
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް.)ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެންގޯލާގެ ލުއާންޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) މާލެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރ ޝާހިދު މި ސަމިޓްގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުން ނެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބަޔާން އިއްވައިދެއްވައިފަ އެވެ. އަދި އޯ.އޭ.ސީ.ޕީ.އެސް.ގެ ރިވައިޒްޑް ޖޯޖްޓައުން އެގްރީމަންޓު ޤަބޫލުކުރުމުގެގޮތުން ރާއްޖޭގެ ފަރާތުން އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށައެޅުއްވުމުން އެ ޖަމުޢިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ވަނީ ލިބިގެންގޮސްފަ އެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަކަށެވެ.