ނޫމަރާގެ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރުމުގައި އެންމެ އިސްކަން ދެއްވާނީ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމަށްކަމަށް ރައީސޔުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ.
މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ޞިއްޙީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބޭގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫޢު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް 4 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން، ނޫމަރާ ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ ކައުންސިލު މެންބަރުން ވަނީ އެ ކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.