ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެންގޯލާއަށް ފުރާވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) އެންގޯލާއަށް މިރޭ ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ " ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

މިސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ޤަބޫލު ކުރައްވައި، އެޖަމުޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވެ އެވެ. މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމުޢިއްޔާގެ އޮބްޒާވަރެއްގެ ހައިޞިއްޔަތު ރާއްޖެއަށް ލިބިފައިވެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުޢިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.