ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް: އޭޖީ

ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއްނެތް ކަމަށް ދައުލަތުގެ އެޓަރނީ ޖެނެރަލް (އެޖީ) އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން ލޯކަލް ކައުންސިލް ތަކުގެ ދައުރު ދިގުދަންމާލަން ޤާނޫނަށް އިސްލާހު ގެނައުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނިކޮށްނެވެ.

އޭޖީ ރިފްއަތު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ ކައުންސިލް ތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށެވެ. އެހެން ކަމުން އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހުގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާން ކުރައްވާފައި ނުވާކަމަށް ވެސް އޭޖީ ވިދާޅުވެފައިވެއެވެ.

"ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ،" އޭޖީ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެވުނު ބަހުސްގައި މިހާރު ރާއްޖޭގައި އިޢްލާންކޮށްފައިވާ އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީ އިޞްލާޙު ކުރުމާމެދު މެމްބަރުންގެ ޚިޔާލު ވަނީ ތަފާތު ވެފައެވެ.

ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވުމުން މިހާރު އިޢުލާންކުރައްވައިފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ގެނެވޭނެތޯ ނުވަތަ މިއީ ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތުތޯ، މެމްބަރުންގެ ޚިޔާލަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުޅުވާލެއްވިއެވެ. އެމައްސަލައިގައި ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުން ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ހުރަހެއް ނެތެވެ. މި ގޮތަށް ޚިޔާލު ފާޅުކުރެއްވި ގިނަ މެމްބަރުންނަކީ ޤާނޫނީ ގޮތުން ތަޖްރިބާ ތަކެއް ލިބިވަޑައިގެން ތިއްބެވި މެމްބަރުންނެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ޤާނުނު އަސާސީއަށް އިސްލާހުގެނެވޭނެ ޙާލަތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާ ލެއްވީ މާދަމާގެ ޖަލްސާގައި ވެސް އެބަހުސް ކުރިއަށް ގެންދެވާނެކަމަށް ވިދާޅުވެއެވެ. އަދި ޤާނުނޫ އަސާސީއަށް އިޞްލާހު ނުގެނެސް ވަކި ޤާނޫނެއް ހެދުމަށް ހުރަހެއް ނެތް ކަމަށް ބައެއް މެމްބަރުން މަޖިލީހުގެ ރައީސަށް ލަފާ ދެއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެމައްސަލައިގައި މަޖިލީހުން ވޯޓެއް ނެގުމާމެދުވެސް އަލުން ވިސްނަވާން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.