ދެކަފި - 7

(22 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއްވެފައިތިބި ކުދިންތަކުގެ ތެރެޔަށް ކަޝަފްވެސް ވަދެގަތެވެ. އަދި ނަތީޖާ ލިސްޓްގައިވާ ނަންތައް ކުދިންގެ ބޯމަތިން ކިޔާލަން އެނގޭ ހިސާބަށް ކައިރިވެލިއެވެ. ކަޝަފްވެސް ލިސްޓްގައި އެންމެ ފުރަތަމަ އޮތް އޭނާގެ ނަމުގައި އަތްޖައްސައިލިއެވެ. އެންމެ ކައިރީގައި ހުރިކުއްޖާ ކޮންމެވެސް ގޮތަކުން ކަޝަފް ދެނެގަތެވެ.

------------------------

ކަޝަފްގެ ބައްޕަ ، މުރުތަޟާ ދެއަނތްބަށް އިނދެގެންއުޅެނީ ، އޭނާއަށްވުރެ ޅަ އަދި އޭނާގެ ބަސްނުވިކޭ ރަނޑާލި މަކަރުވެރި އަންހެނަކާއެވެ. މިދިޔަ ހަފުތާ ބަންދުގައި މަރީއަށްގޮސް އައިފަހުން ، މުރުތަޟާގެ ހަގުއަނބި ނިޤާރުގެ ކަންތައް އަދި މާފަލަހެން ހީވެއެވެ. ބައެއްކަހަލަ އަންހެނުންނަކީ ، ދޫކޮށްލެވޭ މިނިވަންކަމަކުން އުދުހިގަންނަން ބޭނުންވާ ބަޔެކެވެ. މުރުތަޟާ އުޅެނީ ނުފޯރާފޮތިން ފޫގަޅައިގެންނެވެ. އޭނާއަށް ލިބޭމިންވަރަށްވުރެ ގިނައިން ހަގު އަނތްބަށް އެއްޗެހިދޭން ޖެހެއެވެ. އަދި އަބަދުވެސް ބޭއަދަބީ ބަސްތަކާ ދެރަކޮށް ލަދުގަންނުވައިލުމުގެ ބަސްތައް މުރުތަޟާއަށް ރައްދުކުރެއެވެ.

މިއަދަކީވެސް އެގޭގައި އެހާ އަމާން ދުވަހެއްނޫނެވެ. ނިޤާރުހުރީ މުރުތަޟާ ގެޔަށް ނައިސްގެން ލަސްވެފައެވެ. އަންނަތަނުން ރަނގަޅަށް ބަވާލަން ތައްޔާރުވެގެންނެވެ. މުރުތަޟާ އައިސް ކޮޓަރިޔަށްވަދެ އެނދުގައި އިށީނދެނުލެވެނިސް ނިޤާރުގެ ސުއާލުތައް އޮއްސައިލިއެވެ.

"ތިއައީ ކޮންތާކު ތެޅިތެޅިފައި ހެއްޔެވެ؟" ނިޤާރު ސުއާލުކުރިއެވެ.

"އަހަރެން މިއައީ ފިހާރަޔަށް ވަދެލާފައެވެ. ޢާންމުކޮށް ދަމެއްނޫންހެއްޔެވެ؟" މުރުތަޟާ ޖަވާބު ދިނެވެ.

"ފިހާރަޔަށް ދިޔައީ ހެއްޔެވެ؟ ނޫނީ އަނެއްގެޔަށް ގޮސްފައި އައީ ހެއްޔެވެ؟" މާލާމާތުގެ ރާގެއްގައި ނިޤާރު ބުނެލިއެވެ. ނިޤާރުގެ ސުއާލުން ހިތްހަމަނުޖެހިގެން ، އެގެޔަށްގޮސް އޭނާކުރާނީ ކީއްތޯ ސުއާލުކުރިއެވެ. އަދި ރާފިޢާ އުޅޭނީ ސްކޫލްގައިކަމަށްވެސް ބުންޏެވެ. އަދި ބަލައިގެން ވާހަކަދެއްކުމަށް ނިޤާރަށް ނަޞޭޙަތްތެރި ވިއެވެ. އެދެމަފިރިންގެ އާދައިގެ މަތިން ޒުވާބުގަނޑެއް ކޮށްލާފައި ، ފަތަރާސީ ގޮތަކަށް ހިނގަމުން ނިޤާރު ކޮޓަރިން ނުކުމެގެން ދިޔައެވެ. މުރުތަޟާ އިނީ ގެޔަށް އާދެވުނުމޮޔަ ހިތަށް އަރާފައެވެ.

------------------------

ޒަރޫން ޔުނީއިން ނުކުމެގެން އައީ އަސްމަރާއާއި އޭނާގެ ރަޙުމަތްތެރިޔާ ނަގައިގެން އޭނާގެ ކާރަށް އަރުވައިގެންނެވެ.

"އަހަރެންނަށް ޔުނިވަރސިޓީން އެޑްމިޝަން ނުލިބުނަސް އެއީ މައްސަލައެއް ނޫނެވެ. ކިޔަވަން ބޭރަށް ދިއުމުގެ ފުރުޞަތު އަހަރެންނަށް އެބައޮތެވެ." އަސްމަރާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

އިންސާނާ އޭނާގެ އަމިއްލަ ނަފުސަށް ޔަޤީންކަން ނެތިއްޔާ ދެންބުނާނީ ކީކޭހެއްޔޭ ޒަރޫން ސުއާލުކުރިއެވެ. އެއީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާ އަދި ނުކުރުމާ ގުޅުންހުރިކަމެއްނޫންކަމަށް އަސްމަރާ ބުންޏެވެ. އަދި އެއަށް ކިޔަނީ މުސްތަޤްބަލް ރޭވުންކަމުގައި އިތުރަށް ބުނެލިއެވެ. އެތިންކުދިންގެ ތެރެއިންވެސް ޒަރޫނަކީ ހަރުފައެއްފަދަ ފިރިހެނެކެވެ. އެއްވެސްކަމެއްގައި ރިސްކެއް ނުނަގާނެއެވެ. ހަރުފަޔަކީވެސް ރިސްކު ނުނަގާ ޖަނަވާރެކެވެ. ހަރުފަޔަށް މީހަކު ގެއްލުމެއް ނުދިނަސް އެއާ ކައިރިވެއްޖިއްޔާ ދަތްއަޅައި ވިހަލާނެއެވެ. އެއަށް ގޯނާއެއްކުރަންދެން މަޑެއްކޮށް ނުއޮންނާނެއެވެ. ތިންމީހުންވެސް އެމީހަކަށް ފެންނަ ޚިޔާލެއް ފާޅުކުރަމުން ގެންދިޔައެވެ.

------------------------

ކަޝަފް ގެޔަށް ދިޔައިރު ގޭގެ މާޙައުލު އޮތީ މުޅިން ބަދަލުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެދުވަހު ރާފިޢާވެސް ތަންކޮޅެއް އަވަހަށް ގެޔަށް އައެވެ. އޭނާއައީ ހަވީރު ސަޔަށް ކޭކާ ހެދިކާވެސް ހިފައިގެންނެވެ. އެންމެ ފުރަތަމަވެސް ، ރާފިޢާގެ މަސައްކަތަކަށްވީ ، ކަޝަފަށް ކާން ދިނުމެވެ. އޭނާހުރީ ކަރުދާސްގަނޑަށް ލާފައި ރާފިޢާދިން އެތިކޮޅުވެސް ނުކައެވެ. އެކަން އެހެންވާނެކަން ރާފިޢާއަށް ކުރިންވެސް އެނގެއެވެ.

ކަޝަފަށް އެލިބުނު ކާމިޔާބީއަކީ އޭނާ ދުވަހަކުވެސް އުއްމީދުކޮށްގެންހުރި ކަމެއްނޫނެވެ. ޔުނިވަރސިޓީ އެޑްމިޝަން ލިސްޓެއްގެ އެންމެ ފުރަތަމަޔަށް އޭނާގެ ނަން އަތުވެދާނެކަމަށް ހުވަފެނުންވެސް އޭނާ ދެކެފައެއް ނުވެއެވެ.

"އަހަރެން ބަލަންފެށީ ލިސްޓްގެ ތިރިންނެވެ. މަތިންބަލާކަށް އަހަރެންގެ ނަފްސު ހުއްދައެއް ނުދިނެވެ." ކަޝަފް ބުންޏެވެ.

"އަބަދުވެސް ވިސްނާގޮތަށް މުޅިން އިދިކޮޅު ވިސްނުމެވެ." ޞިދްރާ ހީލަމުން ބުންޏެވެ.

ކަޝަފަށް އެކަމުގައި އިދިކޮޅަށް ވިސްނުމުގެ ފުރުޞަތު އެބައޮތެވެ. އެތަނަށް އެއްވެތިބި ޒުވާން އަންހެންކުދިން ލައިގެންތިބި މޮޅު އަދި ނަލަ ހެދުމަށް ބަލައިލިޔަސް އެކަން އެނގެއެވެ. ހެދުމުންވެސް އެހާ ވާދަވެރިކަން ބޮޑެވެ. އެއްވެފައިތިބި އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން ، ކަޝަފްލައިގެންހުރި ކަހަލަ ، ޕާކިސްތާނުގެ ޢާންމު ހެދުންލައި ބޯނިވައިކޮށްލައިގެންހުރި ދެތިން ކުއްޖަކުނޫނީ އެއޮއް ހުރިހާކުދިންގެ ތެރެއިން ،  އޭނާއަށް ފެނިފައެއް ނުވެއެވެ.

"އެޑްމިޝަން ޓެސްޓަކީ ލައިގެންތިބޭ ހެދުމުގެ ސްޓައިލަށް ދޭ އެއްޗެއްނޫނެވެ. ތޫނުފިލިކަމާއި ޙާޞިލްކޮށްފައިވާ ނަތީޖާއަށް ބަލާފައިދޭ އެއްޗެކެވެ." ޞިދްރާ ބުންޏެވެ.

ބައްޕަޔަށް މިޚަބަރު ދޭންވާނެ ކަމަށް ރާފިޢާ ބުނުމާއެކު ހުރިހާ ކުދިންގެ މޫނުމަތިވެސް މިލައިގެން ދިޔައެވެ. ޚާއްޞަކޮށް ކަޝަފްގެ މޫނުމަތިން ނުރުހުން ފާޅުވިއެވެ. އޭނާއަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ އުފަލުގެ ބަދަލުގައި ކުރާނީ ބަދު ދުޢާއެވެ. އެހެންނަމަވެސް ، އެއީ ތިމަންނަމެންގެ ފަރުޟެއްކަމަށް ބުނެ މުރުތަޟާއަށް އެޚަބަރު ދިނުމަށް ރާފިޢާ ނިންމިއެވެ. ކަޝަފްގެ އަނގައިން ނުރުހުގެ އަޑެއް ނުކުތެވެ. ކަޝަފްގެ ބޮލުގައި ފިރުމާލުމަށްފަހު ، ހުރިހާ ކުދިންނަށް ފޮނިތަކެތި ކާންދޭނަމޭ ބުނެ ރާފިޢާ އެކުދިންނަށް ކާންދޭން ފެއްޓިއެވެ.

------------------------

ޔުނީއިން ނުކުމެގެން އަސްމަރާއާއި އުސާމާ ގެޔަށްލައިދޭން ޒަރޫން ނިންމިއެވެ. ކާރުދުއްވަމުން ދަނިކޮށް ޒަރޫންގެ ފޯނުވިއެވެ. އެއީ ސާރާގެ ކޯލެކެވެ. ސާރާވެސް ގުޅީ ޒަރޫންގެ ޚަބަރެއް ނުވެގެން އެޑްމިޝަންގެ  ކަންތަކަށް ވީގޮތެއް ސާފުކުރާށެވެ. އޭނާއަށް ގުޅާނުލެވުނީ އުސާމާއާއި އަސްމަރާ ގޮވައިގެން އެމީހުން ގެޔަށްލާން ދާތީކަމަށް ޒަރޫން ބުނެއެވެ. އެހެންނޫނަސް ދުވަހަކުވެސް އޭނާގެ އެޑްމިޝަންއެއް ހަމަނުޖެހިގޮސްފައި އެބައޮތްތޯ ސާރާ އާ ސުއާލުކުރިއެވެ.

ސާރާގެ ނަޒަރުގައި ޒަރޫނަކީ ، ވަރަށް ފަރުވާކުޑަ މީހެކެވެ. ފަހަރެއްގައި ފޯމުވެސް ނުބައިކޮށް ފުރާފައި އޮވެދާނެއެވެ. އަދި ގަޑިއަށް ފޯމުނުލެވިވެސް ދާނެއެވެ. އެހެންވީމާ އެކަން ހަމަނުޖެހިދާނެކަމުގެ ބިރު އެބައޮތެވެ. އެއީ ސާރާގެ ޚިޔާލުކަމުގައި ޒަރޫން ބުނެއެވެ. އަދި އޭނާއަކީ އެހާ ފަރުވާކުޑަ މީހެއްނޫންކަމަށް ބުންޏެވެ. ކާރު ދުއްވަން އިނީމައްޔާއި ރައްޓެހިން ތިބީމަ ފަހުން ގުޅާނަމޭ ބުނެ ، ޒަރޫން ފޯނު ބާއްވައެވެ. އަދި ސާރާވެސް ޒަރޫނަށް އެޑްމިޝަން ހަމަޖެހިއްޖެކަމުގައި މަންމަގާތު ބުންޏެވެ.

------------------------

މުރުތަޟާގެ ގޭގެ ފޯނުވާން ފެށިއެވެ. ފޯނުނެގީ ނިޤާރެވެ. އެއީ ރާފިޢާގެ ފޯނެކެވެ. މުރުތަޟާއާ ވާހަކަ ދައްކަން ބޭނުންވާކަމުގައި ރާފިޢާ ބުނެއެވެ. މުރުތަޟާ ފެންވަރަނީ ކަމަށާއި ، ބުނަން ބޭނުންވާ ވާހަކައެއް އޭނާގާތު ބުނުމަށް ނިޤާރު ބުނެއެވެ. އެހެންނަމަވެސް  ، އެވާހަކަޔަކީ މުރުތަޟާއާ ދައްކަން ޖެހޭ ވާހަކައެއްކަމަށް ބުނެ ކޮންއިރަކުންތޯ މުރުތަޟާ ނުކުންނާނީ ، ރާފިޢާ އަހައެވެ. ނިޤާރުގެ ޖަވާބަކަށްވީ ، ނުކުންނާނެ އިރެއް އޭނާއަށް ނޭނގޭ ކަމަށެވެ. އެވަގުތު މުރުތަޟާ ހުރީ ފާޚާނާއިން ނުކުމެއެވެ. އެކަމަކު ނިޤާރުގެ ނުލަފާކަމުން ފޯނު ކަނޑާލައެވެ. ކާކުގެ ފޯނެއްތޯ މުރުތަޟާ އެހުމުން ، ފޫހިރާގަކަށް އެއީ ކަލޭގެ އަންހެނުންގެ ފޯނެކޭ ބުނެ ނިޤާރު އެތަނުން ނުކުމެގެން ދެއެވެ. މުރުތަޟާ ރާފިޢާއަށް ފޯނުކުރާތަން ފެނުމުން ، ދިޔަލެކަށްވުރެ އަވަހަށް ނިޤާރު އެތަނަށް އައެވެ. ރާފިޢާ ފޯނުކުރުމާއެކު އޭނާފޯނުކުރީ ކަޝަފަށް ޔުނިވަރސިޓީ އެޑްމިޝަން ލިބުނުވާހަކަ ބުނަންކަމުގައި ބުންޏެވެ. އަދި ސްކޯލަރޝިޕް ލިބުނު ވާހަކައާއި އަށްހާސް ކުދިންގެ ތެރެއިން ކަޝަފް އެޑްމިޝަން ލިސްޓްގެ އެއްވަނަޔަށް ހޮވުނު ވާހަކަ ރާފިޢާ ބުންޏެވެ.

ރާފިޢާ ފޯނުބޭއްވި ވަގުތު އެތަނަށް އައިސްވަންނަނީ ޝެހްނީލާއެވެ. އަދި ކާކަށްތޯ ފޯނުކުރީ އެހުމުން ޝެހްނީލާގެ ބައްޕަޔަށް ، ކަޝަފްގެ ޚަބަރުދޭން ފޯނުކުރީކަމުގައި ރާފިޢާ ބުންޏެވެ. ޝެހްނީލާގެ ސުއާލު އެހިސާބަކުން އަދި ނުނިމެއެވެ. ބައްޕަ ބުނީ ކީކޭތޯ ސުއާލުކުރެއެވެ.

"އެހާ ބޮޑު ޔުނިވަރސިޓީއަކަށް ކަޝަފް ވައްދައިގެން ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސާނީ ކިހިނެއްތޯ ބައްޕަ ސުއާލުކުރިއެވެ." ރާފިޢާ ޖަވާބު ދިނެވެ.

"މަންމަ ހީކުރަނީ ކިހިނެއްކަމަށް ހެއްޔެވެ؟ ކަޝަފަށް އެހާބޮޑު ޔުނިވަރސިޓީއަކުން އެމްބީއޭ ހަދަން ސްކޯލަރޝިޕް ލިބުނު ވާހަކަ އިވިފައި މަންމަ ތިއުފާވާ ވަރަށް ބައްޕަ އުފާވާނެކަމަށް ހީކުރަން ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަސްވީއިރުވެސް ، އޭނާގެ ގޮތް އަދިވެސް މަންމައަށް ނޭނގެނީ ހެއްޔެވެ؟" ޞިދްރާ ސުއާލުކުރިއެވެ. ޝެހްނީލާ އެކުރި ސުއާލަށް ދޭނެޖަވާބެއް ރާފިޢާއަކަށްވެސް  ނޭނގުނެވެ. މުރުތަޟާއަކީ އެކުދިން އެބުނާކަހަލަ މީހެކެވެ. ކުދިންގެ ތުއްތު އިރުއްސުރެ މުރުތަޟާގެ އެހީތެރިކަމެއް އެކުދިންނަކަށް ނުލިބެއެވެ. ރާފިޢާއަށް އަޅާނުލާތާނގައި ކުދިންނަށްވެސް އަޅައެއް ނުލައެވެ. އެހެންކަމުން ، ކުދިންނަށް ލިބޭ އުފަލެއްގައި ބައިވެރިވުމުގެ އެއްވެސް ޙައްޤެއް މުރުތަޟާއަކަށް ލިބިގެންނެއް ނުވެއެވެ. އެހެންނަމަވެސް ، ފިރިމީހާ ކަމަށްވާތީ އޭނާއަށް އަދާކުރަންޖެހޭ އިޙްތިރާމް ، އަބަދުވެސް މުރުތަޟާއަށް އަދާކުރެއެވެ. ރާފިޢާގެ ހިތުގައި ފޮރުވިފައިވާ ހިތާމަތަކާއި ކެކުޅުން ، އޭނާގެ ކުދިންނަށް ފޮރުވައިގެން އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ އަމްދުން ކުދިން އެތިބީ މިހާރު ކަންކަން ވިސްނޭވަރަށް ބޮޑެތި ވެފައެވެ. އެކުދިންނަށްލިބޭ އުފަލާއި ހިތާމައިގާވެސް ، ބައްޕަ ބައިވެރިކުރާކަށް އެއިން އެއްވެސް ކުއްޖަކު ނޭދެއެވެ.

------------------------

ނިޤާރު އޭނާގެ އާދައިގެމަތިން ، މުރުތަޟާ ހައްލައިލުމަށްޓަކައި ރޮކެޓެއް ރޭވިއެވެ. ނިދާގަޑީގައި މުރުތަޟާގެ ބޯކައިލުމަށްޓަކައި ނިޤާރު ސައިތަށްޓެއްހަދައިގެން އާދެއެވެ. އަދި ވަރަށް ލޯބިންކަމަށް ހަދައިގެން މުރުތަޟާކައިރީގައި އިށީނދެއެވެ.

"ވާހަކައެއް ބުނަން ހެއްޔެވެ؟ ރާފިޢާގާތު ކަޝަފްގެ އެޑްމިޝަން ކެންސަލްކުރާށޭ ބުނާށެވެ. އަދި ކަޝަފް މީހަކާ ދެވާށެވެ. މިހާރު އެހުރީ ފިރިފުރާވަރަށް އަޅާފައެވެ. އެގޭގައި ތިބި ތިންކުދިން މީހުންނާ ދެވީމަ ދެން އޮންނާނީ އަހަރެމެންގެ ކުދިންނާ ޖެހިފައެވެ. މިހާރުއުޅެގެން އެތިންކުދިން މީހުންނާ ދެވާއިރު ދެއަހަރެއްވަރު ވާނެއެވެ. މިހާރު ފަށައިގެން އުޅެގެންނޫނީ އެކަމެއް ނުވާނެއެވެ." ނިޤާރު ޙީލަތްތެރިކަމާއެކު މުރުތަޟާއަށް ހުތްލައިދިނެވެ. ނިޤާރުގެ މަޤްޞަދަކީ ، ކަޝަފް ރަނގަޅަށް ކިޔަވައިގެން މީހަކަށް ވާން ލިބޭ ފުރުޞަތަށް ހުރަސްއެޅުމެވެ. މުރުތަޟާއަކަށް ނިޤާރުގެ ޙީލަތްތެރި މަޤްޞަދު ކުޑަކޮށްވެސް ރޭކާލާގޮތެއް ނުވެއެވެ. މުރުތަޟާވެސް ނިޤާރު އެބުނީ ރަނގަޅުވާހަކައެއްކަމަށް އެއްބަސް ވެއެވެ. އަދި އެގެޔަށް ދާފަހަރަކުން އެވާހަކަ ރާފިޢާއާ ދައްކާނެކަމަށް ބުންޏެވެ. އެގޭގައިވެސް ތިންކުދިން އެބަތިއްބެވެ. ރާފިޢާއަށްވެސް ކުދިންބަލަހައްޓަން އޭރަށް ފަސޭހަވާނެއެވެ. އަހަރެމެންގެ ކުދިންނަށް ހޯދަންޖެހޭ އެއްޗެތި ހޯދަންވެސް އޭރަށް މުރުތަޟާއަށް ފަސޭހަ ވާނެއެވެ. ނިޤާރުގެ ވާހަކަތަކުން މުރުތަޟާގެ ބޯ ރަނގަޅަށް ދޮވެލިއެވެ. އަދި އެންމެފަހުން ، ރާފިޢާއާ އެވާހަކަ ދައްކާނެކަމަށް މުރުތަޟާ ލައްވާ އެއްބަސް ކުރުވިއެވެ.

------------------------

ޖުނައިދަށް އޭނާގެ ބްރައުން ޝޫޓް ނުފެނިގެން ޣަޒާލާއަށް ގޮވަމުން ގެންދެއެވެ. ޣަޒާލާއަށް އެއީ ބޮޑުކަމަކަށް ނުވިއެވެ. އެންމެ ފުރަތަމަވެސް ބުނީ އުފާވެރި ޚަބަރެއް އޮތް ވާހަކައެވެ. ޣާޒާލާ ކޮންމެވެސް ކޮންފަރެންސަކަށް ދާން ހޮވިގެން އެކަން އެންގި ވާހަކައެވެ. ޖުނައިދުވެސް ޣަޒާލާގެ ވާހަކަޔަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކޮން ކޮންފަރެންސެއްހެއްޔޭ ބުނެ އޭނާގެ ބްރައުން ޝޫޓް ވީ ކޮންތާކުތޯ އަނެއްކާވެސް ސުއާލުކުރިއެވެ. ކަލެއަށް އުފާވެރި ޚަބަރެއްވެސް ދޭނެކަމެއްނެތޭ ބުނެ އައިނު އަޅައިގެން އަލަމާރި ބަލައިލަނިކޮށް ޝޫޓް ފެނިދާނެކަމުގައި ޣަޒާލާ ބުންޏެވެ.

"އަހަރެންގެ ހެދުންތައް އަލަމާރީގައި ބަހައްޓާށޭ އަބަދުވެސް ޣަޒާލާގާތު ބުނަމެވެ. ގޭތެރޭ ނޫޅޭއިރު އެންމެ ދެރަވެގެން އެވަރު ކޮށްލަ ދިނިއްޔާ ގައިންތަނެއް އުނިވަނީ ހެއްޔެވެ؟" ޖުނައިދު ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ.

"ޚާދިމުން ހެދުން ތައްޔާރުކޮށްފައިހުރޭތޯ ބަލައިލަދޭށޭ ކިތައްފަހަރު ޣަޒާލާގާތު ބުނެފިން ހެއްޔެވެ. ސަލީމް ގޭގަނެތިއްޔާ އެކައްޗެއްވެސް ނުފެންނާނެއެވެ. އެންމެ ދެރަވެގެން އެމީހުން ޗުއްޓީގަ ދިޔައިމަ އަހަރެންގެ ކަންތައްތައް ފުރިހަމަ ކުރެވޭތޯ ބަލައިލަ ދިނިއްޔާ ވާނީކީއް ހެއްޔެވެ؟" ޖުނައިދު އިތުރަށް ބުންޏެވެ.

"މަސައްކަތް ކުރެވޭނީވެސް ވަކިވަރަކަށެވެ. ޚާދިމުން ގެންގުޅެނީ ކަމަކު ނޫންހެއްޔެވެ؟" ޣަޒާލާވެސް ގޮތްދޫކުރާކަށް ނެތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.