
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހައި، ރަންވޭއެއް އަޅައި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހަދާނެ އެވެ.
މީގެ އިތުރުން ޓާރމިނަލް ބިލްޑިންގއަކާއި ފަޔަރ ބިލްޑިންގ އެއް އަޅައި، އަލިފާންނިއްވާ އިކުއިޕްމަންޓް ބަހައްޓައި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މި މަޝްރޫޢަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.