
ފިނޭންސް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވުމުން ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި، ސަރުކާރާ އެކު މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރު އެވެ. ފިނޭންސް މިނިސްޓްރީގައި އޭނާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓަވާފަ އެވެ.
ފިރުޒުލް އިސްތިއުފާދެއްވާފައިވާއިރު، ފައިނޭންޝަލް ކޮންޓްރޯލަރ ގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ ވެސް ވަނީ މި ހަފްތާގައި އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ޕީއެޗްޑީ އަށް ކިޔެވުމަށް ބޭރަށް ވަޑައިގަތުމަށެވެ.