އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައި.އޭ.އެލް.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފި އެވެ.
އެމަނިކުފާނު މި ގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
އައި.އޭ.އެލް.އޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަޞީލަތްތައް ތަރައްޤީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެ އެވެ.
މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުންބަދަހިވެގެންދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނެ އެވެ.
މީގެ އިތުރުން އެއިޑްސްޓު ނެވިގޭޝަން، ޚާއްޞަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މަޢުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެގޮތްތައް ފަހިވެ، މިކަންކަމުގައި ޤައުމުތަކަށް އެހީތެރިކަން ލިބިގެން ދިއުން ވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެ އެވެ.
މިއީ ކަނޑުގެ މާޙައުލު ޙިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެ އެވެ.