މާލޭގައި "މަގު ފާރަވެރިން" ތައާރަފް ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން ނިންމައިފިއެވެ.

މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.

މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ހަމަޖެއްސީ މާލޭގެ މަގުތަކުގެ އެކިއެކި ކަންކަން ބެލެހެއްޓުމަށެވެ. އެ މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ހިމެނެއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށާއި މި މަގު ފާރަވެރިން ޕޮލިސް ކޮންސްޓަބިއުލަރީގެ ބޭފުޅުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.