ރެއާލް އެއްވަރުވެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެ

ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި ބައްދަލުކުރީ ތާވަލްގެ 17 ވަނައިގައި އޮތް ލެވާންޓޭ އާއި ރެއާލް މެޑްރިޑެވެ. އެމެޗު 2-2 އިން އެއްވަރުވެ ތާވަލްގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ރެއާލްއަށް ގެއްލިއްޖެއެވެ.

މިދެޓީމު މިހާތަނަށް ލީގުގައި މިސީޒަނުގައި ދެފަހަރަށް ބައްދަލުކޮށްފައިވާއިރު ރެއާލްއަށް އެއްވެސް މެޗަކުން މޮޅުވެވިފައެއްނުވެއެވެ. މިއީ ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން އެއްވަރުވި ދެވަނަ މެޗެވެ. އެއްމެޗުން ބަލިވިއިރު މޮޅުވެފައިވަނީ ދެމެޗުންނެވެ.

މިމެޗުން ލިބުނު ޕޮއިންޓާއިއެކު ރެއާލް އަދިވެސް އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. އެއީ ކުޅުނު 21 މެޗުން 39 ޕޮއިންޓު ހޯދައިގެންނެވެ. މިމެޗުން މޮޅުވެގެން ރެއާލްއަށް ތިންވަނައަށް އެރުމުގެ ފުރުސަތުއޮތްއިރު، މިވަގުތު ތިންވަނައިގައި އޮތް ވެލެންސިޔާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތާވަލްގެ އެންމެކުރީގައި އުޅޭ ދެޓީމުކަމަށްވާ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑާއި ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސެލޯނާއަށް 21 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު އެތުލެޓިކޯ އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

މެޗުފަށައިގެން ރެއާލް އިން ޑޮމިނޭޓްކުރިއިރު ފުރަތަމަ ލަނޑު ޖަހައިދިނީ 11 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ސާޖިއޯ ރަމޮސް އެވެ. މީގެއިތުރުންވެސް ރެއާލް ވަނީ ލަނޑުޖަހާނެ ގިނަފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އޭގެ ބޭނުންކުރެވޭގޮތްވަނީ ނުވެފައެވެ. އޭގެ ނަތީޖާއެއްގެގޮތުން ލެވާންޓޭއިން ފުރަތަމަހާފު ނިމުމުގެކުރީން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް އެމަނުއެލް ބޯޓެން އެވެ.

ދެވަނަހާފުގައި ރެއާލްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވިފައެއްނުވެއެވެ. އެންމެ ރަނގަޅު ފުރުސަތެއްލިބުނީ ދެވަނަހާފުގައި ގެރެތު ބޭލްގެ ބަދަލުގައި ކުޅެން ނިކުތް އިސްކޯ އަށެވެ. އޭނާ ވަނީ މިފުރުސަތުގެ ބޭނުންހިފައި 81 ވަނަ މިނެޓުގައި ދެވަނަފަހަރަށް ރެއާލްއަށް ލީޑު ނަގައިދީފައެވެ. މިނަތީޖާގައި އޮވެ މެޗުނިމެމުން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުންނިމެން މިނެޓަކަށްވެފައިވަނިކޮށް ލެވާންޓޭއަށް އެއްވަރުކޮށްދިނީ ޖިއަމްޕައޮލޯ ޕައްޒީނީއެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ރޮނާލްޑޯ ބަދަލުކުރީ އަނިޔާގެ މައްސަލައެއްގައި ނޫން ކަމަށެވެ. "އެއީ އަހަރެން މާކުރިން ކުރަން ނިންމާފައި އިން ބަދަލެއް. އަހަރެން ބޭނުންވީ މެދުތެރެއަށް އިތުރު ކުޅުންތެރިއަކު ލާފައި ބޮޑަށް ޑިފެންސިވް ކުރުމަށް" ޒިދާން ބުންޏެވެ.

"މިއަހަރަކީ އަހަރެމެންނަށް ވަރަށް އުނދަގޫ އަހަރެއް. ވިދިވިދިގެން ތިނެއް ނުވަތަ ހަތަރު މެޗުގައި އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭ. އަހަރެމެން ފުރަތަމަހާފުގައި މުޅި ގޭމް ކޮންޓްރޯލް ކުރީ. މުޅި މެޗުގައި ދެއްކިކުޅުމާއި މެދު ހިތްހަމައެއްނުޖެހޭ" ޒިދާން ބުންޏެވެ.

ސްޕެނިޝް ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ތާވަލްގެ އެންމެ ކުރީގައި އުޅޭ ބާސެލޯނާ އާއި އެސްޕަންޔޯލް ބައްދަލުކުރާމެޗާއި އެތުލެޓިކޯ މެޑްރިޑާއި ވެލެންސިޔާގެ މެޗު ފާހަގަކޮށްލެވެއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.