މަސްދަރު ހާމަކުރަން ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްދަރު ހާމަކުރަން ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ބުނީ، ރައީސް އޮފީހަށް މި ބިލު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މީގެ އިތުރުން އެ ބިލުން ބުނެވިދިޔަ ގާނޫނަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕީޖީ ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނޭ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.