ހެއްކާބެހޭ ޤާނޫނާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރަނީ

މިއަހަރުގެ ޖުލައިމަހު ތަޞްދީޤުކުރި ހެއްކާބެހޭ ޤާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ " މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް ، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭ ކަމަށާއި އެކަމާގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމުގައެވެ.

ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ޙައްލުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާޙިމުގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.