ބްލޫރިބަން: އޮޕޮޗުނިސްޓުން

" އަހަރެންނަކީ އޮޕޮޗުނިސްޓެއް ހެއްޔެވެ ؟ "  ދޮންބެއްޔާ އޭނާގެ އަމިއްލަ ނަފުސާ ސުއާލުކޮށްލިއެވެ. މިސުއާލު ދޮންބެއްޔާގެ ހިތުގައި ހަރުލާފައި ހުންނަތާ އެތައް ޒަމާނެކެވެ. އެއީ މީގެ ތޭރަ އަހަރުކުރިން ، އެރަށަށް އެރި " ބޮޑު " މީހަކު ، ދެއްކި ވާހަކައެއްގައި ދޮންބެއްޔާއަށް ޢިޝާރާތްކޮށް ބުނި ބަހެކެވެ.

އޮޕޮޗުނިސްޓުންނަކީ ކޮބައިބާވައެވެ ؟ އެއީ ކޮންބާވަތެއްގެ ބަޔެއްކަން ދެނެގަތުމަށްޓަކައި ، ދޮންބެއްޔާގެ ރައްޓެއްސަކާ ސުއާލުކުރިއެވެ. އެމީހާ ބުންޏެވެ.

" ކުރުކޮށް ބުނަންޏާ އެއީ އަމިއްލަ އެދުމަށް މަސައްކަތް ކުރާ މީހާއެވެ. ބޭނުންވާކަމެއް ޙާޞިލް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. މަޤްޞަދެއް ޙާޞިލްކުރަން އަމިއްލަ ގަޔަށް ވަޅިވެސް ހަރައިފާނެއެވެ. " އޭނާގެ ވާހަކަޔަކުން ދޮންބެއްޔާއަކަށް މާބޮޑު އެއްޗެއް ނުވިސްނުނެވެ. އިތުރަށް އެހެންމީހަކު ކުރެންވެސް އަހައިލިއެވެ. އެއީ ކޮންކަހަލަ ބަޔެއްކަން ތަންކޮޅެއް ތަފްޞީލުކޮށް ސާފުކޮށްލުމަށްޓަކައެވެ.

އޮޕޮޗުނިސްޓުންނަކީ ، ބޯބޭނުންކޮށްގެން އަމިއްލަ ރޭވުންތައް ރާވައިގެން ތަނަވަސްކުރާ ފުރުޞަތާއި އުފައްދާ ޙާލަތުގެ ބޭނުން ، ހަމައިންނާއި ނަހަމައިން ހިތުހުރިގޮތަކަށް ހިފައި އޭގެ ބޭނުންކުރާ މީހާއެވެ. މޫނެއް ކަނދުރާޔަކަށް ނުބަލާނެއެވެ. އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމެއް ނުކުރާނެއެވެ. ކާކަށް ބޯކަށް ވަކިއެއްޗެއް ނުއޮންނާނެއެވެ. ދީނާއި އަޚުލާޤީ ، އިޖްތިމާޢީ މިންގަނޑުތަކަށް އިޙްތިރާމެއް ނުކުރާނެއެވެ. އެހެންނަމަވެސް ، ކަނޑައެޅިގެން ކުށެއް ސާބިތުވެ ހައްޔަރުވާގޮތަށް ، ޤާނޫނާ ޚިލާފުކަމެއް ނުކުރާނެއެވެ. ފިރިހެނެއްނަމަ ، މީހުންގެ އަނބިން ނުވަތަ ހުވަފަތް އަންހެނުންގެ ޢިއްފަތްތެރިކަމަކަށް ނުވިސްނާނެއެވެ. ކުދިން ތިއްބަސް އަމިއްލަ ފައިދާއެއް އޮތިއްޔާ އަނބިމީހާ ނުވަތަ ފިރިމީހާ ދޫކޮށްލާކަށް ފަހަކަށް ނުޖެހޭނެއެވެ. ދެމީހަކު ބައިވެރިވެގެން ކުރާ ވިޔަފާރިއެއްގައި ، އަނެއްމީހާއަށް ފުރުޞަތާއި ފައިދާ ކުޑަކޮށް ، ތިމާގެ އަމިއްލަ ފައިދާ އާއި މަންފާ އިސްކޮށް ، އަނެއްމީހާގެ ބޮލަށް ފައިން އަރާނެއެވެ.

ސުބްޙާނަﷲ އެވެ ! ދޮންބެއްޔާގެ ހިތަށް އެރީ އެއްކަލަ ހޯގުޅާގެ އުޞޫލެވެ. އެހެން ދޫންޏެއް މަހެއްހިފައިގެން ކާލާތަނުން އެދޫނި ފަހަތުން ހޮޑުލެވެންދެން ދުވެ ، ހޮޑުލާތަނުން އެހޮޑުކޮޅު ، ނުވަތަ ހޮޑަށްލީ މަސް ކާލާ ، ހޯގުޅާގެ އުޞޫލެވެ.

" އަހަރެންނަކީ އެބުނާ ކަހަލަ ، އޮޕޮޗުނިސްޓެއް ނޫނެވެ. " ދޮންބެއްޔާ އެންމެފަހުން ނިންމިއެވެ. އެކަމަކު އެކަހަލަ މީހުން ވަރަށްގިނައިން މި ޤައުމުން އެބަ ފެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.