ދެކަފި - 95 (އެންމެ ފަހު ބައި)

(19 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް އަނގައިން ނުބުނެ ހުރީމަ ކޮންމެވެސް އެއްޗެކޭ ބުނާށޭ ޒަރޫން ބުންޏެވެ. ދައްކާނީ ކޮން ވާހަކައެއްކަން ކަޝަފަކަށް ނޭނގުނެވެ. އަނެއްކާވެސް ، ކޮންމެވެސް އެއްޗެކޭ ބުނެ ވާހަކަ ދެއްކުމަށް ކަޝަފްގެ ކިބައިން ޒަރޫން އެދުނެވެ. އެހިނދު މިފަށަނީއޭ ބުނެ ކަޝަފް ފިލްމީ ޑައިލޮގެއް  ޖެއްސިއެވެ.

" ޒަރޫން އެވެ ! އަހަރެން ޒަރޫން ނެތް ދުނިޔެއެއްގައި ނޫޅޭނަމެވެ. ޒަރޫންއާ ނުލާ އަހަރެން ދިރިއެއް ނުހުންނާނެއެވެ. ޒަރޫންގެ ގެނޫން އެހެންތަނެއްގައި އަހަރެންނަކަށް އުފަލެއް ނެތެވެ. ޒަރޫން އަހަރެންގާތުގައި ނެތިއްޔާ އަހަރެންނަކަށް ނޭވާއެއްވެސް ނުލެވެއެވެ. " ޒަރޫން ހުރީ ކަޝަފްގެ އެވާހަކަތަކުން ޙައިރާންވެ އަނގަ ހުޅުވިފައެވެ. އަދި ކަޝަފް ބޭނުންވަނީ އެވާހަކަތައް ޒަރޫންގާތު ބުނަންތޯ އެހިއެވެ.

ދެން އެހެންނޫނީ ، ޒަރޫން ބޭނުންވަނީ ކަޝަފްލައްވާ ލޯބީގެ ވާހަކަތަކެއް ދައްކުވަންތޯ ކަޝަފް ސުއާލު ކުރިއެވެ. ނޫނީ ލޯބިކޮށްލަންތޯ ސުއާލު ކުރިއެވެ. އެތާނގައި ހެއްޔޭ އަހައި ޒަރޫން ، ކަޝަފާ ސަމާސާ ކުރަމުން ގެންދިޔައެވެ.

" އަހަރެން ގެއިން ނެރެލައި ފޮނުވާލިއިރު އެއްވެސް އެއްޗެއް ހަމަ ހިތަށް ނޭރީ ހެއްޔެވެ ؟ ކަޝަފް ބުންޏެވެ.

ކަޝަފް ގެއިން ނެރެ އެއްލައިނުލާ ކަމަށާއި ކަޝަފް އަމިއްލަޔަށް ގެއިން ނުކުމެގެން ދިޔައީކަމުގައި ޒަރޫން ބުންޏެވެ. އަދި ، ޒަރޫންއާމެދު ކަޝަފް އެއްވެސް ވަރަކަށް ނުވިސްނާކަމުގައިވެސް ޒަރޫން ބުންޏެވެ.

" އަހަރެން ނުހުއްޓުވީ ކީއްވެ ހެއްޔެވެ ؟ " ކަޝަފް ސުއާލު ކުރިއެވެ.

" މަޑުކުރާށޭ އަހަރެން ބުނިނަމަ މަޑުކުރާނަން ހެއްޔެވެ ؟ ޒަރޫން އެއްސެވެ.

ޒަރޫންގެ ސުއާލަށް އާނއެކޭ ބުނެ ކަޝަފް ޖަވާބު ދިނެވެ. އެހެން ވިއްޔާ ދެކަންފަތުން ކަނުލައި އަޑު އަހާށެވެ.

" މީގެފަހުން ނުކުމެގެން ދާނަމޭ ހިތައި ގޭބޭރަށް އެންމެ ފިޔަވަޅެއް އެޅިނަމަވެސް ، ކަޝަފްގެ ކަށިމަތި ، އަހަރެން ބިންދައިލާނަމެވެ."

އެހާ ފަސޭހައިން ކަޝަފް އެކަމަށް އެއްބަސްވީތީ ޒަރޫން ހުރީ އަޖައިބު ވެފައެވެ. އަދި އެއީ ފުއްދިދާނެ ވަޢުދެއްތޯ ޒަރޫން ސުއާލު ކުރިއެވެ. ވާގޮތެއް ބަލަމާ ހިނގާށޭދޯއޭ ބުނެ ޒަރޫން އަތުގައި ހިފައިގެން ކަޝަފް ކުރިޔަށް ހިނގައިގަތެވެ. ކަޝަފް ކުރިޔަށް އެ ހިނގައިގަތީ ޢަޒުމެއް ކަނޑައަޅައިގެންނެވެ. ޒަރޫންއާއި ކަޝަފްގެ ޙަޔާތުގައި ކޫރެއްވެސް އެޅިދާނެ ކަމެއް ނުކުރުމަށް ނިޔަތް ގަނެގެންނެވެ. ޒަރޫންއާ ވަކިވުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ކަޝަފްގެ ބައްޕައާ ޚިލާފަށް ، ޒަރޫނަކީ އޭނާގެ ކުދިންނަށް އަޅާލައިގެން ، އެކުދިން ދެކެ ލޯބިވެގެން އެކުދިން ގެންގުޅޭނެ ބައްޕައެކެވެ. ދެއަންހެންކުދިންނަށް ކަމަށްވިޔަސް އެއީ މައްސަލައެއް ނޫނެވެ.

ކަޝަފް ، މަންމަގެ ގެއިން އައިފަހުން ޒަރޫންއާ ދެމީހުންގެ އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. އަލަށް ބަލިވެ އިނުމާއެކު ، ވިހަން ކައިރިވާ ވަރަކަށް ކުދި ކުދި މައްސަލަ ދިމާވިޔަސް މާބޮޑު ކަމެއް އިރާދަ ކުރެއްވިއްޔާ ދިމައެއް ނުވެއެވެ. ކަޝަފް ވިހާނެ ދުވަހަކަށް އިންތިޒާރު ކުރަމުންގެންދާ އެތައް ބަޔަކު ތިއްބެވެ. ޒަރޫންގެ ޢާއިލާގެ ފަރާތުންނާއި ކަޝަފްގެ ޢާއިލާގެ ފަރާތުންނެވެ. އެހެންކަމުން ކަޝަފަށް ދިމާވާ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ޒަރޫންގެ މައްޗަށް ވާޖިބެއް މަތިވެފައި އޮތެވެ. އެކަހަލަ ކަމެއް ދިމާވެއްޖެނަމަ ، ދެޢާއިލާގެ އެންމެންވެސް ކުށްވެރިކުރާނީ އޭނާކަން ޒަރޫންއަށް އެނގެއެވެ.

މަންމަވެސް ، ސާރާއަށްވުރެވެސް ބޮޑަށް ކަޝަފްދެކެ ލޯބިވެއެވެ. އުފަންދަރިޔަކާ ތަފާތެއް ނެތިއެވެ. ޣަޒާލާގެ ޙަޔާތުގެ އެންމެ ފަހުބައިގާ ނަމަވެސް ، ދިރިއުޅުމުގެ ރީތި ފިލާވަޅުތަކެއް ، ކަޝަފްގެ ފަރާތުން އޭނާއަށް ވަނީ ދަސްވެފައެވެ. އަދި ، ކަޝަފްގެ ފަރާތުން ލިބި ، ދަސްވި ފިލާވަޅުތަކުން ، ޣަޒާލާގެ ދިރިއުޅުމަށް އައި ބަދަލުގައި ތަނަވަސްވި ، އެފުރުޞަތުގެ ސަބަބުން ޖުނައިދުގެ ހިތަށް ލިބުނު ހަމަޖެހުމާއި އުފާވެރިކަމަށްޓަކައި ޖުނައިދުވެސް ހުންނަނީ ކަޝަފަށްޓަކައި ޖާނުދޭން ތައްޔާރަށެވެ. ޒަރޫނަށްވުރެ ބޮޑަށް އެނާގެ މައިންބަފައިން ކަޝަފާ ދޭތެރޭ ވިސްނައެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. އެ ޢާއިލާގެ އެތައްބަޔެއްގެ ދިރިއުޅުމަށް ކަޝަފްގެ ފަރާތުން ހެޔޮ ބަދަލުތަކެއްވަނީ އައިއްސައެވެ. ކަޝަފްގެ މަޤްބޫލުކަންވެސް އެހާ ބޮޑެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ، ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގައި ، ބަނޑުބޮޑުވެފައި ހުރެގެންވެސް ، ކަޝަފް ކުރި ހިތްވަރާއި ހޯދި ކާމިޔާބީއާ ގުޅިގެން މިހާރުވަނީ ކަޝަފްގެ ވަޒީފާވެސް ޑިޕިއުޓީ ކަމިޝަނަރގެ ވަޒީފާއަށް މަތިވެފައެވެ.

މާބޮޑު ތަކުލީފުތަކެއް އުފުއްލަން ނުޖެހި ، ދުވަސް ފުރާ ކަޝަފް ވިހައިފިއެވެ. އޭނާއަށް ލިބުނީ ލޯބި ލޯބި ދެއަންހެން ކުދިންނެވެ. ކަޝަފާއި ޒަރޫންގެ ޢާއިލާއަށް ދިރުމާއި އަލިކަން ގެނެސްދިނުމުގައި އެދެބެން ސަބަބަކަށް ވެގެން ދިޔައެވެ. ކަޝަފަކީ މުރާލި އަދި ހީވާގި ގެވެހި އަނތްބަކަށް ވެގެން ދިޔައެވެ. ރާފިޢާގެ އެންމެ ބޮޑު އުއްމީދު ފުރިހަމަވެގެން ދިޔައީއެވެ. ޒަރޫނަކީ ދަރިންނަށް އަޅާލައި އަންހެނުންނަށް ކަމޭހިތާ ބައްޕަޔަކަށް ވެގެން ދިޔައެވެ. ޖުނައިދާއި ޣަޒާލާ ޒަރޫނަށްޓަކައި ކުރަމުން ގެންދިޔަ އުއްމީދުތައް ޒަރޫންވަނީ ސާބިތުކަމާއެކު ފުރިހަމަ ކޮށްދީފައެވެ.

ދުނިޔެއިން ފެން ހިތާމައިގެ ކޯރުންބޮވޭ

އުނިއެއިން ކުނި ކިލާތަކުގެ ދޯރުން އޮހޭ

މުޅި ޢުމުރު ހޭދަ ޅަފުރައިގެ ނިންމައިލިއޭ

ކުރި މަގެއް އޭގެ ފަހުބައިގަ ގެނުވައިފިއޭ

ގޭގެ މަތީބުރީގެ ބެލްކަނީން ބަގީޗާ ތެރެޔަށް ބަލަހައްޓައިގެން ، ފަރި ހިނިތުންވުމެއްގައި ކަޝަފް ހުއްޓެވެ. ޒަރޫނާއި އެދެމީހުންގެ އެއްނިބޫ އަންހެން ދެބެން އިށީނދެލައިގެން ތިބެ ބަގީޗާތެރޭ ކުޅެމުން ގެންދިޔައެވެ. ކަޝަފް ޚިޔާލީ ދުނިޔެއަކަށް ގެއްލިގެންދިޔައެވެ.

ޢަޖައިބެއްކަހަލަ ދިގު ދަތުރެކެވެ. މިއީ އިއްތިފާޤެއް ނޫނެވެ. މިއީ އަހަރެންގެ ޙަޔާތުން ދުނިޔެއަށް ދިން ޢިބުރަތުން ފުރިގެންވާ ފިލާވަޅު ތަކެކެވެ. އެއްޖުމްލަޔަކުން އެފިލާވަޅުތައް ކުރުކޮށް ބުނެދޭން ޖެހިއްޖެނަމަ ބުނާނީ ކީކޭ ހެއްޔެވެ ؟ ދިރިއުޅުމަކީ " ދެކަފި " ވެފައިވާ މާ ބަގީޗާ އެކެވެ. އެއީ ޒަރޫން އަހަރެމެންގެ ހަޔާތު ތަރުޖަމާ ކުރާ ގޮތެވެ.

ބަގީޗާ ތެރޭގައި ކަޝަފާއި ދެކުދިން ދުވެ ކުޅެން އުޅޭތަން ބަލަން ދުރުގައި އިށީނދެލައިގެން ޒަރޫން އިނެވެ. ޒަރޫންގެ ވިސްނުން އޭނާގެ ލޯމައްޗަށް ފެންނަމުން އެދާ މަންޒަރަށް ސީދާ ވިއެވެ. އެމަންޒަރުގެ ތަޞައްވުރެއް އޭނާގެ ހިތުގައި ކުރަހައިލިއެވެ. އެ ތަސައްވުރުން މާނަކޮށްދެނީ ދެވަނަ އެއްޗެއް ނޫނެވެ. ދިރިއުޅުމަކީ ، ޙަޤީޤަތުގައިވެސް " ދެކަފި " ވެފައިވާ މާ ބަގީޗާ އެއްކަމެވެ. ލޯބި އަނތްބެކެވެ. ލޯބި ލޯބި  ދެކުދިންނެވެ. އަހަރެންގެ ލޯބި ޢާއިލާއެވެ. ޒަރޫންގެ ޚިޔާލަށް އައެވެ. އެއީ އަހަރެންގެ ދަރިފަސްކޮޅުގެ ފެށުމެވެ. އަހަރެން މިވަނީ އުފަލުން ފޮޅިފައެވެ. އަހަރެންގެ ޢާއިލާ އާ އެކީގައެވެ. މިއަށްވުރެ ބޮޑު އުފާވެރިކަމެއް އަހަރެންގެ މުޅި ޙަޔާތުގައިވެސް އިތުރަކަށް ނުގެނެވޭނެއެވެ. އަހަރެންގެ އަނބިމީހާއާއި ދެކުދިންނަށް މިއަށްވުރެ ވަކިންބޮޑު އުފާވެރިކަމެއް އަހަރެންނަކަށް ގެނެހެއް ނުދެވޭނެއެވެ. އުފާވެރިކަމުގެ އިންތިހާއެވެ. ތިންމައިން ކުޅެމުންގޮސް ކަޝަފް ބިންމައްޗަށް ވެއްޓުނުތަން ފެނިފައި ޒަރޫން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.

ކަޝަފް އޭނާގެ ޑައިރީގައި ލިޔާ އެންމެ ފަހު ޖުމްލަތައް ލިޔަމުން ގެންދިޔައެވެ. ފެށުނީއްސުރެ ، ކަޝަފާ ސަމާސާ ކުރަމުން ގެންދިއުމަކީ ޒަރޫންގެ އާދައެކެވެ. އަބަދުވެސް ކަޝަފް ހެއްވާލާފައި ބެހެއްޓުމަކީ ޒަރޫން ކުރަމުން ގެންދާ ކަމެކެވެ. ކުޑަކޮށް ރުޅި އަންނަކަހަލަ ވާހަކަވެސް ސަމާސާގެ ތެރޭގައި ބައެއްފަހަރު ދައްކާނެއެވެ. ޑޮކްޓަރަކު ބަލިމީހަކަށް ބޭސްކުރަމުންގޮސް ބަލިފަސޭހަ ކޮށްދޭ ފަދައިން ، ޒަރޫން ގެ ސަމާސާއާއި އަދާތަކުން ފަރުވާ ލިބިގެން ، ކަޝަފްގެ ސިނގު ރުޅި މިހާރު އެއްގޮތަކަށްވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒަރޫން ، ވިސްނުންތެރިކަމާއެކު އެކަން ނުކުރިނަމަ ، އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްވެ އެކަމަށް އާދައެއް ނުވީހެވެ.

ޒަރޫންވަނީ އަހަރެންގެ މުޅިދިރިއުޅުން ހެޔޮމަގަށް ބަދަލުކޮށްދީފައެވެ. އަހަރެންގެ ހިތި ތަޖުރިބާއިން ބަށްޓަވެފައިހުރި ، ވިސްނުމާއި ފިކުރު އޭގެ އެންމެ ފުރިހަމަ މަގަށް ފުރޮޅާލަ ދީފައެވެ. އަހަރެންގެ ، އަންހެނަކަށް ވުމުގެ ތަޞައްވުރު ފުރިހަމަ ކޮށްދީފައެވެ. ދެއަންހެންކުދިން  ވިހެއުމުގައި ދިރިއުޅުމަށް އެއްވެސް އުނިކަމެއް ނުއަންނާނެކަން އަހަރެންނާއެކުގައިވެ ، ޒަރޫން ވަނީ ސާބިތުކޮށްދީފައެވެ. އަހަރެންގެ ދިރިއުޅުމުގައިހުރި ހުރިހާ އުނިސިފަތަކެއް ޒަރޫންވަނީ ސާފުކޮށްދީފައެވެ.

މީގެ އަހަރުތަކެއްކުރިން ، އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި ކޮންމެ ތަކުލީފަކަށް ﷲ ތަޢާލާއަށް ޝުކުރުނުކޮށް ޝަކުވާ ކުރީމެވެ. އެކަމުގެ ހިތާމައާއި ބިރުވެރިކަން އަހަރެންގެ ހިތުގައި އަބަދުވެސް އޮންނާނެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އަހަރެންނަށް އޮޅުނީއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ސިއްރަކާއެކު ، ރަނގަޅެއް އޮންނާނެކަން އަހަރެންނަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ ؟ އަހަރެންނަށް ހީކުރެވުނީ ﷲ ތަޢާލާ އަހަރެންދެކެ ލޯބިވެވޮޑިގެން ނުވާކަމަށެވެ. އެހެންނަމަވެސް ، ﷲ އީ އެކަލާނގެ ޚަލްޤު ކުރެއްވި އެންމެހައި އިންސާނުންދެކެ ނުހަނު ލޯބިވެވޮޑިގެންވާ ކަލެކެވެ. އެއްވެސް މީހަކަށް އެކަލާނގެ ، ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. ﷲ ތަޢާލާއަކީ ނިޢުމަތްތަކުގެ ވެރި ރަސްކަލާނގެއެވެ. އިންސާނުންނަށް ރަޙުމަތާއި ނިޢުމަތް މިންވަރު ކުރައްވަނީ އެކަލާނގެއެވެ. އެކަން އަހަރެންނަށް ކުރިން ނުވިސްނުނީ ކީއްވެގެން ބާވައެވެ.

ޒަރޫން އިނީ ، އޭނާގެ ދެކުދިންނާއި ކަޝަފް ކުޅެން ތިބި މަންޒަރަށް ވިސްނުން ދޫކޮށްލައިގެންނެވެ. އެކުދިންނަކީ އަހަރެންނަށް ﷲ ދެއްވި ނިޢުމަތެކެވެ. މި ހޭދަވި ދުވަސްތަކުގައި ﷲ ވަނީ އަހަރެންނަށް އެތައް ނިޢުމަތެއް މިންވަރު ކުރައްވާފައެވެ. އެކަމަށްޓަކައި ކޮޅުނެތްކޮޅަށް ،  ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ކަޝަފް ހުރީ މަތީބުރީގެ ބެލްކަނީގައި ކުދިން ކުޅެން ތިބިތަން ބަލަހައްޓައިގެންނެވެ. އެކުދިން މާގަހެއް އިންދާފައި ފަސް އަޅަމުން ގެންދިޔައެވެ. ޒަރޫން ފެންދޭ އެތި ހިފައިގެން އައިސް ކުދިންގާތު އިށީނދެލައި ބޮސްދިނެވެ. އަދި ފަހަތަށް އެނބުރިލާފައި ދެންދޭއެތި ނަގައި ދެކުދިންގެ ބޮލަށް ފެން އޮއްސައިލިއެވެ. އެކުދިން ތެދުވެ ބައްޕަގެ ގަޔަށް ފެންޖެހުމަށްޓަކައި ކުރާ ނަގައިގެން ދުއްވައިގަތެވެ. ކަޝަފް އެކުދިނންނަށް ހިތްވަރުދީ ބައްޕަ ފަހަތުން ދުވެ އަތުލުމަށް ގޮވަމުން ގެންދިޔައެވެ.

ހަވީރުގެ ވަގުތު ދެކުދިން ގޮވައިގެން ޒަރޫންއާއި ކަޝަފް ބީޗަށް ދިޔައެވެ. އެބީޗަކީ ، އެމީހުންގެ ކައިވެނީގެ ދެވަނަ ދުވަހު ބުރެއް ޖަހައިލަން ނުކުމެ ދިޔަ ބީޗެވެ. ކުދިން ވަރަށް ގަޔާވިއެވެ. ޒަރޫން ގެންދިޔައީ އެކުދިން ވީޑިއޯ ކުރަމުންނެވެ. ކަޝަފްވެސް ޒަރޫންވެސް އެކުދިންގަޔަށް ފެންޖަހައި އެކުދިންނާ ބައިވެރިވެ މަޖާކުރަމުން ގެންދިޔައެވެ.

ކަޝަފްގެ ޚިޔާލު އޭނާގެ ޑައިރީއަށް އަމާޒު ވިއެވެ. ދިރިއުޅުން އަދި ނިމުނީކީ ނޫނެވެ. ތަފާތަކީ ، ކަޝަފްގެ ޑައިރީގައި ކުރިން ލިޔެވެމުންއައި މުހިންމު އިޙްސާސެއް ބަދަލުވެގެން ދިއުމެވެ. ކުރިން ، އޭނާއަށް ލިބެމުންދިޔަ ތަކުލީފްތަކާމެދު ، ﷲ އަށް އޭނާގެ ހިތުގައި އޮތް އެއްޗެއް ބަދަލުވެ ، އޭނާގެ ޑައިރީގައި ލިޔެވުމެވެ. ﷲ އަށް ކުރިން އެއްވެސް އިތުބާރެއްނެތި އުއްމީދު ނަގާލާފައިހުރި ކަޝަފް ، އޭނާގެ ޑައިރީގައި މިއަދު އެލިޔަނީ ، ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވާހަކައެވެ. ޙިކުމަތްތެރި ކަލެއްގެ ނިޢުމަތަށް ޝުކުރުވެރި ވަމުންނެވެ. ﷲ ގެ މިންވަރު ފުޅުން އޭނާއަށް ދެއްވާ އެއްޗަކަށް ، މިންވަރުފުޅަށް އީމާންވެ ﷲ އަށް ޙަމްދާއި ޝުކުރުކޮށް ، އިތުބާރު ކުރަން ކަޝަފް ދަސްކޮށްފިއެވެ. އަދި އޭނާއަށް ޙާޞިލް ކުރެވެން ނެތްކަންކަމަށް އުއްމީދު ކުރުން ދޫކޮށްލައިފިއެވެ. " ދެކަފި " އިން ކަޝަފް އިޚްތުޔާރުކުރި ކަތްޕަކީ ތެދަށް އޮތް ކަތްޕެވެ. އެއީ މިންވަރަށް އީމާން ވުމެވެ.

* * *

މިހިސާބުން ، 95 ވަނަބަޔާ ހަމައިން ، މިވާހަކަ " ދެކަފި " ނިމުމަކަށް އައީއެވެ. ވާހަކަޔަކީ ދިރިއުޅުމަށް ބޭނުންކުރެވިދާނެ ޢިބްރަތުން ފުރިގެންވާ އެތައް ފިލާވަޅުތަކެއް ހިމެނޭ ވާހަކަ އެކެވެ. އެއިން ފިލާވަޅަކުން ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލް ކުރެއްވިއްޖެނަމަ ، މިކުރެވުނު މަސައްކަތުގެ ނަތީޖާ ފޮނިވެއްޖެކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. 1 ނޮވެމްބަރ 2022 ގައި ، ވާހަކައިގެ 17 ވަނަ ބައިން ފެށިގެން  ކޮންމެ ދުވަހަކު ، އާ ބައެއް ގެނެސްދެވޭތޯ ބަލައި އެކަން ފުރިހަމަ ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރީމެވެ. އަދި ، ﷲ ގެ އިރާދަފުޅުން އެކަން އެގޮތަށް ކުރެވިފައި ވެއެވެ. ބުރަކަމަކަށްވިޔަސް ، އެކަން ކުރަން ހިތްވަރު ލިބި ،  އެކަމާ ކުރިމަތިލާން އަޅުގަނޑަށް މަޖުބޫރު ކުރުވީ ، ވާހަކަ ވިދާޅުވާ ބޭފުޅުންގެ ޢަދަދު ، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންގޮސް ، ދުވާލެއްގެ މައްޗަށް ، ހާހަކަށް އެރިތަން ފެނުމުންނެވެ. މި މަސައްކަތް ފުރިހަމަ ކުރުމުގެ ހެޔޮ ތަވްފީޤު ދެއްވިކަމަށްޓަކައި ، ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ވާހަކަޔަށް ދެއްވި ޝަޢުޤުވެރިކަމަށްޓަކައި ، ވާހަކަ ވިދާޅުވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ ތަރުޙީބަކީ ، ލިޔުންތެރިންނަށް އެކިގޮތްގޮތުން ހިތްވަރާއި ދިރުންލިބި ،  ލިޔުންތެރިންގެ ވިސްނުމާއި ފިކުރުގެ މުހިންމު ބަހާއެކެވެ. ފަށްފަށުން ޝުކުރިއްޔާއެވެ. ﷲ އިރާދަކުރެއްވިއްޔާ ، މާ ލަހެއްނުވެ  ، ހަމަ މިފަދަ ، ޝަޢުޤުވެރިކަމުން ފުރިގެންވާ ، އާ ވާހަކައެއް ލިޔަން ފަށާނަމެވެ. والحمد للّـه ربّ العالمين.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

7 ޚިޔާލު

  1. އަދި ހަމަކަށަވަރުން އުނދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ!
    ( އެބަހީ ބަލިމަޑުކަމަށްފަހު ބަލިން ފަސޭހަވުމެވެ.! ތަދުމަޑު
    ކަމަށްފަހު ތިޔާގިކަމެވެ! ބިރުވެރިކަމަށްފަހު އަމާންކަމެވެ!ދެން
    މިހެންނެވެ........
    ދެއުނދަގޫ ވިދިގެންނުވެއެވެ! އެކަމަކު ދެފަސޭހަ އެއްފަހަރާވެއެވެ!)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.