ބްލޫރިބަން: ފިނިފެންރޯސް

ދޮންބެއްޔާ ހުކުރަށްދާން ހެދުންލައި ސެންޓް ޖަހައިގެން ގެއިން ނުކުތެވެ. މިސްކިތް ހުންނަނީ ދޮންބެއްޔާ އުޅެން ރަށުގެ އަތިރިމަތީގައި އަޅާފައިހުންނަ ގެޔާ ވަރަށް ދުރުގައެވެ. ރަށުގައި ދަނޑުވެރިކަންކުރާ ސަރަޙައްދާ ކައިރީގައެވެ.       އެ ސަރަޙައްދާ ކައިރީގައި މިސްކިތް އެޅީ ދަނޑުބިމަށް ބަންގީގެ އަޑު ފޯރުވަން ވެގެންނެވެ. ފަޅުރަށްރަށަކީ ، މަދުން މީހުން އުޅޭ ތަނަކަށް ވާތީ ގިނައިން ރަށުގައި އުޅޭނީ ޖިންނި ޝައިޠާނުންކަމަށް ބަލައިގެންނެވެ. ހަމަ އެއާއެކު ، ދަނޑުބިމަށް ބަންގީގެ އަޑު ފެތުރުމުން ، ދަނޑުބިމުގެ ބަރަކާތް އިތުރުވާނެކަމަށް ބަލާފައެވެ. ބޯދާ ޚިޔާލެއްނަމަވެސް ، ދޮންބެއްޔާއަށްވެސް އެއީ ގޯސްކަމެއްކަމަކަށް ނުފެނެއެވެ. ބަންގީގެ އަޑު ރަށުގެ ބޮޑު ސަރަޙައްދަކަށް ފެތުރުމަކީ ، ހުރިހާ ގޮތަކުންވެސް ރަނގަޅު ކަމެކެވެ.

ފަޅުރަށަކަށްވާތީ ، ކުރިންބަލާގޮތަށް ހުކުރު ހަމަވާ ޢަދަދަކަށް ނުވަތަ 40 މީހުން ހަމަވާ ވަރަކަށް އެރަށުގައި މީހުންނެއް ނުއުޅެއެވެ. އުޅެނީ ތިރީހަކަށް މީހުންނެވެ. އެރަށުގައި ހުކުރުކުރަނީ ، ޤަވާޢިދުން ހުއްދަ ހޯދައިގެންނެވެ. ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހެކެވެ. ދޮންބެއްޔާގެ ބޯ ބޮޑުކަމުން ، ރަށުގައި މަސައްކަތްކުރާ މީހަކަށް ހުކުރު ކުރުމުގެ ހުއްދަ އޮތީ ނަގައިދީފައެވެ. އެރަށުގައި ހުކުރު ނުކުރާއިރު ، ދޮންބެއްޔާމެން އެރަށުގައި އުޅޭ މީހުން ގޮވައިގެން ، ހުކުރަށްދާން ޖެހެނީ ކައިރީގައި އޮންނަ މީހުން އުޅޭ ރަށަކަށެވެ. އެއީ ޚަރަދު ބޮޑު ކަމެކެވެ.

ފަޅުރަށެއްކަމުގައިވިޔަސް އަދި ، ހުކުރު ވާޖިބުވާ 40 މީހުންނެތަސް ، ހުކުރު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ މީހަކު ލައްވައި ، އެރަށެއްގައި ހުކުރު ކުރެވޭނެއެވެ. ހުކުރު ކުރުމުން އެ ރަށަކަށާއި ހުކުރުގެ ޖަމާޢަތުގައި ބައިވެރިވާ މީހުންނަށް އޭގެ ސަވާބު ލިބޭނެއެވެ. އެރަށަކަށް އެކަމުން ބަރަކާތް ލިބޭނެއެވެ.

ދޮންބެއްޔާއަށް މަގުގެ މެދަކާހަމަޔަށް ދެވުނުތަނާ ދިމާވި މީހަކަށް ދޮންބެއްޔާ ޖަހައިގެންހުރި ސެންޓްގެ ވަސް ދުވިއެވެ.

" ތިހުރީ ފިނިފެން ރޯސް ޖަހައިގެން ދޯއެވެ ؟ " އެމީހާ ސުއާލު ކުރިއެވެ. ދޮންބެއްޔާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ފިނިފެން ނުވަތަ އައިސްފެން އެއީ ފެނެކެވެ. ރޯސް އެއީ ފިނިފެން މަލެވެ. ފިނިފެނާއި ފިނިފެންމަލާ ދޮންބެއްޔާ ޖަހައިގެން ހުރި ސެންޓާ ގުޅުވާނެގޮތެއް ދޮންބެއްޔާއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް އޭނާ އެހުރީ ފިނިފެންރޯސް ޖަހައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.