ބްލޫރިބަން: ޖީއެސްޓީ

1 ޖެނުއަރީ 2022 އިންފެށިގެން ރާއްޖޭގައި ވިއްކާ މުދަލުން ޖީއެސްޓީ ނަގާ މިންވަރު 6 އިންސައްތައިން 8 އިންސައްތައަށް ވަނީ މަތި ކުރެވިފައެވެ. ދޮންބެއްޔާ ހީކުރީ 8 އިންސައްތަޔަށް ޖީއެސްޓީ ބޮޑުވީމަ ، ކުރިންއޮތް 6 އިންސައްތަޔާއެކު ، 14 އިންސައްތަޔަށް ޖީއެސްޓީ ބޮޑުވީ ކަމަށެވެ. އެކަމަކު އެކަން ވީއަކީ އެހެންނެއް ނޫނެވެ. ޖީއެސްޓީ ދެ އިންސައްތަ މަތިވެ 8 އިންސައްތަޔަށް ބަދަލުވީއެވެ. ޖީއެސްޓީއަށް މިއައި ބަދަލާއެކު ، އަހަރުގެ ފުރަތަމަ ދުވަހުވެސް މުދަލުގެ އަގު އުފުލިގެން ދިޔައެވެ. ދޮންބެއްޔާ ބަލައިލިއިރު އަގުބޮޑުވީއަކީ ދެ އިންސައްތައެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް ބޮޑުވީއެވެ. މިކަމާ ބެހޭގޮތުން ދޮންބެއްޔާގެ ރައްޓެހި ކަންމަތީ ފިހާރައެއްގެ ސޭޓާ ދެމެދު ، ކޮންމެވެސް ވަރަކަށް ފިނި ބަހުސެއްވެސް ހިނގިއެވެ. ސޭޓު ކިޔައިދިން ގޮތުން މުދަލުގެ އަގު އުފުލިގެން އެދިޔަ ގޮތާމެދު ދޮންބެއްޔާ އަޖައިބު ވިއެވެ. ޖީއެސްޓީ ނުނަގާ މުދާވެސް ހުރީ އަގުބޮޑުވެފައެވެ. ޖީއެސްޓީ ނުނަގާ މުދަލުގެ ލިސްޓެއް ދޮންބެއްޔާ ހޯދިއެވެ.    ކާޑުގެ ބާވަތްތަކާ ، ކިރު ، ލޮނު ، މަހާއި މަހުގެ ބާވަތްތައް ، ކާތެޔޮ ، ފިޔާ އަލުވި ، ސައިފަތް ، ހަވާދުގެ ބާވަތްތައް ، އަދި ހުރިހާ ބާވަތެއްގެ މޭވާއާއި ކުޑަކުދިންގެ ކާބޯތަކެއްޗާއި ގޭސް ، ޕެޓްރޯލް ފަދަ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ އެއްވެސް އެއްޗަކުން ޖީއެސްޓީއެއް ނުނަގައެވެ. އެކަމަކު މިތަކެތީގެ އަގުވެސް އުފުލިއްޖެއެވެ.

" މީ ކޮންކަމެއް ހެއްޔެވެ ؟ ޖީ އެސްޓީ ނުނަގާ މުދަލުގެ އަގުވެސް ތިހުރީ ބޮޑުކޮށްފައެވެ. " ސޭޓާ ދިމާއަށް ދޮންބެއްޔާ ބުންޏެވެ.

" އެ އެއްޗެތި އަހަރެމެން ފިހާރަޔަށް ގެންނަނީ އަމިއްލަ ކޮނޑުމައްޗަކު ނޫނެވެ. ޕިކަޕްގެ އަގު ބޮޑުވެއްޖެއެވެ. އުފުލާމީހާގެ އަގުވެސް ބޮޑުކޮށްފިއެވެ. އެއެއްޗެތި ރާއްޖެ ގެންނަ ބޯޓުފަހަރުގެ ނާލު ބޮޑުވެއްޖެއެވެ. ހޭންޑްލިންގވެސް ބޮޑުކޮށްފިއެވެ. ދެން އަހަރެމެން އެތަކެތި ކުރިން ވިއްކި އަގަށް ވިއްކާނެގޮތެއް ނިކަން ބުނެބަލާށެވެ ! " ސޭޓުވެސް ހިތްހަމައެއް ނުޖެހުނެވެ.

ދޮންބެއްޔާއަށް އެ ސުއާލު ކުރެވުނު މޮޔަ ހިތަށް އެރިއެވެ. މައްސަލައެއް ނޫންތާއެވެ ! މިއީ އަވަށްޓެރި ޤައުމުތަކުގައިވެސް ނަގާ އެއްޗެކެވެ. ރާއްޖޭގައި ޖީއެސްޓީ ނުނަގާ ބައެއް ބާވަތުން އިންޑިއާގައި 5 އިންސައްތަ ސޭލްސް ޓެކްސް ނަގައެވެ. ލަންކާގައި 8 އިން 15 އަށް ސޭލްސް ޓެކްސް ނަގައެވެ. ޕާކިސްތާނުގައި 17 އިންސައްތަ ، ނޭޕާލާއި ބަންގްލަދޭޝްގައި 15 އަދި ބޫޓާނުގައި 50 އިންސައްތަ ސޭލްސް ޓެކްސް ނަގައެވެ. ތަރައްޤީވެފައިވާ ޑެންމާރކާއި ސްވިޑްން އަދި ތުރުކީއާއި ފްރާންސާ އަދި ޖަރުމަނީގައި ރާއްޖެއިން ނަގާ ޖީއެސްޓީގެ ތިންގުނަ ނަގައެވެ. މިއައިގެން ދިރިއުޅުން ކުރިޔަށް ގެންގޮސް މިއަށް ހޭނުން ނޫން ގޮތެއް ނެތްތާއެވެ ! މިއީ ދުނިޔޭގެ އެހެން ޤައުމުތައްވެސް ކުރިއަރައި ދިއުމުގައި ތަޖުރިބާ ކޮށްފައިވާ ހަރުފަތްތަކެކެވެ. އިޤްތިޞާދީ ދުރު ވިސްނުމެއްގެ ތެރެއިންނެވެ.  ދޮންބެއްޔާ އިސްޖަހާލައިގެން ހުރެ ، ސޭޓާ ސަލާމްކޮށްލުމަށްފަހު ، މަޑުމަޑުން ފިހާރައިން ނުކުމެ ހިނގައިގަތެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ތަރައްގީ ވެފަ ހުންނަ ގައުމުތަކުގައި ރައްޔަތުންނަށް ފައިދާވާ ކަންތައްވެސް ކުރެއެވެ. ހަމައެކަނި ލާރި ނަގަނީއެއް ނޫނެވެ. އިބޫ ފެކްޝަން ހިމާޔަތް ކުރަން ނޫޅޭށެވެ. ނޯ ޓު އިބޫ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.