ފްލެޓްތަކުން އެއްވެސް މައްސަލައެއް ދިމާވެގެން އެއްވެސް އާއިލާއަކުން ނިކުންނަން ޖެހުމަކީ ސްޓެލްކޯއިން އެދޭ ކަމެއް ނޫން: ޝަރީފް

ފްލެޓްތަކުން އެއްވެސް މައްސަލައެއް ދިމާވެގެން އެއްވެސް އާއިލާއަކުން ނިކުންނަން ޖެހުމަކީ ސްޓެލްކޯއިން އެދޭ ކަމެއް ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ގައި ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ތަރައްގީ ކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެގްރިމެންޓްގައިވާ ގޮތުން ކުލި ނުދައްކާ ތިން މަސް ދުވަސް ވެއްޖެ ނަމަ ފްލެޓުން ނިކުންނަށް ޖެހޭނެ ކަމަށެވެ.

ދެން ތިބި ސްޓާފުންގެ ހައްގުގައި އެކަން ކުރަން ޖެހިއްޖެނަމަ ސްޓެލްކޯއިން ކުރާނެކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ އެ ފްލެޓްތަކުގެ އެގްރިމެންޓް މުވައްޒަފުންނަށް ހަދާފައިވާނީ ސްޓާފުންނަށް ވަރަށް ބޮޑަށް ލުއިވާ ގޮތަށް ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަން ޖެހޭނީ ބޭންކަކަށް ނޫން ކަމަށާއި 18 އަހަރުގެ މުއްދަތަށް ކުލި ދައްކަން ޖެހޭނީ ސްޓެލްކޯއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކަށް ގޮސްގެން މި ލޯނު ކަވަރ ކުރަން ޖެހޭނަމަ އެޕާޓްމެންޓް ލިބުނު މުވައްޒަފުންގެ ތެރެއިން 203 މުވައްޒަފަކަށް ކްރައިޓީރިއާ ހަމަނުވެގެން ލޯނެއް ނުލިބޭނެ. އެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ލޯނަކަށް ގޮސްގެން ލޯނު ޔަގީން ނުވާނެތީ ލޯނުގެ ބައި ސްޓެލްކޯއިން ކަވަރ ކުރަން ނިންމީ." ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓް ކަމަށާއި 52 ފަރާތެއް އެގްރިމެންޓްގައި ސޮއި ނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކަށް ސޮއި ކުރުމަށް މުއްދަތު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާއިރު، އޭގެފަހުން އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓްތައް އެހެން ސްޓާފުންނަށް ދޫކޮށްލާނެ ކަމަށް  ވެސް ޝަރީފް ވިދާޅުވިއެވެ.

1 ޚިޔާލު

  1. ހައްގަށް ބެލިފަޔޭ ތިހިރީ. ފޭސް 1 އިން ފްލެޓްލިބި. ދަރިން ބޮޑެތިވެ ގެދޮޅޮރުވެިންނާ އިނދެ، ދެމަފިރިންގެ ރަށުގައި ގޯތިގެދޮރު ހުރި މީހުންނަށް ތިޔަދީފަ ހުރީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.