އެމްޑަބްލިއުއެސްސީ އިން ރ. ދުވާފަރުގައި ކުނި މެނޭޖުކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.
"ނަލަ ދުވާފަރު" ގެ ނަމުގައި ފެށި މި ކެމްޕޭނަކީ ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ. އަދި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން މިކަމަށް އަހުލުވެރި ކުރުވުމަކީ ވެސް ކެމްޕޭނުގެ މަގުސަދެކެވެ.
ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާޙު އެވެ.
މި ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އެކުންފުނީގެ އެގްޒެކެޓިވް މެނޭޖުމަންޓް ޓީމާއި މުވައްޒަފުން އަދި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ "ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ އެރަށަކީ ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިތުރަށް ފަސޭހަ ކޮށްދިނުން ކަމަށެވެ.
މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވި، ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިން ހިންގުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ.
މި ކެމްޕެއިންގެ ތެރެއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި ޕްރޮގްރާމްގައި އެމް.ޑަބް.ލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި، ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ ކައުންސިލާއި މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ.