ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޖާގަ ހޯދައިފިއެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފްރާންސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ފްރާންސްއަށް ލީޑު ނަގައިދިން މި ލަނޑު ޖަހައި ދިނީ އޮއޭލިއަން ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖެހީ ދުރުން ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.
ފްރާންސްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ކުޅެން އަރައި އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.
ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޖިރޫޑެވެ. އެއީ މެޗުގެ 78 ވަނަ މިނެޓުގައި ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމަށް އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނުއިރު، ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ސެމީ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް އަތުން މޮޅުވި މޮރޯކޯއާއެވެ.