ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުން ޕޮލަންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
މިރޭ ކުޅުނު ދެވަނަ ބުރުގެ މެޗު ފްރާންސްއިން ކާމިޔާބު ކުރީ 1-3 އިން ޕޮލަންޑް ބަލިކޮށްގެންނެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޕޮލަންޑުންނެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ފުރަތަމަ ހާފުގައި ޕޮލަންޑަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން ފްރާންސްގެ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ބެރެޒެންސްކީ ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއިރު، ރިބައުންސް ވެގެން އައި ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލުމުން ވެސް ވީ ނާކާމިޔާބެވެ.
ފުރަތަމަ ހާފުގައި ޕޮލެންޑުން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް، އެ ހަމަލާތައް ލަނޑަކަށް ބަދަލުކޮށްލެވޭގޮތް ވަނީ ނުވެފައެވެ. ފްރާންސުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑް ނަގާފައެވެ. އެމްބާޕޭ އޭރިޔާގެ ތެރެއަށް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ އޮލިވާ ޖިރޫ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ. މިއާއެކު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފުވެރި ރެކޯޑް އޭނާއަށް ވަނީ ލިބިފައެވެ.
ދެ ވަނަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. ގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ދެވަނަ ލަނޑެއް ޖަހާ އެޓީމުން ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ. މެޗުގެ އިތުރު ވަގުތުގައި އެމްޕާބޭ އިތުރު ލަނޑެއް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްލިއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ.
ޕޮލެންޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ އެންމެ ފަހު މިނިޓުގައި ފްރާންސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ބޯޅައަށް ރެފްރީ ދިން ޕެނަލްޓީއަކުން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.
މި މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ފްރާންސްއިން ދަތުރުކުރިއިރު، އެޓީމު ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ މިރޭ ސެނެގާލް އަދި އިންގްލެންޑު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.