މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެ 5 ވަނަ ދުވަހު ފަށަނީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެ 5 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށާއި ފުރަތަމަ ދެ ހަފުތާ ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މިނީ ބަހުގައި ދަތުރުކުރެވޭ އަގުތަކާއި ބަސް ދަތުރުކުރާނެ ރޫޓްތައް ވެސް މިހާރު ފައިނަލްކޮށްފައިވާއިރު، މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި މުސްކުޅިންނަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މިނީ ބަހުގެ ދަތުރުތައް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ޚާއްސަ ޖާގަތައް މިނީ ބަހުގައި ވަނީ ހަމަޖައްސާފައެވެ.

މިނީ ބަސްތައް ދަތުރުކުރާނީ ހެންވޭރު ސްޓޭޑިއަމުން ފެށިގެން ބީޗް ވޮލީ ކޯޓަށާއި މާފަންނު ވެސްޓްޕާކުން އޯކިޑްމަގުގައި ހުންނަ ސަންފްރަންޓް ލައިޓް ޝޮޕަށެވެ.

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރުކުރާނެއެވެ.

އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އައުކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، މިނީ ބަހުގެ ޚިދުމަތް ދިނުމަސް ހަމަޖެހިފައިވަނީ ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫއަދި އައްޑުއާއި ފުވައްމުލައް ސިޓީގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.