
މިއަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ނިއު މިލޭނިއަމް ކޮންސެޕްޓް އިން އިންތިޒާމްކޮށްގެން ބާއްވާ މި ފެއާރ އޮންނާނީ 26-27 އޯގަސްޓު 2022 ގެ ނިޔަލަށް މީރުމާ އިވެންޓްސް ހޯލްގައެވެ. މި ފެއާރގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުالله މައުސޫމްއެވެ.
މިއީ ދިވެހިރާއްޖޭގައި ބޭއްވޭ މި އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާރގެ 6 ވަނަ އެޑިޝަނެވެ. މި ފެއަރ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޔުނިވަރސިޓީ، ކޮލެޖް، އަދި ޕޯސްޓް ސެކަންޑަރީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކާއި ޕްލޭސްމަންޓް ފުރުޞަތުތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ދިރާގުން މުޅި ފެއާރގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ. އަދި ދިރާގުން އަބަދުވެސް ދަނީ ދިވެހިރާއްޖޭގެ އެޑިއުކޭޝަން ދާއިރާ ކުރިއަރުވާ ޒުވާނުންނަށް އިތުރު ފުރުޞަތުތައް މަގުފަހިވާނެ ތަފާތު މަސައްކަތްތަކަށް އެއްބާރުލުންދެމުންނެވެ.