(30 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ ގައިގައި ހުރި ހުރިހާ ބާރެއްލާފައި ކައްކާމީހާގެ އަތުގެ ތެރެއިން ނުކުތުމަށް މަސައްކަތުގައި އެމީހާ ވަރަށް ބާރަށް ކޮށްޕާލެވޭގޮތް ވެއްޖެއެވެ. އަދި އޭނާގެ ފައި ކައްސާލައިގެން ގޮސް އިދިފުށަށް ވެއްޓޭގޮތް ވެއްޖެއެވެ. އޭނާ ވެއްޓުނުގޮތަށް އެތާނގައި ކޮށަން ތައްޔާރުކޮށްފައިހުރި ތަރުކާރީތަކެއްގެ ތެރެއަށެވެ. އަދި އޭނާ ވެއްޓުނު ގޮތުން އެތާނގައި ބާއްވާފައި އޮތް ވަޅިއެއް އޭނާގެ ބުރިކައްޓަށް ވަރަށް ފުންކޮށް ވަދެއްޖެއެވެ. އެތަންވަޅު އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ކައްކާމީހާ ހަޅޭއްލަވާ އަޑަށް ހޮޓަލުގެ މީހުންތައް އެތަން މިތަނުން ދުވެފައި އައިސް ބަދިގެތެރެއަށް އެއްވެއްޖެއެވެ. ރަޖްނީގެ ރަޙްމަތްތެރި ކުއްޖާވެސް އެމީހުންނާއެކު އެތަނަށް އައެވެ. ކައްކާ މީހާ ވެއްޓިފައި ތަޅުގަނޑު މަތީގައި ތެޅިތެޅިއޮތެވެ. އޭނާގެ ބުރިކަށިން ވަރަށް ގިނައިން ލޭއަންނަމުންދެއެވެ. އެތަން ފެނިފައި އެމީހުންގެ ތެރެއިން އެކަކު ގޮވާލިއެވެ.
"އޭ..މީހަކު މަރަނީ..މިއޮއް މީހަކު މަރަނީ..."
"އޭނާ ކައްކާ މީހާ ގަޔަށް ވަޅިހެރީ..." އަނެކަކު... ރަޖްނީއާ ދިމާއަށް އިނގިލި ދިއްކޮށްލާފައި ބުންޏެވެ.
"ފުލުހުންނަށް އަންގާ.. އަވަހަށް ފުލުހުންނަށް އަންގާ!"
ރަޖްނި ހާސްވެގެންގޮސް ދާހިއްލަން ފަށައިފިއެވެ..އަދި ނުލާހިކު ބިރުވެރިކަމާއެކު އެކިމީހުންނަށް ވަކިވަކިން ބަލަމުން ގެންދެއެވެ. އެކުއްޖާ މިހިނގައިގެން އުޅޭ ޙާދިޘާ އޮޅުން ފިލުވަން އެދޭކަން އެނގޭފަދަ ނަޒަރަކުން ރަޖްނީއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެ ދެ ބުދުހެން އެކަކު އަނެކަކާ ދިމާއަށް ބަލަން ތިއްބެވެ. ހީވަނީ އެމީހުންގެ ވާހަކަ ދެއްކުމުގެ ބާރު، ނުވަތަ ހެލިފެލިވެ އުޅުމުގެ ބާރު ކޮންމެވެސް މީހަކު އަތުލާފައިވަނީ ހެންނެވެ.
އެވަގުތު މުޅި ހޮޓެލުގެތެރޭގައިވެސް ކަންތައްގަނޑު ވަރަށް ބޮޑުވާގޮތްވިއެވެ. ހޮޓެލުން ފުލުހުންނަށް ފޯންކޮށްގެން ދާދިކުޑަ ހިނދުކޮޅެއްގެތެރޭގައި ފުލުހުން އަތުވެއްޖެއެވެ. އަދި ގޭތެރޭގެ ކަންތައްތައް ހުރިގޮތް ބެލުމަށްފަހު، ހަމަ އެތަނުންމެ ރަޖްނީ ހައްޔަރުކޮށްގެން ފުލުހުންގެ ކަސްޓަޑީއަށް ގެންގޮސްފިއެވެ. އޭނާގެ ސަލާމަތަށްޓަކައި ރަޖްނީ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ފުލުހުން ޤަބޫލެއް ނުކުރިއެވެ. އެކަންވާނީވެސް އެހެންތާއެވެ. ރަޖްނީގެ ދިރިއުޅުމަކީ އެންމެން ވެސް ދަންނަ ދިރިއުޅުމެކެވެ. ވުމާއެކު މިއަދު މިހިނގި ހާދިޘާއާ ބެހޭ ކޭސް އޭނާގެ މައްޗަށް ހިންގުމަށްޓަކައި އޭނާ ފުލުހުންގެ ކަސްޓަޑީއަށް ގެންދެވުނީ..
ދިހައެއް
ޖަޔަންތު މިއަދު ވަނީ އާދަޔާޚިލާފަށް ގިނައި ރާބޮއިގެންނެވެ. މޯތީ ހޯދާހޯދާ ނުފެނިގެން ހިތްހަމަޖައްސާލުމަށްޓަކައި އޭނާ ދިޔައީ ޑިސްކޮޓީކް އަކަށެވެ. އެތަނަށް ވަނުމާއެކު ރީތި އަންހެން ކުދިންތަކާއެކު ނަށަން ފަށައިގަތެވެ. ނެށުމުގެ ތެރޭގައި އޭނާ ވަރަށް ގިނަ އަންހެންކުދިން ބަދަލު ކުރަމުން ގެންދިޔައެވެ. ނަމަވެސް އޭނާ ހިތްހަމަޖެހޭކަހަލަ އެއްވެސް ކުއްޖަކު އޭނާއަކަށް ނުފެނުނެވެ. އޭނާގެ ހިތުގައިވާ ތަޞްވީރަކީ ރަޖްނީގެ ތަސްވީރެވެ.އެތަސްވީރު އޭނާގެ ހިތުން ފިލުވާލެވޭވަރުގެ ހަމަ އެއްވެސް ކުއްޖަކު އެތަނަކުން އޭނާއަކަށް ނުލިބުނެވެ. އެންމެފަހުން ހަދާނެގޮތެއް ނެތިގެން އެޒުވާންކަމުން ފުރިފައިވާ މަހެފިލް ދޫކޮށްލާފައި ނުކުމެގެން ހިނގައްޖެއެވެ.
އޭނާ ނުކުމެގެން ދިޔައީ ޓެކްސީ ސްޓޭންޑް ކައިރިއަށެވެ. އެތަނަށްގޮސް ޓެކްސީއަކަށް ގޮވާލިތަނާ ކުއްލިއަކަށް އޭނާއަށް ފެނުނީ މޯތީއެވެ. އޭނާގެ އޮޓޯ ރެކްޝާގައި ނިދާފައި އޮއްވައެވެ. ޖަޔަންތު އަވަސް އަވަހަށް ގޮސް އޭނާއަށް ގޮވާލިއެވެ. ސިއްސައިގެންގޮސްފައި ހޭލެވިގެން މޯތީ ބުންޏެވެ.
"ސަލާމް ޞާހަބް... މިހުރިހާ ދުވަހު ތިޔައުޅުއްވީ ކޮންތާކުތޯ؟"
"އަހަރެން ތަނެއްގައި އުޅުނީތަ... ކަލޭ ނުފެނި އުޅެނީ އެއްނު!" އަހަރެންނާ ބައްދަލުވެ އުޅުންވެސް ދޫކޮށްލީ އެއްނު.... އަނެއްކާ ވިޔަފާރި ބަދަލުކޮށްލީތަ...؟"
"ހުރިހާ ކުލަވަރެއްވެސް ބަދަލުވީ...!"
"ކިހިނެތްވީ... އަނެއްކާ ކަލޭގެ ބުލްބުލް ކޮބާ؟"
"އޭނާ އުދުހުން ހުއްޓާލައިފި.."
"ކީއްވެ. އަނެއްކާ ކޮންކަމެއް ދިމާވީ"
"އޭނާއާ މެދު ވަރަށް ބޭއިންސާފު ގޮތްތަކެއް ދިމާވީ"
"ކިހިނެއްވީ..."
"އެ ކުއްޖަކަށްޓަކައި އޭނާ ދިރިއުޅެމުން އައި އޭނާގެ ކޮއްކޮ މަރުވީ... އޭނާގެ ކޮއްކޮގެ ބޮލުގައި ވައްކަންކުރުމުގެ ތުހުމަތު އަޅުވައިގެން ފުލުހުން އޭނާ ގައިގައި ތެޅިތެޅީނުން އޭނާ ފުރާނަ ދުއްވާލީ..."
"އޭނ... ކީކޭ....ފުރާނަ ދުއްވާލިއްޔޭ؟" ޖަޔަންތު ހައިރަންވެފައި ސުވާލުކުރިއެވެ.
"އާދެ މަސާހަބު ...އެއީ ވަރަށް ލޯބި ކުއްޖެއް.... އެކުއްޖާ މަރުވި ދުވަހުން ފެށިގެން އޭނާ ވިޔަފާރި ހުއްޓާލައިފި"
"ރަޖްނީ ކޮބާ...؟"
"ކޮށީގައި...."
"ކޮށީގައޭ؟" ޖަޔަންތަށް އެބުނި އެއްޗެއްގެ މާނަ ނޭނގިގެން ސުވާލުކުރުމުގެ ގޮތުން އަހާލިއެވެ.
"އާދެ...މަސާހިބާ.... ރަޖްނީ ވިޔަފާރި ހުއްޓާލާފައި ގަސްތުކުރީ ހޮޓެލެއްގައި މަސައްކަތްކުރަން. އެ ހޮޓަލުގައި ތަރުކާރީއާއި މަސްފަދަ ތަކެތި ކޮށުމުގެ ބަދަލުގައި އޭނާކޮށާލީ އެތާނގައި ކައްކަން އުޅުނު މީހާ.....އެހެންވީމާ ފުލުހުން އޭނާ ހައްޔާރުކުރީ.މިހާރު އޭނާ ވަނީ ފުލުހުންގެ އަތްދަށުގައި...."
"އެކަމަކު އޭނާ ކައްކާމީހާއާ ދިމާކޮށްލީ ކީއްވެތަ؟"
"އެމީހާ ކޮންމެވެސް ނުބައެއް ހެދިކަމަށްވާނީ!"
"އެކަމަކުވެސް ކަލޭމެން އޭނާ ސަލާމަތްކުރަން ވެސް ނޫޅެ ތިޔަ ތިބީ!"
"އޭނާ ސަލާމަތް ކުރާނީވެސް ކިހިނެއްތޯ! މާރިޔާ އާންޓީ ވެސް މިހާރު ރާވިއްކާތީ ތިންފަހަރު ފުލުހުންގެ އަތްދަށުގައި ވަނީ ހައްޔަރުވެފައި އަދި ފުލުހުން ކުރިމަތީގައި އަޅުގަނޑުގެ ވެސް އޮންނަނީ ކޮން ޤަދަރެއް....ރަޖްނީ ސަލާމަތްކުރުމަށް ޓަކައި އަޅުގަނޑުމެންގެ މީހަކު ފުލުސް އޮފީހަށް ހިނގައްޖެނަމަ އޭނާ ދޫކޮށްނުލާ ތާނގައި އަޅުގަނޑުމެންވެސް އެތެރެއަށް ގެންދާނީކަން ސާހިބާއަށް އެނގިވަޑައިގަންނަވާނެ..."
"ކަލެއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. މުޅި ޢުމުރު ދުވަހު އޭނާގެ މަސައްކަތުން ހޯދާ އެއްޗަކުން ކަމިޝަން އަތުލައިގެން ކައިބޮއި އުޅެފައި އޭނާއަށް ކަމަކާ ދިމާވީމާ ލޯމަރާލާފައި ނުފެންނަ ކަމަށް ތިޔަ ހަދަނީ..." ޖަޔަންތު މިހެން ބުނެފައި މޯތީއާ ދިމާއަށް ނަފްރަތުގެ ނަޒަރަކުން ބަލާލިއެވެ.
"ތަނަކަށް ދުރުވަންތޯ..." މޯތީ ޚުޝާމަދުކުރާ ގޮތަކަށް ޖަޔަންތާ ދިމާއަށް ބަލާލާފައި އަހާލިއެވެ.
"އާނ... ނަމަވެސް ކަލޭގެ ރެކްޝާގައެއް ނޫން"
އެހެން ބުނެފައި ޖަޔަންތު ކުރިމަތީގައި އޮތް ޓެކްސީއަކަށް އަރައިފިއެވެ. އެ ޓެކްސީއަކީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ޓެކްސީއަކަށް ގޮވާލީމީ އައިސް އޮތް ޓެކްސީއެކެވެ. ޑްރައިވަރު އެނބުރިލާފައި ދާންވީ ކޮންތާކަށްތޯ ޖަޔަންތު ކުރެން އަހާލިއެވެ.
"ޕްރަބާތު ނަގަން" ޖަޔަންތު ވަރަށް ބާރަށް ބުނެލިއެވެ.
ޓެކްސީ ދުއްވާލުމުން މޯތީ ލަދުގެންފައިވާ ގޮތަކަށް ޓެކްސީއާ ދިމާއަށް ބަލަން އިނެވެ.
އަނެއް ދުވަހު ހެނދުނު ޖަޔަންތު ފުލުސް ސްޓޭޝަނަށް ހިނގައްޖެއެވެ. އަދި ރަޖްނީ ސަލާމަތް ކުރުމަށް ޓަކައި ޚުދު އޭނާ ޖާމިނުވުމަށް ހުށަހެޅިއެވެ. ނަމަވެސް އެވަގުތު ސްޓޭޝަނުގައި ހުރި އިނިސްޕެކްޓަރު ބުނަމުން ދިޔައީ، މީހެއްގެ ޖާމިނުވުމަށް ރަޖްނީ ދޫކޮށްލެވެން ނެތްކަމުގައެވެ. މިކަމާ ދެކޮޅަށް ޖަޔަންތު ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އެންމެ ފަހުން އިނިސްޕެކްޓަރު ރުޅިއައިސްގެން ބުންޏެވެ.
"އޭނާ ދޫކޮށްލުމުގެ އިޚްތިޔާރެއް އަހަރެންނަށް ލިބިފައެއްނެތް. އޭނާ ހައްޔަރުކުރެވިފައި ވަނީ ހޮޓެލުގެ ކައްކާމީހާ މަރާލަން މަސައްކަތްކޮށްގެން...."
"ކުރާނެ ކަމެއްނެތް ނިކަމެތި އަންހެނަކު އޭނާގެ އިއްޒަތް ސަލާމަތް ކުރުމަށްޓަކައި އެގޮތަށް މަސައްކަތް ކުރުން ފިޔަވައި ދެން ކުރަން އޮންނާނީވެސް ކޮން ކަމެއްތޯ! އިނިސްޕެކްޓަރު ސާހަބް"
"އިއްޒަތް ސަލާމަތް ކުރުމަށޭ!" މިހެން ބުނެފައި އިނިސްޕެކްޓަރު ވަރަށް ބާރަށް ހީނގަތެވެ. އޭނާގެ ހުނުމުގައި ވަނީ މަލާމަތުގެ އަސަރު ތަކެވެ. އަދި ބުނަމުން ދިޔައެވެ.
(ނުނިމޭ)
Dhuniyeyge kanthah huri goiy keekey bunaanee