
ޒިންމާދާރުކަމާއެކު އެންމެންވެސް މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް އެމްއާރްއެމް އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިހެން ގޮވާލީ މިފެށުނު މީލާދީ އައުއަހަރާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ތަހުނިޔާ ދަންނަވާ ފޮނުވި މެސެޖުގަ އެވެ.
އެމްއާރްއެމްގެ މެސެޖުގައި މި ފެށުނު 2023 ވަނަ މީލާދީ އާ އަހަރުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ތަޙުނިޔާއާއި ހެޔޮއެދުންތައް ވަނީ އަރިސްކޮށްފަ އެވެ. އަދި އެކުވެރި ދަޢުލަތްތަކާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއަހަރުގެ ތަޙުނިޔާ ފޮނުވާފައި ވެއެވެ.
2023 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެން ދާނެ އަހަރެއް ކަމަށާއި އެގޮތުން ހުރިހާ ރައްޔިތުންވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނަވައި، ނިންމުންތައް ނިންމެވުމުގައި ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމަށް އެ މެސެޖުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ޒިންމާދާރުކަމާއެކީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވާލާފައި ވެއެވެ.
މީގެ އިތުރުން މި ފެށުނު 2023 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތަޢުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމަށް ދުޢާ ދަންނަވާފައި ވެއެވެ.