ފެނަކައިން އަލަށް ހަވާލުވި 14 އައިސް ޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީނު ކުރަން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި މުވައްޒަފުން ތަމްރީނު ކުރަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ކަމަށާއި ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސް 32 މުވައްޒަފުންނާއެކު 14 ނޮވެމްބަރުގައި ފަށާފައިވާ ކަމަށެވެ.
ފެނަކައިން ބުނީ މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުން ކަމަށެވެ.
މީގެ އިތުރުން އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަކީ އެއްވެސް ތަމްރީނެއް ރެފްރިޖެރޭޝަން ދާއިރާއިން ލިބިފައި ނުވާތީއާއި މިދާއިރާގެ ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން އެމްކިއުއޭ ގެ ލެވެލް 3 ގެ ކޯހެއް މި ދާއިރާއަށް އަމާޒުކޮށްގެން ފެށީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަންގެ ސައިސަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެ އެވެ.
ކޮންމެ އައިސް ޕްލާންޓުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެން މިދާ ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ. އަދި ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް އަކީ 07 އޮކްޓޯބަރ 2020 ވަނަ އަހަރު ވަރަށް މާތް މަޤްސަދެއްގައި އުފެދިގެން ދިޔަ އިންސްޓިޓިއުޓެކެވެ.
މިގޮތުން ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ދަނީ ތަމްރީނު ކުރެވެމުންނެވެ. އަދި މިއަދާއި ހަމައަށް 245 މުވައްޒަފުންނަށް ވަނީ ފެނަކަ އިންސްޓިޓިއުޓުން ކިޔަވަން ފުރުސަތު ލިބި ބައެއް މުވައްޒަފުން ވަނީ މިހާރު ނިމިފަ އެވެ.
ފެނަކަ އިންސްޓިޓިއުޓް އިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާތަކުން ނެވެ. މިގޮތުން މުވައްޒަފުން ބިނާކުރުމުގައި ފެނަކަ އިންސްޓިޓިއުޓްއިން ދަނީ ނަމޫނާ ދައްކަމުން ނެވެ.