ދެކަފި - 17

(29 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް ހުރީ އޭނާގެ ހެދުން އިސްތިރި ކުރާށެވެ. ޝިދްރާ އައިސް ، ކަޝަފާ ވާހަކަ ދައްކަން ފެށިއެވެ. އެމީހުން އެކުރި ޒުވާބުގެ ތެރެޔަށް ވަދެ ، ބައްޕަޔާ ދިމާއަށް އެއްޗެތި ކިޔައިގެން ޝިދްރާ ހުރީ ކަޝަފްދެކެ ހިތްހަމަ ނުޖެހިފައެވެ. ހަމައެއާއެކު ، ކޮންމެ ދުވަހަކު އައިސް މަންމަޔާ ދިމާއަށް އެތިވަރު ގޮވުމަކީ އޭނާގެ ހިތަށްވެސް އުނދަގޫވާ ކަމެކެވެ. މަންމަޔަށްޓަކައި އަނގަ ހިމޭނުން ލައިގެން ތިއްބެއްކަމަކު ، ބައްޕަ  އެކުރަނީކީ އެއް އިންސާނަކު އަނެއް އިންސާނަކާމެދު ކަންކުރަން ، ﷲ ތަޢާލާ އެދިވޮޑިގެން ނުވާނެ ގޮތްގޮތަށެވެ.

"މިގެޔަށް އައިސް ކޮންމެ ދުވަހަކު މަންމަޔާ ދިމާއަށް ، ބައްޕަ އެއްޗެހި ގޮވުމުގައި އޭނާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އަހަރެމެންނަށް މިހާރު ދީފައިވާ ތަކުލީފުން ނުފުދެނީ ހެއްޔެވެ؟" ކަޝަފް ، ޝިދްރާއާ ސުއާލުކުރިއެވެ.

"އެންމެ ފަހުން އައިދުވަހުވެސް ގެއިން ނުކުމެގެން ދިޔައީ މަންމަޔަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފައި ރުޅިއައިސް ހުރެއެވެ. ދެހަފުތާ ވަންދެން ވަދެނުލާ ހުރެފައި މިއަދު އައިސް އަނެއްކާ މަންމައާ ދިމާއަށް އެއްޗެހި ގޮވީއެވެ." ޝިދްރާ ބުންޏެވެ.

މުރުތަޟާ އެންމެފަހުން އައި ދުވަހު އެހިނގި ޒަވާބުގެ ޚަބަރެއް ކަޝަފަށް ލިބިފައެއް ނުވެއެވެ. އެއްވެސް މީހަކު އެވާހަކަ ، ކަޝަފް ގާތު ބުނެފައެއް ނެތެވެ. އެކަން އޮތީ މަންމަ މަނާކޮށްފައެވެ. ކުރިން އައި ދުވަހުވެސް މަންމަޔާ ދިމާއަށް އެވަރަށް އެތިވަރު ގޮވިއެވެ. އަނގަ އޮޅިގެންގޮސް ޞިދްރާއަށް ބުނެވެއެވެ. އެއީ އޭނާގެ އާދަކަމުގައި ކަޝަފް ބުންޏެވެ. ހަފުތާއެއް ނުވާނެއެވެ. ހަނދު ބޮޑުވާ މޫސުމަށް މީހުން މޮޔަވާގޮތަށް އަނެއްކާވެސް ނައިހެއް ނުހުރެވޭނެއެވެ. އެދުވަހު އެއްޗެހިގޮވީ ކީކޭ ކިޔާފަ ހެއްޔޭ ކަޝަފް ސުއާލުކުރިއެވެ. އެދުވަހު އައީ ، ބޮޑުބޭބެ ވައްހާބުވެސް ގޮވައިގެންނެވެ. ކަޝަފް ޔުނިވަރސިޓީއަށް ދިއުން ހުއްޓުވައި ، ސަޖާތާއި ކަޝަފްގެ ކައިވެނީގެ ވާހަކަ ދައްކަން ވެގެންނެވެ. މަންމަ އެކަމާ އެއްބަސްނުވީމަ އެދެމީހުން މަންމަޔާ ދިމާއަށް އެއްޗެހި ގޮވީއެވެ. ކަޝަފްގެ މޫނުގެ ކުލަވަރު ކުއްލިޔަކަށް ބަދަލުވެގެން ދިޔައެވެ. ދެބުމަ ގޮށް ޖެހުނެވެ. ކުއްލިޔަކަށް އެނބުރި ޝިދްރާ އާ ކުރިމަތިލިއެވެ.

"އަހަރެންގެ ކައިވެނި ސަޖާތާ ކުރުވަން ހެއްޔެވެ؟ އޭނާ އެވާހަކަ ދައްކަން ހިތަށްވެސް އެރީ ކިހިނެއް ހެއްޔެވެ؟ ކަލޭމެން އަހަރެންގާތު އެވާހަކަ ނުވެސް ބުނަން ނޫން ހެއްޔެވެ؟" ކަޝަފް ރުޅިއައެވެ.

------------------------

އަނެއްކޮޅުން ޒަރޫންމެން ގޭގައިވެސް ކައިވެނީގެ މައްސަލަ ބޮޑުވަމުން ދިޔައެވެ. ޒަރޫން އިނީ ގިޓާ ޕްރެކްޓިސް ކުރާށެވެ. ޣާޒާލާ ، ޒަރޫންގާތު އިށީނދެލައިގެން އިނެވެ. އެހާ އަވަހަށް ކައިވެންޏެއް ކުރުމާމެދު ޒަރޫންގެ ޚިޔާލު މަންމަޔާ ތަފާތެވެ. އެމްބީއޭ ނިންމާފަ ، ދިރިއުޅުމަށް މަސައްކަތެއް ކުރުމަށް އޭނާ މާބޮޑަށް އިސްކަންދޭކަމުގައި ޒަރޫން ބުނެއެވެ. ޒަރޫން ބޭނުންވަނީ އޭނާ ބޭނުންވާ މިޞްރާބަށް ދަތުރުކޮށް ކާމިޔާބީއެއް ޙާޞިލް ކުރަން ކަމަށް ބުނެއެވެ. މިހާރު އެ ބޭއްވެނީ އެންގޭޖްމަންޓް ކަމަށާއި ކައިވެނީގެ ކަންތައް ފަހަށް ބޭއްވިދާނެ ކަމުގައި ޒަރޫން ބުނެއެވެ. އަސްމަރާގެ މައިންބަފައިން ބޭނުންވަނީ ، ޒަރޫން އާއި އަސްމަރާގެ އެންގޭޖްމަންޓް ކަށަވަރުކުރަން ކަމުގައި ޣަޒާލާ ބުންޏެވެ. ޒަރޫން އޭނާގެ މަންމަގާތު އާދޭސްކޮށްފައި އޭނާގެ މުސްތަޤްބަލާ ނުކުޅުމަށް އެދެއެވެ.

"އަސްމަރާއާ ގަޔާނުވަނީ ހެއްޔެވެ؟" ޣަޒާލާ ސުއާލު ކުރިއެވެ.

އެސުއާލަށް ޒަރޫންދިން ޖަވާބު އަވަސްވެފައި ވަރަށް ސާދާއެވެ. އޭނާ ބުނީ އަސްމަރާއަކީ އޭނާގެ ބެސްޓް ފްރެންޑް ކަމުގައެވެ. އަދި އެއީ ރަނގަޅު ކުއްޖެއް ކަމުގައެވެ. ފަހަރެއްގައި އަހަރެން މީހަކާ އިންނަ ކަމަށްވަންޏާ އިންނާނީ އެކަހަލަ ކުއްޖަކާ ކަމުގައެވެ. އެކަމަކު އޭގެ ކުރިން އޭނާ އުއްމީދުއެކުރާފަދަ މުސްތަޤްބަލެއް ބިނާކުރުމަށް ފުރުޞަތުދޭން އެދެއެވެ. ކިޔަވައިގެން މަސަކައްކަތަކާ ކުރިމަތިލައި ކާމިޔާބު މީހަކަށްވާން އޭނާ މާބޮޑަށް އިސްކަންދޭ ކަމުގައި ބުންޏެވެ. އަސްމަރާގެ މައިންބަފައިންނަށް ތިމަންނަ ދޭނީ ކޮން ޖަވާބެއްތޯ ޣަޒާލާ ސުއާލުކުރިއެވެ. އެއީ އޭނާއާ ބެހޭ ކަމެއް ނޫންކަމަށާއި އެކަން ޙައްލުކުރަން މަންމަ ކޮންމެވެސް ގޮތެއް ހޯދުމަށް ޒަރޫން އެދެއެވެ. އަދި ގިޓާ އެއްފަރާތްކޮށްލާފައި ޒަރޫން އެނދުމައްޗަށް ވެއްޓިގަތެވެ. ޣަޒާލާއަށް އެކަމުގައި މަގެއް ނުފެނުމުން ، މީ ކޮންކަހަލަ މީހެއްހޭ ބުނެ ހިތްހަމަނުޖެހިފައިހުރެ އެތަނުން ނުކުމެގެން ދިޔައެވެ.

------------------------

ނިދިނައިސްގެން ކަޝަފަށް އޮތީ ހަދާނެގޮތް ބޮޑުވެފައެވެ. އައިސްހުރި ފޯރީގައި ޝަފަށް ބައްޕަޔާ ދިމާއަށް ގޮވުނު އެއްޗެހި އޭނާގެ ހިތުގައި ހަރުލާފައި ހުއްޓެވެ. އެންމެ ކަންބޮޑުވީ ، އޭނާގެ ވާހަކަތަކުން މަންމަގެ ހިތަށް ކުރާނެ އަސަރާ މެދުގައެވެ. ކަޝަފް މަޑުމަޑުން އައިސް މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާލައެވެ. ލިބުނު ހާސްކަންމަތީ މަންމަޔަށްވެސް އޮންނާނީ ނުނިދިފައިކަން ކަޝަފަށް އެނގެއެވެ. ކޮޓަރިތެރެޔަށް ވަދެ . މަންމަގެ ކިބައިން މަޢާފަށް އެދެއެވެ. އެކަމާ އަޅާނުލާށޭ ރާފިޢާ ބުންޏެވެ. އަދި އެހާ ލަސްވެފަ ހުއްޓަ ދަރިފުޅު ތިއައީ ކިހިނެއްވީތޯ ރާފިޢާ ސުއާލު ކުރެއެވެ. އަދި މަންމަ ކައިރީ އިށީނދެލަން އަންނާށޭ ބުންޏެވެ.

"މަންމާއެވެ! މަންމަ ހުރިހާ ވާހަކައެއް އަހަރެންނަށް ސިއްރު ކުރަނީ ކީއްވެ ހެއްޔެވެ؟" ކަޝަފް އޭނާގެ މަންމައާ ސުއާލުކުރިއެވެ. މަންމަ ކޮންކަމެއް ސިއްރުކުރީތޯ ، ހިނިތުންވެލައިގެން އިނދެ ކަޝަފްގެ ދަތްދޮޅީގައި ފިރުމާލަމުން ރާފިޢާ ބުންޏެވެ.

މަންމަ އޭނާއަށް ސިއްރުކުރީ ސަޖާތުގެ ވާހަކަ ކަމަށް ކަޝަފް ބުންޏެވެ. ދަރިފުޅު އެކަމާ ކަންބޮޑު ނުވާށޭ ، މަންމަ އެކަމާ ދެކޮޅު ހަދައިފީމޭ ، ރާފިޢާ ބުނެއެވެ. ރާފިޢާ ބޭނުންވަނީ ކަޝަފް އޭނާގެ ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ. ދިރިއުޅުމަށް ދިރުންހުރި މަގެއް ފެންނަވަރަށް އޭނާގެ ދަރިފުޅު ކިޔެވުމަށް ރާފިޢާ އެދެއެވެ. ރަނގަޅު ދިރިއުޅުމެއް ބިނާ ކުރެވޭނީ ރަނގަޅަށް ކިޔަވައިގެންކަން ރާފިޢާއަށް އެނގެއެވެ. ރާފިޢާއަކީ އެތައް އަހަރެއް ވަންދެން ، ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރަމުން މުސްކުޅިވަމުންދާ ޢިލްމީ އަންހެނެކެވެ. އޭނާގެ ދިރިއުޅުމުގެ ހިތި ތަޖުރިބާގެ ހިތްދަތިކަން ނުފޯރާފަދަ ހަމަޖެހޭ ދިރިއުޅުމއް ކަޝަފަށް ލިބެން ރާފިޢާ ބޭނުން ވެއެވެ. އޭނާގެ ހުރިހާވެސް އުއްމީދަކީ އެއީއެވެ. ކަޝަފާމެދު އޭނާގެ ހިތުގައިވާ އުއްމީދު ވަރަށް ބޮޑެވެ.

ކިތަންމެ މޮޅަށް ކިޔެވިޔަސް ، މަންމަގެ ދިރިއުޅުމުގެ ޙާލަތަށް ކަޝަފް ޢިޝާރާތް ކުރެއެވެ. އެހެންނަމަވެސް ، އެކި މީހުންގެ ދިރިއުޅުމަށް އެކިގޮތް ދިމާވެ ، އުފާވެރި ދިރިއުޅުންވެސް މީހުންނަށް މިންވަރު ކުރެއްވުމުގައި ﷲ ތަޢާލާ ކުޅަދުންވަންތަ ކަމުގައި ރާފިޢާ ބުންޏެވެ. އެހެންނަމަވެސް ތުއްތު އިރުއްސުރެ ކަޝަފަށް ފެންނަމުންދާ މަންޒަރާއި މަންމަ އުޅޭ ޙާލުން އެއީ ވެދާނެ ކަމެއްކަމަކަށް ކަޝަފަކަށް ޤަބޫލެއް ނުކުރެވެއެވެ. ކަޝަފް ގެ އެވިސްނުން ބަދަލުކުރެވޭ ވަރަށްވުރެ ، އޭނާގެ ލޯމަތީ މަންމަ ތަޖުރިބާ ކުރަމުންގެންދާ ހިތްދަތި ދިރިއުޅުމުގެ އަސަރު އޭނާގެ ސިކުނޑިޔަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ބައެއް ހީއަކީ ފާފައެއްކަމުގައި ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައި ދެއެވެ. އޭނާ އިނީ އެދުވަހު އެދިމާވި ކަންތައްތައް އެއްފަރާތަށް ލައި އޭނާގެ ދަރިފުޅަށް ހިނިމޫނު ދައްކައި ލޯތްބާއި އޯގާތެރިކަމުގެ ހިނިތުން ވުމެއްގައެވެ. އަދި ނާއުއްމީދަކީ އިންސާނާ ނިކަމެތިކޮށް ދިރިއުޅުން ޚަރާބުކުރާ ކަމެއްކަމަށް ބުނެއެވެ. ކަޝަފް ދެކޭގޮތުގައި ދިރިއުޅުމުގައި އެއަށްވުރެ ގިނަ އަދި ބޮޑެތި ފާފައާއި ކުށް ކުރެވޭނެއެވެ. ކަޝަފް އޭނާގެ ދިރިއުޅުމުގައި އެއްކަމެއް ނުކުރުމަށް ހުރީ ނިންމައިގެންނެވެ. އެއީ މީހަކާ އިނުމެވެ. އޭނާ ދުވަހަކުވެސް މީހަކާ ނީންނަން އެހުރީ ޢަޒުމް ކަނޑައަޅައި ގެންނެވެ. އަންހެނަކަށް ހުރިހާ ތަކުލީފެއް ލިބެނީ ކައިވެންޏާ ގުޅިގެންކަމަށް ކަޝަފް ހުރީ ޤަބޫލު ކޮށްގެންނެވެ. ކައިވެންޏެއް ނުކުރަންޏާ ދެން ކުރާނީ ކީއްތޯ ރާފިޢާ އޭނާގެ ދަރިފުޅު ކުރެން އަހާލައެވެ. ކަޝަފްގެ ޖަވާބަކަށްވީ ، ހަމަޖެހިލައިގެން ދުނިޔޭގައި ދިރިހުރުން ކަމުގައެވެ. މީހަކާ އިނދެފިއްޔާ ހުސް ތަކުލީފުނޫން އެހެން އެއްޗެއް ލިބޭނެކަމަކަށް  އޭނާއަކަށް ނުފެނެއެވެ. ހަމަގައިމުވެސް އޭނާގެ މަންމަގެ ޙަޔާތުން ، އެކުދިން ކުޑައިރުއްސުރެ އެނޫންކަމެއް ކަޝަފަށް ތަޖުރިބާ ކުރެވިފައެއް ނުވެއެވެ. ﷲ ތަޢާލާ އިންސާނާގެ ޙަޔާތުގައި ހުސް އުފަލާއި އަރާމު ލިޔުއްވާފައި ނުވާނެކަމަށް ރާފިޢާ ބުނެއެވެ. އިންސާނާގެ ދިރިއުޅުން ބިނާވެގެންވަނީ އުފަލާއި ހިތާމައިންކަމުގައި ، ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބަލަމުން ގެންދިޔައެވެ. ކަޝަފް ގެ ވިސްނުން ޅަކަމުން އޭނާ އިނީ ހިނިއައިސްފައެވެ.

"މަންމަ މީހަކާ ނުއިންނަމަ ، މަންމަގެ ޙަޔާތުގައި ތިހުރިހާ ތަކުލީފެއް އުފުއްލާކަށް ނުޖެހޭނެއެވެ. ބައްޕައާ އިނދެގެން ހިތާމަޔާއި ހިތްދަތިކަން ފިޔަވައި މަންމައަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟" ކަޝަފް އޭނާގެ މަންމައާ ސުއާލު ކުރިއެވެ.

"އަހަރެމެންގެ ޙަޔާތުގެ ކުރީކޮޅު ހޭދަކުރީ ވަރަށް އުފަލުގައެވެ. ދަރިފުޅުގެ ބައްޕަޔަކީ އޭރު އެހާ ރުޅިގަދަ މީހެއްނޫނެވެ. އަހަރެމެން ވަރަށް އުފާކޮށް މަޖާވެސް ކުރީމެވެ." ރާފިޢާ ބުންޏެވެ.

ކުއްލިޔަކަށް އޭނާގެ ބައްޕަގެ ހިތަށް ވަސްވާސް ވަނީއެވެ. ތިން އަންހެންކުދިން ލިބުމަކީ އޭނާގެ ބަދު ނަޞީބުކަމަށް ނިންމީއެވެ. މަންމަ އެވަގުތު ، އަހަރެމެން ތިންކުދިން ބައްޕަގެ ބޮލަށް ޖަހާފައި އޭނާގެ ކިބައިން ސަލާމަތް ވީނަމައެވެ. އޭރަށް އޭނާގެ ގެޔަށްގޮސް އަމިއްލަޔަށް އުޅެފާނެ ނޫން ހެއްޔެވެ ؟ އޭރަށް އުފަލުގައި އުޅޭނަމޭ ހިތާ ދެވަނަ ކައިވެންޏެއް ކުރާކަށްވެސް ފުރުޞަތެއް ނުލިބުނީހެވެ. ކަޝަފް މަންގާތު ބުނެއެވެ.

"އައުލާދަކީ ހަމައެކަނި ފިރިހެންމީހާއަށް ﷲ ދެއްވާ އެއްޗެއް ނޫނެވެ. އެއީ ދެމަފިރިޔަކަށް ﷲ ދެއްވާ ނިޢުމަތެކެވެ. މަންމަ ކަލޭމެން ތިންކުދިން އޭނާގެ ބޮލަށް ޖެހިނަމަ ދެންވާނެ ގޮތް އެނގޭ ހެއްޔެވެ. ކަލޭމެން ކުދިންނަށް ލިބޭނީ ނިކަމެތި ކަމެވެ. މަންމަގެ ލޯތްބެއް ނުލިބޭނެއެވެ. މަންމަގެ އަޅައިލުމެއް ނޯންނާނެއެވެ. ހުރިހާ ހިތާމަޔަކާއި ހިތްދަތިކަމެއް އޭރަށްވެސް ލިބޭނީ ހަމަ މިމަންމައަށެވެ. ހުރިހާ ގެއްލުމެއް ލިބޭނީ މަންމައަށެވެ. ދަރިފުޅުގެ ވިސްނުން ތިހުންނަނީ ކޮންގޮތަކަށް ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.

ކަޝަފަށް ފެނުނު ގޮތުގައި މަންމަވެސް އެހެންމީހަކާ އިންނަންވީއެވެ. އެ ތިންކުދިންނަށްޓަކައި މަންމަގެ މުޅިދިރިއުޅުން ބަރުބާދު ކުރީތީ ކަޝަފް ޝަކުވާ ކުރިއެވެ. މަންމަ އެހެން މީހަކާ އިންނަމަ އަރާމުގައި ދިރިއުޅުމުގެ ފުރުޞަތު ލިބުނީހެވެ. ފަހަރެއްގައި އެހެން ކުދިންވެސް ލިބޭނެއެވެ. ހަމަ ގައިމުވެސް ، އޭރަށް މަންމަޔަށް ހަމަނޭވާލައިގެން ދިރިހުރެވޭނެކަމަށް ކަޝަފް ޤަބޫލުކުރެއެވެ. ކަޝަފް މެންނަށް މަންމަޔަށް ދެވުނީ ކޮން އެއްޗެއްތޯ އޭނާ ސުއާލުކުރިއެވެ. މަޔަކަށް އޭނާގެ ދަރިން ދޫކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ރާފިޢާ ބުންޏެވެ. އަދި އޭނާއަށް ތިން ޢާއިލާއެއް ލިބިފައިވާ ކަމަށް ބުނެއެވެ. ތިން ކުދިން މީހުނާ އިނީމަ އޭނާއަށް ތިން އައުލާދު ލިބޭނެކަމަށް ރާފިޢާ ބުނެއެވެ.

"ތިޔަހެން ވިއްޔާ މަންމަ އެހެން މީހަކާ އިނދެފިއްޔާ ، އެއިންނަ މީހަކީ ގޯސްމީހަކަށް ވެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ ؟ އޭރަށް ކަލޭމެން ކުއްޖަކަށްވެސް އަދި މަންމަޔަކަށްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ." ރާފިޢާ ބުންޏެވެ.

"ދިރިއުޅުމުގައި އިންސާނަކަށް ކުރެވޭނެ އެންމެ ގޯސް ކަމަކީ މީހަކާ އިނުންކަމުގައި އަހަރެން މިބުނަނީ އެހެން ވެގެންނެވެ." ކަޝަފް ބުންޏެވެ.

ކަޝަފް ގެ ވިސްނުން ހުރިގޮތް ފެނިފައި އޭނާގެ ދަރިފުޅުގެ އަނގައިން ނުއަރާނެކަން ރާފިޢާ ދެނެގަތެވެ. އަދި އެކަހަލަ ނާއުއްމީދީ ޚިޔާލުތައް ހިތަށް ނުގެނައުމަށް އެދުނެވެ. އަދި ހަމައެކަނި ކަޝަފްގެ ކިޔެވުމަށް ސަމާލުކަން ދޭން ނަޞޭޙަތްތެރި ވިއެވެ. ކަޝަފް ދެކޭގޮތުގައި އެމީހުންނާ ދިމާއަށް އެއްޗެހި ކިޔަން މިގެޔަށް ބައްޕަ ނާންނާށޭ ސާފުކޮށް ، މަންމަ ބުނަން ޖެހެއެވެ. އެހެން ނަމަވެސް ، ރާފިޢާ ދެކޭގޮތުގައި ، އިންސާނާގެ ދިރިއުޅުމުގައި ދުލުން ބޭރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް ބޭރުކުރާކަށް ނުވާނެއެވެ. އެހެން މީހުންނާމެދުވެސް ވިސްނަން ވާނެއެވެ. ކަޝަފަކަށް އެވާހަކައެއް ޤަބޫލެއް ނުކުރެވެއެވެ. ކަޝަފް ދެކޭގޮތުގައި ، އިންސާނާގެ ދިރިއުޅުން  ބަރުބާދުވެގެންދަނީ ، އެހެން މީހުންނާމެދު ވިސްނަން ހަދައިގެންނެވެ. އަމިއްލަ ނަފުސަށް ނުވިސްނައި އެހެންމީހުންގެ ބޭނުންތައް ފުއްދުމަށް އިސްކަން ދޭން ހަދައިގެންނެވެ. އެއީ ދަރިންކަމަށްވިޔަސް ، އަމިއްލަ ނަފުސަށް ނުވިސްނައި އެހެން ހުރިހާކަމެއް ހަނދާން ނައްތާލާފައި ، ދަރިންނަށް އެކަނި ވިސްނައިގެން ކަމަކު ނުދާނެއެވެ. އެކަން އެގޮތަށް ކުރާނަމަ އެއީ ދަރިންދެކެ ލޯބިވުމެއް ނޫނެވެ. އެ ހަލާކުކުރެވެނީ ދަރިންގެ މުސްތަޤްބަލެވެ. ކަޝަފާއި ރާފިޢާގެ ވާހަކަ ނިންމާނެ ގޮތަކާމެދު ދެމީހުންނަށްވެސް އަލިމަގެއް ނުފެނުނެވެ. މިހާރު ރޭގަނޑު މާލަސްވެއްޖެ ކަމަށާއި ހެނދުނު ޔުނިވަރސިޓީއަށް ދާންވާނެ ނޫންހޭ ބުނެ ، ކަޝަފްގެ މޫނުގައި ފިރުމާލައެވެ. އަދި ނިދޭތޯ ބަލާށޭ ކިޔާފައި ކަޝަފް ފޮނުވާލައެވެ.

ކަޝަފް ، މަންމަގެ ކޮޓަރިން ނުކުމެގެން އައިނަމަވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގައި ހުރި އުދާސްތަކުން އޭނާއަށް ލޮލުފިޔަ ޖެހޭގޮތެއް ނުވިއެވެ. އެއޮއް ދަންވަރު ގޯތިތެރެޔަށް ނުކުމެ ، ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާގެ ހިތުގައި އެތައް ވަސްވާސްތަކެއް އެނބުރެމުން ދެއެވެ. މިގޭތެރޭގައި މިއޮންނަނީ ހާދަ ބޮޑު ނުތަނަވަސް ކަމަކާއި ހިތްދަތި ކަމެކެވެ. އެކަންކަމަށް ނިމުމެއް އަންނާނެ ކޮޅެއް މެދެއް ނެތެވެ. ޙައްލުކުރަން ކުރެވޭނެ އެއްވެސް ކަމެއްވެސް ނެތެވެ. ހުސް ނުތަނަވަސް ކަމެވެ. ދިރިއުޅުން އެގޮތް މިގޮތަށް ކުރިޔަށް އެބަ ދެއެވެ. އެކަމަކު ، ދިރިއުޅުމުގެ ޙާލަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ބަދަލެއް އައުމުގެ ކޮޅުމަތި ފެންނާކަށްވެސް ނެތެވެ. އުއްމީދުގެ ހުޅުކޮޅު ވަނީ ނިވިފައެވެ. އެއުއްމީދަށް ދިރުން ލިބިގެންދާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ.

މަންމައެވެ. ދުވާލާއި ރޭގަނޑު މެޝިނެއް އެނބުރޭހެން އެހުންނަނީ މަސައްކަތް ކޮށްކޮށެވެ. ދެން ތިބީ އަހަރެމެން ތިން ބެއިންނެވެ. ގޭގެ ޚަރަދުތައް ހަމަޖެއްސުމުގައި އެކަށީގެންވާ އެހީތެރިކަމެއް މަންމަޔަކަށް ނުދެވެއެވެ. އަހަރެމެން ބޭނުންވިޔަސް އެކަން ކުރެވޭކަށް ނެތެވެ. ދެންހުރީ ބައްޕައެވެ. އޭނާގެ ހަގު އަނތްބާއި ކުދިންނާއެކު އެއުޅެނީ އުފަލުގައެވެ. އޭނާގެ ދިރިއުޅުމުގައި އަހަރެމެންނާ ބެހޭ އެއްވެސް ބާބެއް ނުވެއެވެ. އަހަރެމެންނަކީ އޭނާގެ ދިރިއުޅުމުގެ ބަހާއެއް ނޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.