ދިވެހި ޢަސްކަރިއްޔާވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށް ކަމަށެވެ.
މިސަރަޙައްދުގެ ޢަސްކަރިއްޔާތައްވެސް އިސްކަންދެނީ ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމުގައި ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
" ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެ. ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ޙާލަތްތަކުގައި ރައްޔިތުންގެ ޙިމާޔަތުގައި ސިފައިން ތިބެން ވާނެ. ދިވެހިންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަން. މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުން ޤައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން." ރައީސް ވިދާޅުވިއެވެ.