ވާހަކަ ދައްކާކަށް އަދިއެއް ބޭނުމެއް ނޫނެވެ. ގެ ހުސްކުރުމުގެ ކަންތަކުގައި މަންމަ އެހުންނަނީ ވަރަށް ކަން ބޮޑުވެފައެވެ. އެވާހަކ ބުނެފިއްޔާ މަންމަގެ ހިތް ހަލާކުވާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.