
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތައް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ މަސައްކަތް ކުރާ، އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސިސީ އިން ބުނީ ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.