ނީލަން ފިހާރަ އަލިފާން ކޮންޓްރޯލް ކޮށްފި

ނީލަން ފިހާރައިގައި، މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު ކަމަށެވެ. އަދި މިއަދު ހެނދުނު 8:00 އެހާކަންހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނާއިބު ރައީސް ފައިސަލް ނަސީމް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޕްލޭންތަކެއް ހަދަމުންދާ ކަމަށެވެ. އަދި އެ ޕްލޭންތައް އެކުލަވާލަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގެން، ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކުރެވި، އިތުރަށް ނުފެތުރޭނެކަމަށް ފަޔަރ ފައިޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ މި ހާދިސާ ހިނގިއިރު، އެތަނާއި ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވެ.

ނީލަން ފިހާރައިގައި ރޯވިކަން އެނގުމާއެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައިވާއިރު، އެ ތަނުގައި ތިބި މީހުންނަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

އެމީހުން މި ވަގުތު ތިބީ އިމާދުއްދީން ސްކޫލްގެ ތެރޭގަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދިނުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.