ބްލޫރިބަން: ރިއެކްޓް

ދޮންބެއްޔާ ދަންނަ މީހުން ވަރަށް ގިނައެވެ. އެކަހެރިކޮށް ފަޅުރަށެއްގައި ހުއްޓަސް ، ދޮންބެއްޔާއާ ބައްދަލުކޮށްލައި އަނގަ ތަޅާލަން އެރަށަށް އަންނަ އެތައްބަޔަކު އުޅެއެވެ. އޭގެތެރެއިންވެސް ، ޢާންމުކޮށް ހަފުތާ ބަންދުގައި ދޮންބެއްޔާ ދެކެލައި އަނގަތަޅާލަން އަންނަ ކަތީބަކު އުޅެއެވެ. އެއީ ދިހަމިނިޓްގެ ދަތުރެއް ކޮށްލާފައި ޖައްސައިލެވޭވަރުގެ ކައިރީގައި އޮންނަ ރަށެއްގެ " ނަގައިގަތް " ކަތީބެކެވެ. އެދުވަސްވަރު ، ރިޔާސީ އިންތިޚާބުގައި ނަގަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ، އެއިރަކު ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ، " އަދިވެސް " ރައީސްކަމުގައި ހުންނަވަން ރައްޔިތުންނަށް ފެނޭތޯ ބަލަން ނަގާ ޢާންމު ވޯޓެކެވެ. ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން " ރިއެކްޓް " ކުރާ ގޮތަކުން ، އެއްވެސް ރަށަކުން " ނުފެންނަ " ވޯޓުގެ ޢަދަދު ގިނަވެއްޖެނަމަ ، ދެން ، ސަރުކާރުން " ރިއެކްޓް " ކުރާނެގޮތް އެންމެންނަށް އެނގެއެވެ. އެހިސާބުން އެރަށެއްގެ ބޮޑުކަތީބުގެ ދުވަސް އެދިޔައީއެވެ. ހަތްބޯރާހި އަރާހެން ، އެއީ ކޮންމެ ފަސް އަހަރަކުން ބައެއް ރަށްރަށަށް އަރާ ރޯޅިއެކެވެ. ވަޒީފާގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުވެފައެއް ނުއޮވެއެވެ.

ދެމީހަކު އެއްގޮތަކަށް " ރިއެކްޓެ " އެއް ނުކުރާނެއެވެ. މިޒާޖާއި އަޚުލާޤު ، ދިރިއުޅުމުގެ ވަށްޓަފާޅިއާއި ކެއިން ބުއިން އަދި ބަސްމަގާއި ގޮތްދޫނުކުރުމާއި އާދަވެފައި ހުންނަ ޢަމަލުތައް ، އުޅެބޮޑުވާ މާޙައުލާއި ، ދީނީ ވިސްނުމާއި ލިބިފައި އޮންނަ ތަޢުލީމާ ، ވިސްނުމާއި ފިކުރާ އަދި ޚިޔާލާތަކީ އިންސާނާ ކަންކަމަށް " ރިއެކްޓް "  ކުރުމުގައި " ރިއެކްޓް " ކުރާ ކަންކަމެވެ. މިކަންކަން އެކި މީހުންނަށް ލިބިގެންވާނީ އެކިމިންވަރަށެވެ. މި ހުރިހާކަމެއް އެކަކަށްލިބި ، ފުރިހަމަވެފައި ނުއޮވެދާނެއެވެ. އެކިމީހުން ތަފާތު ވާނެއެވެ.

ދޮންބެއްޔާއާއި އޭނާގެ ރަޙުމަތްތެރި " ނަގައިގަތް " ކަތީބަކީވެސް ތަފާތު ދެމިޒާޖެއްގެ ދެމީހުންނެވެ. ކަތީބަކީ އަދިވެސް ވެރިކަމަށް ފައިނަގައިގެން އުޅޭ މީހެކެވެ. ރައްޔިތުންނަށް ނުފެނިގެން ބޭލީމަވެސް ކަތީބަކަށް އެއްޗެއް ނުވިސްނުނެވެ. ކަތީބުގެ ފަހަތުން އެނބުރޭ ބަޔަކު ރަށުގައި އުޅުނަސް ، އަދި ބަޔަކު ރާވައިގެން ކަމަށްވިޔަސް ، ވެރިކަން ގެއްލޭނީ ކަތީބުގެވެސް ދޯދިޔާކަމުންނެވެ. ރައްޔިތުން ނުރުހޭ ކަންތައްތަކެއް ހުރީމައެވެ. ވެރިކަމުގައި ހުރިއިރު ، ހުކުރުކުރާނެ އެހެން މީހަކު ނެތިގެން ނޫނީ ހުކުރެއް ނުކުރާނެއެވެ. މުލެއްގައި އަޅައިގަތަސް ހުޅަނގުކޮޅަކަށް ނުވެއްޓޭނެއެވެ. ކަތީބަށް ވެގެންވިއްޔާ ކޮންމެގޮތެއް ހަދައިގެންވެސް މިހާރުހުރި ކަތީބު ބާލައި ވެރިކަމަށް އަރާނެއެވެ. ފެންނަ ނުފެންނަ ވޯޓުގައި އޭނާ ވެރިކަމުން ބޭލިގޮތަށް މިހާރަކު އެކަމެއް ނުވާނެއެވެ.

ކަތީބު އަންނަ ވާހަކަ ބުނާތަނުން ، ދޮންބެއްޔާ ހުންނަނީ ކަންބޮޑުވެފައެވެ. ކަތީބަށް މަރުޙަބާ ކިޔަން ޖެހޭނީ ރާ ތަށްޓަކުންނެވެ. ދޮންބެއްޔާ ބަލިވެ އުޅުނަސް ، ކަތީބު އަންނަކަން އެނގޭ ދުވަހެއް ވިއްޔާ ފަތިސް ނަމާދުކޮށްލައިގެން ރާރުކަށް އަރާ ކަތީބަށް ރާބަންޖެއް ނުބާލައެއް ނުހުންނާނެއެވެ. ހެނދުނު ސައިބޯން އިށީންނަގޮތަށް މެންދުރުވިޔަސް ރޭކައެއް ނުލާނެއެވެ. ދައްކާނީވެސް ދޮންބެއްޔާއާ މުޅިން އިދިކޮޅު ވާހަކައެވެ. ދެ ވިސްނުމެއްގައެވެ. ދައްކާފަ ނުދައްކާނެ ވާހަކައެއް ނޭނގޭނެއެވެ. ކަތީބު ދައްކާހާ ވާހަކަޔަކަށް " ރިއެކްޓް "  ކުރަން ވެއްޖިއްޔާ ދޮންބެއްޔާވެސް ހުންނަން ޖެހޭނީ ކަތީބާ އެއް ފެންވަރެއްގައެވެ. އަބަދު “ ރިއެކްޓް “  ކޮށްލަ ކޮށްލައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.