ދެކަފި - 54

(7 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެޔެއް ޖަހާއިރު ، މެންދުރުގެ ކެއުން އޮތީ އިންތިޒާމް ކުރެވިފައެވެ. ކާން މަޑުކުރަންޖެހޭތަނަށް އެހާއިރަށް ދަން ޖެހޭނެއެވެ. އެކަމަކު ، އަވަށުތެރެޔަށް ބިދޭސީންގެ ދެމީހުންނަށް އާދެވުނީމަ އެމީހުން މަޑުކުރަންޖެހޭ ތަންތަން ގިނަވީމަ އެހިސާބަށް އެހާއިރަށް ދެވޭނެކަމެއް ނޭނގެއެވެ. އެކަމާ ކަޝަފް ހުރީ ވަރަށް ކަން ބޮޑުވެފައެވެ. ޒަރޫން އަކީ އެމީހުންނާ ޙަވާލުވެހުރި މީހާއެވެ. ޒަރޫންވެސް މިހާރު އެމީހުންގާތު އެވާހަކަ ދެފަހަރަކު ބުނެފިއެވެ. އެކަމުގައި ޒަރޫންއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

" އެމީހުން އައީ ޒަރޫންއާ އެކުގައެވެ. އެހެންވީމާ ޒަރޫންގެ ބުނާ ބަހުގެ އަޑު އެމީހުން އަހަން ޖެހޭނެ އެވެ. " ކަޝަފް ބުންޏެވެ.

" އެންމެ ރަނގަޅުވާނީ ކަޝަފް އެވާހަކަ އެމީހުންގާޓު ބުނިއްޔާއެވެ. އެއީ އެމީހުންނަށް ތަންތަން ދައްކަނީ ކަޝަފް ކަމަށް ވާތީއެވެ. " ޒަރޫން ، ކަޝަފާ ދިމާއަށް ބޯޅަ އެއްލިއެވެ.   

------------------------

ޕްރޮޖެކްޓަށް ބަލަންޖެހޭ ތަންތަން ގިނަކަމުން ވަގުތު ސަލާމަތް ކުރުމާބެހޭގޮތުން ޕްރޮޖެކްޓް ޓީމާއެކު ބައްދަލުވުމެއް ބޭއްވުނެވެ. ފޮރިން އެފެއާރޒް ގެ ވެރިޔާއަށް ފެނުނުގޮތުގައި ދުވާލަކު 3 ތަން ބެލެންޏާ ވަރަށް ދުވަސް ނަގާނެއެވެ. ޒަރޫންއަށް ފެނުނު ގޮތުގައި ދުރުގައިހުރި ތަންތަން ފުރަތަމަ ނިންމަން ވީއެވެ. ކަޝަފް ބޭނުންވީ ބޭރުމީހުންގެ ވިސްނުން ހުރިގޮތަކަށް އެކަން ނިންމުމަށެވެ. މިހާތަނަށް ދެވުނު ތަންތަނާމެދު އެމީހުންގެ ޝަޢުޤު ވަރަށް ބޮޑެވެ.

އެދުވަހުގެ މަސައްކަތް ނިންމައިލުމަށްފަހު ، އެހިސާބުގެ ގެސްޓް ހައުސްއެއްގައި ޒަރޫން އާއި ބިދޭސީންގެ ދެމީހުން  މަޑުކުރާގޮތަށް އޮތީ ރޭވިފައެވެ. އޭރު ހުރީ ގަޑިން 10 ޖަހާފައެވެ.  ރޭގަނޑުގެ ކެއުން ތައްޔާރުވެފައި ހުރިކަމަށް ކަޝަފް ބުންޏެވެ. އޭނާ ބޭނުންވީ ތަންކޮޅެއް އަވަހަށް ކެއުމުގެ ކަންތައް ނިންމާލުމަށްފަހު އަވަހަށް ގެޔަށް ދާށެވެ. ޒަރޫން ބޭނުންވީ ، ކުޑަކޮށް ތާޒާ ވެލައި އޭގެ ފަހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށެވެ. އަދި ބޭރު ދެމީހުންވެސް ބޭނުންވީ އެގޮތެވެ. އަދި އެގޮތް ރަނގަޅު ކަމަށް ބުނެ އެމީހުން ކޮޓަރިޔަށް ދިޔަތަނުން ކަޝަފާއި ޒަރޫން އެކަނި ވިއެވެ.

" އަހަރެންނަށް އެހާ ލަސްވަންދެން މަޑުކުރަން ވަރަށް އުނދަގުލެވެ. މިހާރުވެސް 10 ޖަހައިފިއެވެ. " ކަޝަފްގެ ވާހަކަޔަށް ޒަރޫން ކުރީ ސުއާލެކެވެ. އެއީ ކީއްވެގެން ހޭ ބުނެއެވެ.

" އެއީ ، އަހަރެންގެ ގެ ހުންނަނީ މިހިސާބުން ބައިގަޑިއިރުން ދެވޭ ހިސާބުގައެވެ. އެހާ ލަސްވަންދެން ބޭރުގައި އުޅުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. " ކަޝަފް ބުންޏެވެ. އަނެއްކާވެސް ޒަރޫން ކުރީ ސުއާލެކެވެ. " އަދިވެސް " ހެއްޔޭ ބުނެއެވެ.

އޭރުވެސް އަދި މިހާރުވެސް ކަޝަފަކީ ރޭގަނޑު ބޭރުގައި އުޅޭ މީހެއް ނޫނެވެ. އެމީހުން ތައްޔާރުވެގެން ކާން ނުކުމެގެން ކައި ނިމޭއިރު ހުންނާނީ ވަރަށް ބޮޑަށް ލަސްވެފައެވެ. އެއީ ކަޝަފް ރޭގަނޑު ، ބޭރުގައި އުޅޭ ގަޑިއެއް ނޫނެވެ. ކަޝަފް ބޭނުންކަމަށް ވަންޏާ އޭނާ އަށް ޒަރޫންއާ އެކުގައިވެސް ، ލަސްވިޔަސް ގެޔަށް ދެވިދާނެއެވެ. އެކަމަކު ، އެއީ ކަޝަފް ބޭނުންވާނެ ގޮތެއް ނޫނެވެ. އެކަން ޒަރޫންއަށްވެސް އެނގެއެވެ. ވަރަށް ކުރިން ޒަރޫން އޮތީ އެކަން ތަޖުރިބާ ކޮށްފައެވެ.

" އަހަރެންނާ ބެހޭ ކަންތައްތައް އިތުރަށް އެނގުމަކީ ޒަރޫންއަށް ގެއްލުން ލިބިދާނެ ކަމެކެވެ. " ކަޝަފް ބުންޏެވެ.

ގެއްލުމަކީ ކޮންމެ މީހަކަށްވެސް ލިބިދާނެ އެއްޗެކެވެ. ޒަރޫންގެ ހިތުގައި ކަޝަފް އާމެދު އޮތް ވިސްނުން އަންނަނީ ބަދަލުވަމުންނެވެ. އެވާހަކަ ޒަރޫން ބުނުމާއެކު ، ރަނގަޅުވާނީ ،  އަމިއްލަ ޙަޔާތުގެ ކަންކަމާ ދެމީހުންވެސް ދުރުގައި ތިބުން ކަމުގައި ކަޝަފް ބުންޏެވެ. ލަސްވަންދެން ކަޝަފް ބޭރުގައި އުޅުމަކީ ޒަރޫންވެސް އެދޭކަމެއް ނޫނެވެ. ކަޝަފް ބޭނުންކަމަށް ވަންޏާ ލަސްވަންދެން ނުހުރެ ދިއުމަކީ ޒަރޫންއަށް މައްސަލައެއް ނޫނެވެ. ކަޝަފް ދަމުން ދަމުން ، ވޭނަށް އަރަމުން ޒަރޫންއަށް ޝުކުރު އަދާކުރިއެވެ. އެހެން ބުނެލަން ކަޝަފަށް ހަނދާން ކޮށްދޭން ނުޖެހުނީތީ ، ހިނިތުންވެފައި ހުރެ ޒަރޫން އެވާހަކަ ބުނުމުން ކަޝަފްގެ މޫނުމަތިންވެސް ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ.

ގެޔަށްގޮސް މޭޒުކައިރީ މަޑުކޮށްލައިގެން އިންއިރު ، ކަޝަފުގެ ހަނދާނަށް ވަރަށްގިނަ ކަންތައްތައް އައެވެ. ހިތްދަތިކަމާއި މަލާމާތާ އަދި ޖެއްސުމާއި އަބުރާ ގުޅިފައިވާ އެތައް ކަމެކެވެ. އަނެއްކާވެސް އޭނާއަށް މިކުރިމަތިވީ ހަމަ އެކަންތަކެވެ. ހަމަ އެއިންސާނާއެވެ. ސަރުކާރުގެ ވަޒީފާގެ ޒިންމާއެއް ނެތްނަމަ ، ކަޝަފް އެއިންސާނާ އާ ވާހަކަވެސް ދައްކާކަށް ބޭނުމެއް ނޫނެވެ. އެއީ އެއްކަލަ ޒަރޫންއެވެ. އެއްވެސް ބަދަލެއް ނެތެވެ. ހަމަކުރީގެ ވެސް އާދަތަކެވެ. އެއާދަތަކުގައި ފޮރުވިފައިވާ ބަދަލާއި ސިއްރުގެ ޙަޤީޤަތް ބަލާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ޚަރާބުވެފައިވާ މާޒީގެ އެއް ޙިއްޞާއެވެ. އެއީ ހަމަ ކުރީގެ ގޯސް އާދަތަކުން ނަފްސުގެ އަޅަކަށްވެފައިހުރި ނުރައްކާތެރި އިންސާނެކެވެ. އަމިއްލަ އެދުމުގެ ޝިކާރަޔަކަށް ވެހުރި މީހެކެވެ.

ކައިނިމިގެން ޒަރޫން ނުކުމެ ގޯތިތެރޭގައި ހިނގަމުންދިޔައިރު ، އޭނާގެ ހިތަށް އަރަމުން އެދަނީ ކޮންފަދަ އެއްޗެއްކަމެއްވެސް ނޭނގެއެވެ. ބައެއް ފަހަރަށް ދެބުމަ ގޮށް ޖެހެއެވެ. އަދި ބައެއްފަހަރަށް މޫނުމައްޗަށް ހިނިތުންވުން ވެރިވެއެވެ. ހިނގަމުން ދަމުންގޮސް އެތާހުރި ޖޯއްޔެއްގައި ޒަރޫން ޖައްސާލައެވެ. ފުންވިސްނުމެއްގެ ތެރެޔަށް ގެއްލެއެވެ. ސިނގިރެޓެއް ނަގައި ރޯކޮށްލުމަށްފަހު ދެފަހަރަކު ދަމާލާފައި އެއްލައިލައެވެ. އޭރުވެސް އޭނާ އެދަނީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ.

ޒަރޫން އޭނާގެ ފޯނު ނަގައި ކަޝަފާ ގުޅިއެވެ. ކަޝަފް ފޯނުނެގުމަށްފަހު ، ކޮންކަމަކާތޯ ފޯނުކުރީ އަހައިލައެވެ. ޒަރޫން ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކަޝަފާ ވާހަކަ ދައްކައިލުމެވެ. އެހާ ލަސްގަޑިއެއްގައި ފޯނުކުރީމާ ކަޝަފް އިނީ ހިތްހަމަ ނުޖެހިފައެވެ. ޒަރޫން ބޭނުންވީ މާދަމާގެ ޕްރޮގްރާމް ސާފުކޮށްލަ ދިނުމަށެވެ. ކަޝަފް މިހާރުވަނީ އެޕްރޮގްރާމް އެތައްފަހަރަކު ޒަރޫންއަށް ކިޔައިދީފައެވެ. މާދަމާ ޕްރޮގްރާމް ކިޔައިދޭނަމޭ ބުނެ ޒަރޫންގެ ކިބައިން ސަލާމަތް ވޭތޯ ކަޝަފް މަސައްކަތް ކުރިއެވެ. އަދި މާދަމާ ހެނދުނު ދިމާވީމަ ޕްރޮގްރާމް ދޭނަމޭ ބުނެ ކަޝަފް ފޯނު ބޭއްވިއެވެ. ޕްރޮގްރާމްގެ ވާހަކަ ދެއްކުނީތީ ޒަރޫން އިނީ އަމިއްލަ ނަފުސަށްވެސް ރުޅި އަރައިގެންފައެވެ. ނިތްކުރިމަތީ އަމިއްލަޔަށް ޖަހއިވެސް ލެވުނެވެ. ކަޝަފާ ވާހަކަ ދައްކަން ޖެހޭނީ ވަރަށް ވިސްނައިގެންކަން ޒަރޫންއަށްވެސް އެނގެއެވެ. ކަޝަފަކީ އެހާ ވާހަކަ ގިނަ މީހެއް ނޫނެވެ. އެހެން ނޫނަސް ފިރިހެންކުދިންނަކާ ކަޝަފް ވާހަކަ ދައްކައި މަލެއް ނުފޮޅުވާނެއެވެ. ޒަރޫންއަށް އަދިވެސް ކަޝަފް ނޭނގެނީއެވެ. އެހެންނަމަ ، ރޭގަނޑުގެ އެގަޑީގައި ދައްކާނެ ވާހަކައެއް އަދި ނެތްއިރު ކަޝަފަށް ފޯނެއް ނުކުރާނެއެވެ.

އަނެއްދުވަހު ހެނދުނު ތެދުވެ ފަތިހު ފަތިހާ ފެންވަރައިގެން ހެނދުނު ސައިވެސް ނުބޮއެ ޒަރޫން އެހުންނަނީ އޮފީހަށްގޮސް ކަޝަފްގެ އިންތިޒާރުގައި ގަޑި ބަލައިލަ ބަލައިލައެވެ. ދެކޮޅަށް ދެކޮޅަށް ހިނގައެވެ. ކަޝަފް އައުން ލަސްވެގެން ، ޖީބުން ފޯނުނަގައި ގުޅަން ފެށީތަނުން ، ދޮރުހުޅުވާލާފައި ކަޝަފް ވަދެއްޖެއެވެ. އަދި އޭނާ އައިކަން ޒަރޫންއަށް އަންގައިލިއެވެ. ކަޝަފް ލަހުން އައިވާހަކައާއި ލަސްވާ ވާހަކަ ބުނެލިނަމަ ރަނގަޅޭ ޒަރޫން ބުންޏެވެއަންނަން ޖެހެނީ 8 ޖަހާއިރު ކަމާއި އަދި ހަމަ 8 ޖެހީކަމުގައި ކަޝަފް ބުންޏެވެ.

ކަޝަފަށް އެދުވަހުގެ މަސައްކަތް ނިންމައިލުމަށްފަހު ގެޔަށް ދެވުނީ އިރާކޮޅު އެވެ. މަންމަވެސް އައިސް އުޅޭތީ ، މަންމަ ފޫހިވެދާނެތީ ކަޝަފް ހުންނަނީ ކަން ބޮޑުވެފައެވެ. އެކަމަކު ރާފިޢާ އޭނާގެ ދަރިފުޅަށް އުނދަގޫ ނުކޮށް އޭނާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިޔައެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް ރާފިޢާއަށް މުހިންމީ އޭނާގެ ދަރިފުޅުގެ ހިތްހަމަ ޖެހުމެވެ. މާތް ﷲ ގެ ރަޙުމަތުން ، ކަޝަފްގެ ހިންމަތާ މިންނަތުން މިންވަރުކުރައްވާފައިވާ މިދުވަސް ރާފިޢާ ދެކެނީ ، ކަޝަފްގެ ދިރިއުޅުމުގެ ބާއްޖަވެރިކަމުގެ ފެށުންކަމުގައެވެ. ސަރުކާރުގެ ކާރެއްގައި ކަޝަފް އިށީނދެ އިންނަތަން ފެނުން އެއީ ހުވަފެނުންވެސް ރާފިޢާ ދެކެފައިވާކަމެއް ނޫނެވެ. އަދި ފަހަތު ޝީޓްގައި އެދެމައިން ތިބޭއިރު ، ސަރުކާރުގެ ޑްރައިވަރަކު ، ކަޝަފް ގެ ކާރު ދުއްވަން އިނުން އެއީވެސް ރާފިޢާ ހީވެސް ނުކުރާފަދަ ކަމެކެވެ. ﷲ ގެ ރަޙުމަތްފުޅުގެ ބޮޑު ކަމާއެވެ !

އެއީވެސް ދުވަހެކެވެ. ފިރިހެންކުއްޖަކު ނުވިހައިގެން ރާފިޢާ ދޫކޮށްލާފައި އެހެންމީހަކާ އިނދެގެން ގެއިން ނުކުމެގެން ދިޔަދުވަސް ، އަދިވެސް ރާފިޢާގެ ހަނދާނުގައި އެބަހުއްޓެވެ. ތިން އަންހެން ކުދިން ބަލައި ބޮޑުކުރާނެ ގޮތަކާމެދު ރާފިޢާގެ ސިކުނޑި ސުމަކަށް ގޮސް މޮޔަނުވީ ކިރިޔާއެވެ. އެކަމަކު ، މިއަދު އެ ތިންކުދިންވަނީ ، ފިރިހެންކުދިންނަށް ދޫނުކޮށް ، ފިރިހެން ކުދިންނާ ވާދަކޮށްގެން ކުރި ހޯދައި ކާމިޔާބީ ޙާޞިލް ކޮށްފައެވެ. އެކަމަށްޓަކައި ތާ އަބަދު ، ރާފިޢާ ،  ﷲ އަށް ޝުކުރު އަދާ ކޮށް ހަމްދު ކުރެއެވެ. ކަޝަފްވެސް ﷲ އަށް ޙަމްދުކޮށް ޝުކުރު އަދާކުރުމަކީ ރާފިޢާގެ އެދުމެކެވެ.

ކަޝަފްމެން ތިންބެއިންނަށް ލިބިފައިވާނަމަ ލިބިފައި އޮތް ކާމިޔާބީއަކީ ﷲ ގެ މިންވަރުފުޅާއެކު ، މަންމަގެ ހިތްވަރާ މިންނެތް މަސައްކަތުން ލިބިފައިވާ އެއްޗެއްކަން ކަޝަފަށް އެނގެއެވެ. ކަޝަފްމެންނަށްޓަކައި ރާފިޢާ ނުވާ ޤުރުބާނީއެއް ނެތެވެ. ނުއުފުއްލާ ތަކުލީފެއް ނެތެވެ. ނުކުރާ ހިތާމައެއް ނެތެވެ. ނުކުރާ ހަނގުރާމައެއް ނެތެވެ. ނުއުފުއްލާ ވޭނެއް ނެތެވެ. އެއީ ﷲ ގެ ޙަޟުރަތުން ރާފިޢާއަށް ލިބުނު ހިތްވަރެކެވެ. މިހާރު ، ރާފިޢާގެ އޮތީ ހަމަ އެންމެ އެދުމެކެވެ. ކަޝަފް މީހަކާ އިނދެގެން ދިރިއުޅުމެއް ފެށުމެވެ. އަދި އެހިސާބުން ރާފިޢާގެ ޒިންމާ ފުރިހަމަވެގެން ދިއުމެވެ.

ކަޝަފަށް އޭނާ ބޭނުންވާފަދަ ދިރިއުޅުމެއް ލިބިއްޖެކަމަށް ނިންމަން އޭނާގެ މަންމަގާތު ބުނެއެވެ. ވަޒީފާއެއް އެބަ އޮތެވެ. ގެޔެއް އެބަހުއްޓެވެ. ޢިއްޒަތާއި ޝަރަފް ލިބިގެން ވެއެވެ. އެވަރުން ކަޝަފަށް ފުދެއެވެ. އަދި އެހިސާބަކީ މަންމަގެ ޒިންމާ ނިމޭ ހިސާބުކަމަށް ކަޝަފް ޤަބޫލު ކުރެއެވެ. ކައިވެނީގެ ހާސަރުގައި އިތުރު ހާސްކަމެއް އޭނާގެ ސިކުނޑިޔަށް ވައްދާކަށް ކަޝަފް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވާ ހުރިހާކަމެއް މިވަގުތު އެދަނީ ފުރިހަމަ ވަމުންނެވެ. މަންމަ ބޭނުންވާ ގޮތް ކަމަށް ވަންޏާ އެކަންކަން އެގޮތަށް ފުރިހަމަ ނުވާނެގޮތަކަށްވެސް އޭނާ ހަދައިފާނެއެވެ.

" ދަރިފުޅާއެވެ ! ޞިދްރާއަށް ނިކަން ބަލައިލަ ބަލާށެވެ. ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ ؟ ހުރިހާ ފރިހެނުންނަކީ ، ދަރިފުޅުގެ ބައްޕަ ކަހަލަ މީހަކަށް ނުވެ ހިނގައިދާނެއެވެ. " ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބެލިއެވެ.

" ހުރިހާ ފިރިހެނުންނަކީ ، ބައްޕަ ކަހަލަ މީހުންނަށްވެސް ވެދާނެއެވެ. ފިރިހެނުންނަކީ އެއްގޮތަކަށްވެސް އިތުބާރު ކުރަން ހެޔޮވާވަރުގެ ބައެއް ނޫނެވެ. " ކަޝަފް އޭނާގެ ގޮތް ދޫނުކޮށް ބުނަމުން ގެންދިޔައެވެ.

ޞިދްރާ ދިރިއުޅެނީ ވަރަށް އުފަލުގައެވެ. ފިރިމީހާގެ އަޅައިލުމާއި އޯގާތެރިކަން އިންތިހާއަށް ލިބެއެވެ. ޞިދްރާ ދެކެ އެހާ ލޯބި ވެއެވެ. ފިރިހެނުންނާމެދު ކަޝަފްގެ ހިތުގައި އުފެދިފައއިވާ ނަފްރަތަކީ ، ޖާއިޒް އެއްޗެކެވެ. ބައްޕަގެ ފަރާތުން އޭނާގެ މަންމައަށް ލިބިފައިވާ ތަކުލީފުތަކުން ލިބިފައިވާ ފިލާވަޅުން ، ހުރިހާ ފިރިހެނުންނާމެދުވެސް ، ކަޝަފަށް ބެލެނީ އެއް ނަޒަރަކުންނެވެ. އެއީ ރާފިޢާއަށް ކަމުދާ ގޮތެއް ނޫނެވެ. ޞިދްރާގެ ނަޞީބު ވަރަށް ގަދަކަމަށް ކަޝަފް ދެކެއެވެ. އެހެންނަމަވެސް ، ކަޝަފަކީ އެހައި ނަޞީބުގަދަ މީހެއްކަމަކަށް އޭނާ އެއް ނުދެކެއެވެ. ކަޝަފަކީ ، ނަޞީބެއް ނެތް މީހެއްކަމަށް ބަލަނީ ކީއްވެގެންކަމެއް ރާފިޢާއަކަށް ނުވިސްނެއެވެ.

" ދަރިފުޅުގެ ޢިއްޒަތާއި ޤަދަރުވަނީ އުފުލިގެންނެވެ. އަދި ދަރިފުޅުގެ ސަބަބުން މަންމަގެ އަބުރާއި ޢިއްޒަތްވެސް ވަނީ މަތިވެރިވެގެންނެވެ. ތަންގަނޑު އެންމެން މަންމައަށް ހާދަ ޤަދަރަކާއި އިޙްތިރާމެއް އަދާ ކުރެއެވެ. އެއީ ދަރިފުޅުގެ ސަބަބުން މިމަންމަޔަށް ލިބޭ އުފާވެރިކަމާއި ހަމަ ޖެހުމެވެ. އަދި ޙައްޤު ނޫންނަމަވެސް ، ދަރިފުޅުގެ ބައްޕަޔަށްވެސް އަދި ޢާއިލާގެ އެންމެންނށްވެސް ، މިހާރު މީހުން އެހާ އިޙްތިރާމް ކުރެއެވެ. އެހެން ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ދަރިފުޅަށް ﷲ ވަނީ ހެޔޮ ވިސްނުމާއި ރަނގަޅު ސިކުނޑިއެއް ދެއްވާފައެވެ. އެކަންކަމަކީ ނަޞީބެއް ނޫން ހެއްޔެވެ ؟ " ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައި ދެވޭތޯ ބަލަމުން ގެންދިޔައެވެ.

ކަޝަފް ދެކޭގޮތުގައި އިންސާނާ އޭނާގެ ނަޞީބު ލިޔަނީ އަމިއްލަޔަށެވެ.  އުޅޭ ގޮތުންނާއި ކުރާ މަސައްކަތުންނެވެ. މަންމަގެ ނަޞޭޙަތުން ކަޝަފް އޭނާގެ ނަޞީބާމެދު ދެކޭގޮތާއި ވިސްނުން ބަދަލެއް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ މާޒީގެ ތަޖުރިބާއަށް ގޮސް ހުސް ވެފައެވެ. އޭނާގެ ވިސްނުން ބަދަލު ކުރެވޭނީ ވަރަށް އުނދަގުލުންނެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުން ލިބޭ ރަނގަޅު ފިލާވަޅު ތަކުންނެވެ. އަންނަ ހެޔޮ ބަދަލު ތަކުންނެވެ. އެކަމާ ބެހޭގޮތުން ، އިތުރަށް ވާހަކަ ދައްކާނެ ފުރުޞަތު މަންމަޔަށް ދޭކަށް އޭނާ އަދި ބޭނުމެއް ނޫނެވެ. އޭނާއަކީ މަންމަ ފަދަ ހިތްވަރުގަދަ މީހަކަށް ނުވަނީއެވެ.

ކަޝަފް އޭނާގެ ނަޞީބާމެދު އުއްމީދު ގެއްލިފައިވާ އަނެއް ސަބަބަކީ ، އޭނާއަށް ކަންކަމާ ވިސްނައިގަންނަން އެނގެން ފެށީއްސުރެ ދިމާވަމުންދާ މައްސަލަތެކެވެ. ޚާއްޞަކޮށް ، ޔުނިވަރސިޓީގައި ކުރިމަތިވި ކަންކަމެވެ. އެއަށްފަހު މަސައްކަތުގެ މާޙައުލަށް ނުކުތުމުން ކުރިމަތިވަމުން އެދާ ކަންކަމެވެ. ޒަރޫންގެ ކިބައިން ސަލާމަތް ވެވޭނެގޮތެއް ނުފެނުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.