ދެކަފި - 67

(21 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫންއަކީ ރަނގަޅު ކުއްޖެއްކަމަށް ރާފިޢާއަށްފެނެއެވެ. އެކަމަކު އެއީ ރާފިޢާމެންނާ އަރާ އަރަފޯދިގެންވާ ވަރަށްވުރެ މުއްސަނދި ބަޔެކެވެ. އެއީ ރާފިޢާގެ ޚިޔާލު ނަމަވެސް އެއީ މައްސަލައެއްކަމަކަށް ޞިދްރާއަކަށް ނުފެނެއެވެ. ޒަރޫން އެއައީ އެކަމަށް އެދިގެން އަމިއްލަޔަށެވެ. ޝެހްނީލާ ކައިވެނިކުރަން އެއުޅޭ ޢާއިލާއަކީވެސް ފުދުންތެރި ޢާއިލާ އެކެވެ. ޞިދްރާ އެއިނީ ދެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ދަންނަ ޢާއިލާއެއްގެ ކުއްޖަކާއެވެ. ޝެހްނީލާ އިންނަން އެއުޅެނީ ޞިދްރާގެ ފިރިމީހާގެ ޢާއިލާ ދަންނަ ބަޔެއްގެ ކުއްޖަކާއެވެ. އެހެނަސް ، ޒަރޫންގެ ޢާއިލާގެ އެއްވެސް މީހަކު ރާފިޢާމެންގެ ތެރެއިން އެކަކަށްވެސް ނޭނގެއެވެ. އަދި އެމީހުންވެސް ރާފިޢާމެންނެއް ނުދަންނާނެއެވެ. ޞިދްރާއަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކަޝަފްގެ ބަފައެއްކަހަލަ ސާރ އަބްރާރް އެމީހުން ދަނެއެވެ. ފުރަތަމަ ކަޝަފާ ވާހަކަ ދެއްކީވެސް އަބްރާރް ސާރ އެވެ. ކަޝަފްގެ ވަޒީފާގެ ޙައިޞިއްޔަތުންވެސް އެއީ މަހުޖަނެއް ނޫނަސް އެމީހުންނާ އަރާއަރަފޯދިގެންވާ މީހެކެވެ. ޒަރޫންއަކީވެސް ، ޞިދްރާގެ ނަޒަރުގައި ވަރަށް ރަނގަޅު މީހެކެވެ. ކަޝަފް އެ ހީކުރާ ކަހަލަ ގޯސް މީހެއް ނޫނެވެ.

------------------------

ޒަރޫންމެންގެ ގޭގައިވެސް ދެކެވެމުންދަނީ ކައިވެނީގެ ވާހަކައެވެ. ޒަރޫންއާއި ޖުނައިދާ އަދި ޣަޒާލާއާ ދެމެދުގައެވެ. އެހެން ހުރިހާ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ، އެކަމާ ދެކޮޅު ޚިޔާލު ފާޅުކުރަމުން ގެންދަނީ ޣަޒާލާއެވެ. ކުރިން ބުނީ ، މަދުފަންތީގެ ކުއްޖެއްކަމުގައެވެ. ބަލައިލަން ރީތި ކުއްޖެއްކަމުގައެވެ. ދެން ތިބުނަނީ ، އެކުއްޖާގެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރި ވާހަކައެވެ. ދެން އެޢާއިލާއާއި އެކުއްޖާ އާ ބެހޭގޮތުން ބުނާނީ ކީކޭކަމެއްވެސް ނޭނގެއެވެ.

ޒަރޫންއަށް އެއީ އެ ކުއްޖާއާ ބެހޭކަމެއް ނޫނެވެ. ކަޝަފްގެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރުން އެއީ ކަޝަފްގެ ބައްޕަގެ ޒާތީ ކަމެކެވެ. އެކަމަކާ ކަޝަފާ ގުޅުމެއް ނެތެވެ. އެކަމާހުރެ ކަޝަފް ކުށްވެރިވާންވީ ސަބަބެއް ޒަރޫންއަކަށް ނުވިސްނެއެވެ. ޒަރޫން އެޢާއިލާގެ ކޮންމެ މީހަކަށްވެސް އިތުބާރު ކުރެއެވެ. އެމީހުން މިހާތަނަށް އެއްވެސްކަމެއް ޒަރޫންއަށް ފޮރުވާފައެއް ނުވެއެވެ.

ޣަޒާލާއަކީ އެހާ ފަސޭހައިން ކަންކަމުގައި ގޮތް ދޫކުރާނެ މީހެއް ނޫނެވެ. އެމީހުންގެ ވާހަކަ ތެދަށް ނުބުނެ ދެން އޮންނާނީ ކޮން ގޮތެއް ހެއްޔެވެ ؟ އެއީ އެމީހުން ހަދާ އުކުޅެކެވެ. ހުރިހާ ވާހަކައެއް ތެދަށް ބުނެ ޒަރޫންގެ ހިތް ހަމަޖައްސައިދީ އޮޅުވައިލުމެވެ. ޒަރޫންއަކީ ތަންދޮރު ނުދަންނަ ނުވިސްނޭ މީހެއްނޫންކަމުގައި ޒަރޫން ބުނެއެވެ. އެހެންނަމަވެސް ޣަޒާލާ ބުނީ ޒަރޫން މިހާރު އެ ބަދަލުވަނީ ތަންދޮރު ނުދަންނަ ނުވިސްނޭ މީހަކަށް ކަމުގައެވެ.

އެންމެފަހުން ، ޒަރޫންވެސް ވާހަކައިގެ ތެރެޔަށް ވަދެއެވެ. ކަޝަފް އާ އިނދެގެން ދިރިއުޅެން ހުރީ ޒަރޫންއެވެ. ކަޝަފްގެ ޢާއިލީ ކަމެއްގައި ކުރިމަތިވާ މައްސަލައެއްގައި އޭގެ އަސަރު ފޯރަން ހުންނާނީ ޒަރޫން އެވެ. ޖުނައިދުމެންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރާނެއެވެ. އެކަން ޒަރޫންގެ ވިސްނުމުގައި ބަހައްޓާށެވެ.

ޒަރޫންއަށް ، ކަޝަފްގެ ޢާއިލާއަށް ފުރިހަމަ އިތުބާރު އެބައޮތެވެ. ޢާއިލާގެ ހުރިހާކަމެއް ރަނގަޅަށް އެނގެއެވެ. އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވި އުނދަގުލާއި ތަކުލީފު ތަކާއެކުގައިވެސް އެމީހުންނަކީ ، އެމީހުންގެ ފެންވަރުގައި ޝަރަފްވެރި ދިރިއުޅުމެއް އުޅޭ ބަޔެކެވެ.

ޒަރޫން ކުރަން އެއުޅޭ ކައިވެނި ކާމިޔާބު ވެދާނެކަމުގެ އެއްވެސް އަސަރެއް ޣަޒާލާއަކަށް ނުފެނެއެވެ. ޣަޒާލާ އެހެން އެބުނަނީ ހަމައެކަނި އެކުއްޖާގެ ޢާއިލާގެ މައްޗަށް ވިސްނާފައެއް ނޫނެވެ. ޣާޒާލާ އެކައިވެންޏާ ދެކޮޅު އެހަދަނީ ، އޭނާއަށް ޒަރޫން ރަނގަޅަށް އެނގޭތީއެވެ. އެއްވެސް ކަމެއް އަނެއްކަމަކަށް ދޫކުރުމުގެ އެއްވެސް ކެތްތެރިކަމެއް ޒަރޫންގެ ނުހުންނާނެއެވެ. އެހާ ފަސޭހައިން ގޮތެއް ދުލެއް ނުކުރެވޭނެއެވެ. އެކަންކުރުމުގެ ޤާބިލްކަން ޒަރޫންގެ ހުރިނަމަ ، އަސްމަރާއާ ވަކިވާކަށް ނުޖެހޭނެއެވެ. ޣަޒާލާ ހިތަށް އައިހާ އެއްޗެއް ޒަރޫންއާ ދިމާއަށް ގޮވުމަށްފަހު  ، ރަނގަޅު ނަސީބަކަށް އަދި ޒަރޫންއަށް ރަނގަޅުގޮތް ވުމަށް އެދެމޭ ބުނަމުން އެތަނުން ނުކުމެގެން ދިޔައެވެ.

އެއީ އިންސާފެއް ނޫނެވެ. ޣަޒާލާ އެގެންދަނީ ޒަރޫންގެ ހިތްވަރު ބަލިވާނެ ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. ސާރާއަށް ވެސް ޣަޒާލާ ހެދީ އެހެންނެވެ. ޒަރޫން އޭނާގެ ބައްޕަޔާ މުޚާތަބު ކޮށް ބުންޏެވެ.

އެކަމަކު ، ޖުނައިދަކަށް އެގޮތަކަށް ނުނެގެއެވެ. ޣަޒާލާ އެދެނީ ޒަރޫންއަށް އިންޒާރެކެވެ. ނުގުޅޭ ދެމީހަކު އިނދެގެން އުފެދިދާނެ މައްސަލަތައް ޒަރޫންއަށް ހަނދާން ކޮށްދެނީއެވެ. ދެ ޢާއިލާއަކުން ރާވައިގެން ކުރެވޭ ކައިވެންޏާ ދެމީހަކު ބޭނުންވެގެން ކުރެވޭ ކައިވެންޏެއްގެ ތަފާތު ބޮޑުވާނެކަން ބައްޕަޔަށްވެސް އެނގޭނެކަމަށް ޒަރޫން ޔަޤީން ކުރެއެވެ. ދިރިއުޅުމަކީ ، އޭގެ ޒާތުގައި މުސްތަޤްބަލްގައި ވެދާނެ ހުރިހާކަމެއް އެނގި ، އަދި ވަކިކަންކަމަކަށް ބަރޯވުމާއި ޔަޤީންކަން ދޭން އުނދަގޫ އެއްޗެކެވެ. އިންސާނެއްގެ ޙަޔާތުގައި ކުރިމަތިވެދާނެކަމަށް އަންދާޒާކޮށް ތަޞައްވުރުކުރާ ހުރިހާ ކަމަކީ ޙަޤީޤަތަކަށް ނުވެ ހިނގައިދާނެއެވެ. މަންމަ ދެއްކި ވާހަކަތަކަކީ ޒަރޫންއަށް ޤަބޫލު ކުރެވޭ ވާހަކަތަކެއް ނޫނެވެ. މަންމަގެ ލަފާގެ މަތިން ޢަމަލުކުރި ސާރާއަށް ލިބިފައި އެވަނީ ދިރިއުޅުމެއްގައި އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ތަކުލީފެވެ.

------------------------

" އަހަރެމެން ޒަރޫންއާ ބައްދަލުކޮށްފީމެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ރަނގަޅު މީހެކެވެ. " ޞިދްރާ ، ފޯނުކޮށްފައި ކަޝަފްގާތު ބުންޏެވެ.

ޞިދްރާއަށް ޒަރޫން ކަމުގޮސްގެން އުޅޭތާ އެތައް ދުވަހެއް ނޫން ހެއްޔެވެ. ކަޝަފް ޔުނިވަރސިޓީގައި އުޅުނު ދުވަސްވަރުއްސުރެ ޞިދްރާއަށް އޮންނަނީ ޒަރޫން ކަމުގޮއްސައެވެ. ޒަރޫންއާ ބެހޭ ވާހަކައެއް ދެއްކޭ އިރު ، ކަޝަފް ގެ ވާހަކައިގާ ރުޅިވެރިކަމެއް ނެތް އެއީ ފުރަތަމަ ފަހަރެވެ. އެއީ ޞިދްރާގެ އަނގައިން ކަޝަފަށް އަލަށް އަޑުއިވުނު ވާހަކައެއް ނޫނެވެ. ޞިދްރާއަށް ކޮންމެ ގޯސް ފިރިހެނަކީވެސް ކަމުދާނެ މީހެކެވެ. ކަޝަފަށް ކޮންމެ ރަނގަޅު ފިރިހެނަކީ ގޯސްވާނެ ފިރިހެނެކެވެ. ދެބެން އެކަކު އަނެކަކާ ދެކޮޅަށް ވާހަކަ ދައްކަމުން ގެންދިޔައެވެ. ޞިދްރާއަށް ތަޞައްވުރު ކުރެވުނުގޮތުގައި ޒަރޫންއަކީ ވަރަށް ކިޔަމަންތެރި އަޚުލާޤު ރަނގަޅު މީހެކެވެ. ބައްދަލުވުމުގައިވެސް އިސްޖަހައިގެން މަޑުމައިތިރިކަމާއެކު ، މަންމަގެ ވާހަކަ އަޑުއަހަން އިނެވެ. ކަޝަފް ބުނިގޮތުގައި އެއީ އޭނާ ހަދައިގެން އިން ގޮތެކެވެ. އެއީ ، ޞިދްރާމެންނަށް ދައްކަން ހަދައިގެން އިން ގޮތެކެވެ. އެކަމަކު ޞިދްރާމެންނަށް ފެނުނީ ކަޝަފް އަބަދުވެސް ޒަރޫންއާ ބެހޭގޮތުން ދައްކާ ވާހަކައާ މުޅިން އިދިކޮޅަށެވެ. ޒަރޫންގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގޭނީ ކަޝަފަށްކަމަށް އޭނާ ބުނެއެވެ. ކަޝަފަކީ ދެއަހަރު ވަންދެން ޒަރޫންއާއެކު ޔުނިވަރސިޓީގައި އެއްކްލާހެއްގައި އުޅުނު މީހެކެވެ. ޒަރޫންގެ ކަންތައް ، ކަޝަފަށް ވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެކަމުގައި ކަޝަފް ބުނެއެވެ. އަދި އަސްމަރާއާ ބެހޭގޮތުން ޒަރޫން އެއްވެސް ވާހަކައެއް ބުނިތޯ ކަޝަފް ސުއާލު ކުރިއެވެ.

އަސްމަރާއާ ބެހޭގޮތުން ، ޞިދްރާއަށް ކަޝަފްގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށްވުރެ ބޮޑަށް ޒަރޫން ވަނީ ޞިދްރާއަށް އެވާހަކަ ކިޔައިދީފައެވެ. ޒަރޫންއަކީ ކައިވެންޏެއްކޮށްގެން އުޅެން ކަމުދާނެ މީހެއްކަން ޞިދްރާ ކަށަވަރު ކޮށްދެއެވެ. އަދި ރާފިޢާވެސް ހުރީ ޒަރޫން އާ މެދު ހިތްހަމަ ޖެހިފައެވެ. ކަޝަފަށް ފެންނަ ގޮތުގައި މަންމަޔަށްވެސް އަދި ޞިދްރާއަށްވެސް ގޯސްކޮށް ވިސްނި ދާނެއެވެ. ޞިދްރާ އެކަމަށް އެއްބަސް ވެއެވެ. އަދި ކަޝަފަށްވެސް ގޯސްކޮށް ވިސްނިދާނެކަން ޞިދްރާ ސާފުކޮށް ދެއެވެ. އަދި ތިން އަހަރުވަންދެން ޒަރޫންއާމެދު ކަޝަފް ދެކެމުން އައި ގޯސް ތަޞައްވުރަކީ ، ކަޝަފަށް ގޯސްކޮށް ކުރެވިފައިވާ ތަޞައްވުރެއްކަންވެސް ޞިދްރާ ސާފުކޮށް ދެއެވެ.

ޒަރޫން މަތީބުރިން ފައިބައިގެން އައިއިރު ، ސިޓިންރޫމުގައި ސާރާ އިންތަން ފެނިގެން އައިސް ސާރާއަށް ޝުކުރު އަދާކުރިއެވެ. ޒަރޫންއަށް ތާއީދުކޮށް މަންމަ ގާތު ވާހަކަ ދައްކައި ދިނީތީއެވެ. ސާރާ އެމައްސަލައިގާ ބޮޑަށް އެހީތެރިވެދިނީ މަންމައަށެވެ. އެއީ ޒަރޫން ބޭނުންވާގޮތަކަށް އޭނާގެ ކައިވެނީގެ ކަންތައް ނިންމުމަށް ޒަރޫންއަށް ދޫކޮށްލުމަށް ލަފާދީގެންނެވެ. އެކަމަކު ޣަޒާލާ އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. އެ ދެބެންވެސް އެކަކު އަނެކަކަށް ސަމާސާކޮށް ، ޒަރޫންގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޒަރޫންގެ ކައިވެނީގެ މައްސަލައިގާ މަންމަ ، ޣަޒާލާ އެހާ އިދިކޮޅު ވިސްނުމެއް ގެންގުޅޭތީ ޒަރޫން ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ޒަރޫންގެ އަމިއްލަ މައިންބަފައިން އޭނާއަށް އިތުބާރުނުކޮށް ، ނާއުއްމީދީ ވާހަކަ ދައްކާތީ ޒަރޫން ކަން ބޮޑު ވެއެވެ. އަނެއްކޮޅުން ، މިހުރިހާ ކަމެއް ހިނގަމުންދާއިރުވެސް ، މިކައިވެންޏަށް ކަޝަފް އަދި ތައްޔާރެއް ނޫނެވެ. އަދި ތައްޔާރު ވާނެކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. އެހެންނަމަވެސް ޞިދްރާއާއި ކަޝަފްގެ މަންމަގެ މާބޮޑު ހިތްހަމަނުޖެހުމެއް ޒަރޫންގެ މައްޗަށް ނެތުން އެއީ ޒަރޫންއަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ.

ޒަރޫންގެ ގޭގައި ކަންހިނގަމުންދަނީ އެގޮތަކަށް ނޫނެވެ. އޭނާގެ ކައިވެނިވެސް ނުވަނިސް އެގޭގައި ދެކެވެމުން އެދަނީ ، އެކައިވެނި ނުދެމެހެއްޓޭނެ ވާހަކައެވެ. އެކައިވެނީގައި އެއްވެސް އުފަލެއް ނޯންނާނެ ވާހަކައެވެ. މަންމަގެ ވިސްނުން އެހާ ގޯސްކޮށް އެހުރި ސަބަބަކީ ކޮބައިބާވައެވެ. އެއީ ހަމަ ، ޒަރޫންގެ އުޅުމާއި ވިސްނުންހުންނަގޮތުން ބާވައެވެ.

------------------------

ޒަރޫންގެ އެދުމަކަށްކަމެއް ނޭނގެއެވެ. އަބްރާރް އަލުން ކަޝަފާ ބައްދަލުކޮށްލުމަށް އެދެއެވެ. ކަޝަފްވެސް އަބްރާރް ސާރގެ ބަސްއަހައި ވާހަކަ ދައްކައިލުމަށް އާދެއެވެ. ކަޝަފާ ބައްދަލުކޮށް އަބްރާރް އެވާހަކަ ދައްކަނީ ޒަރޫންގެ ފަރާތަކުން އެކަންޏެއް ނޫނެވެ. ޒަރޫންއަކީ ރަނގަޅު އިންސާނެއް ނޫންކަން އެނގިހުރެ ، ކަޝަފްގެ ކައިވެނި ޒަރޫންއާ ކުރުމާބެހޭ އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. އެހެނީ ކަޝަފަކީވެސް އަބްރާރްގެ ދަރިއެއްފަދަ ކުއްޖެކެވެ. އަބްރާރްގެ އަޑުގައިވަނީ ދެރަވުމާއި ކަން ބޮޑުވުމެވެ. ކަޝަފްގެ މިޒާޖާއި ވިސްނުން އަބްރާރަށް ރަނގަޅަށް އެނގެއެވެ.

" ސާރ އެވެ ! އެއީ އެއްވެސް އަޚުލާޤެއް އަދަބެއް ސަދަބެއްނެތް އިންސާނެކެވެ. ޔުނިވަރސިޓީގައި އޭނާ އުޅުނުގޮތް އެންމެ ބޮޑަށް އެނގޭނީ ސާރ އަށެވެ. އަހަރެންނަށްވުރެވެސް ބޮޑަށް ، ޒަރޫންއަކީ ކާކުކަން އަބްރާރް ސާރއަށް އެނގޭނެއެވެ. ޒަރޫންގެ އުޅުން ހުރިގޮތް އެނގިހުރެ ، އޭނާގެ ފަރާތުން ތަކުލީފާއި ޖެއްސުން ލިބިހުރެ ، އެތައް އަންހެންކުދިންނެއް އޭނާގެ " ރައްޓެހިން " ގެ ގޮތުގައި ގެންގުޅުނު މީހަކާ އަހަރެން ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

ޒަރޫން ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ކަޝަފަށް ވިސްނައިދެވޭތޯ އަބްރާރް މަސައްކަތް ކުރަމުން ގެންދިޔައެވެ. ކޮލެޖާއި ޔުނިވަރސިޓީގައި ޅަކުދިން އުޅޭނީ އެކަހަލަ ގޮތަކަށެވެ. ޒަރޫންގެ ޢަމަލުތައް ހުރީ ތަންކޮޅެއް ބޮޑުކޮށްކަމުގައި އަބްރާރް ވެސް އެއްބަސް ވެއެވެ. އެހެންނަމަވެސް ، ކަޝަފް އުޅުނީކީ އެކަހަލަ ގޮތަކަށް ނޫނެވެ. ކަޝަފްގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. ޒަރޫން ، ކަޝަފާ ގަޔާވި އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އެކަމަކު ، ޒަރޫން އެހަދަނީ ދޮގުކަމުގައި ކަޝަފް ދެކެއެވެ. ޒަރޫން ބޭނުންވާ ކަމެއް ޙާޞިލްކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކަޝަފް ޔުނިވަރސިޓީގައި އުޅުނީ ހަމައެކަނި ޒަރޫންއާ ވާދަކޮށްގެންނެވެ. ޒަރޫންއަށް ގޮން ޖަހައިގެންނެވެ. އަބަދުވެސް ޒަރޫންއަށްވުރެ މޮޅުވާން އޭނާއާ ވާދަ ކޮށްގެންނެވެ.

އަބްރާރްގެ ވާހަކަ ހުރީ ޒަރޫން ބަދަލުވެއްޖެކަން ކަޝަފަށް ސާބިތުކޮށް ދިނުމަށް އަމާޒު ކޮށްފައެވެ. ކައިވެނީގެ ފަހުން އަދި މާބޮޑަށް ބަދަލުވެފައިވާ މީހެއްގެ ގޮތުގައިވެސް ކަޝަފަށް ، ޒަރޫން ފެނިދާނެއެވެ. އެހެންނަމަވެސް ، ފިރިހެނުން އަންހެނުންނަށް އެ ފުރުސަތު ނުދޭނެކަމުގައި ޒަރޫން ބުނެއެވެ. ފިރިހެނުންނަކީ ، އަންހެނުން ހައްލާލައިގެން ، އެމީހުން ބޭނުންވާގޮތަކަށް ގެންގުޅެން ބޭނުންވާ ބައެއްކަމުގައި ކަޝަފް ބުނެއެވެ. ކައިވެނީގެ ފަހުން ރަނގަޅު އިންސާނަކަށް ފިރިހެނުން ބަދަލުވެދާނެ ކަމަށް ވަންޏާ އަންހެނުންނަށްވެސް އެފުރުސަތު ނުލިބެންވީ ކީއްވެ ހެއްޔެވެ ؟ ކަޝަފަށް މިހާރު ލިބިގެންވާ ޝަރަފާއި އިއްޒަތް ދޫކޮށް ، ޒަރޫންއާ ކައިވެނިކޮށްގެން މޮޅެއް ލިބިދާނެކަމަށް ބަލަންވީ ކީއްވެ ހެއްޔެވެ ؟

ކައިވެންޏަކީ ، ގޮތް ނޭނގޭ އަދި ދެމީހުން ބޭނުންވާހާ ގޮތަކަށް ގޮސް ނިމޭ ގުޅުމެއް ނޫނެވެ. އަބްރާރްގެ ނަސޭޙަތް ކުރިޔަށް ގެންދިޔައެވެ. ކިތަންމެ ރަނގަޅު އިންސާނަކުވެސް ބަދަލުވެ ގޯސް މީހަކަށް ވެދާނެއެވެ. އަދި ގޯސްމީހަކު ވަރަށް ރަނގަޅު މީހަކަށްވެސް ބަދަލު ވެދާނެއެވެ. އެއީ އިންސާނާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. ކަޝަފަށް އެއްވެސް ކަމެއްގައި މަޖުބޫރު ކުރާކަށް އަބްރާރް ބޭނުމެއް ނޫނެވެ. ގޯސް ނަސޭޙަތެއް ނުދޭނެއެވެ. އެންމެ ފަހަރަކު ޒަރޫންއާ ބައްދަލުކޮށްލައި ، ހަމަޖެހިލައިގެން ވާހަކަ ދައްކާލަ ބަލާށެވެ. ކަޝަފާއި އަބްރާރްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޓަކިޖަހައިލާފަ ޒަރޫން އެތަނަށް ވަދެ ސަލާމް ގޮވައިލައެވެ. ޒަރޫންއަށް އެތަނަށް އައިސް ދިނުމަށް އެދުނީ އަބްރާރް އެވެ. ދެމީހުން ރަނގަޅަށް ވާހަކަ ދައްކައިލާފައި ކަޝަފް ގޮތެއް ނިންމާށެވެ. ކަޝަފް ނިންމާ ކޮންމެ ގޮތެއް އަހަރެމެން ޤަބޫލު ކުރާނަމެވެ. ވަރަށް ލަދުންހުރެ އެހެން ބުނެފައި އަބްރާރް އެތަނުން ނުކުމެއެވެ. ކަޥަފާއި ޒަރޫންއަށް ވާހަކަ ދައްކައިލުމަށް ފުރުޞަތު ދިނުމަށްޓަކައެވެ. ކަޝަފާއި ޒަރޫން އެއްތަން ކުރުމަށް އަބްރާރަށް ހެދެން އޮތް ގޮތް އެހަދައި ދިނީއެވެ. ދެން ހަދާނެ ގޮތެއް އެނގޭނީ އެދެމީހުންނަށެވެ.

ކަޝަފް އިނީ ކަންބޮޑުވެފައެވެ. އަބްރާރް ސާރ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް ކަޝަފް ހީއެއް ނުކުރެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.