ފުލެޓަށް އެދޭ ފޯމު މާދަމާ ބަލައިގަންނަން ފަށަނީ

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން 7000 ފުލެޓަށް އެދި ހުށަހެޅުމަށް ދޫކޮށްފައިވާ ފޯމުތައް މާދަމާއިން ފެށިގެން ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފުލެޓަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 10:30 އިން 1:30 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. ފޯމު ބަލައި ގަތުމަށް ހަމަޖައްސާފައިވަނީ ދަރުބާރޫގޭގައި ގާއިމްކޮށްފައިވާ މަރުކަޒުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ރޯދަމަހަށްފަހު ފޯމު ބަލައިގަންނަ ވަގުތު އިތުރު ކުރާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ޖުލައިގެ ނިޔަލަށެވެ.

ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަސޭހަވާނެ ގޮތަކަށް ފޯމުބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާނެ ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމު "ހިޔާ" ގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ހައުސިން ޔުނިޓަށް އެދި 40،0096 އަށްވުރެ ގިނަ ފޯމު ވަނީ ނަގައިފައެވެ.

މިފަހަރު ފުލެޓް ދޫކުރަމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓު، މާލޭގެ ރަށްވެހިންނަށް 1000 ފްލެޓު، ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓު، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓު، ޓީޗަރުންނަށް 625 ފުލެޓު، ފުލުހުންނަށް 300 ފުލެޓު، ސިފައިންނަށް 300 ފުލެޓު، ކައިވެނިކޮށްގެން އުޅޭ 1818 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް 1000 ފުލެޓު، އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް 200 ފުލެޓު، ގުޅީފަޅުން ފުލެޓު ގަތުމަށް ފައިސާ ދައްކައި ފުލެޓު ނުލިބިފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް 300 ފުލެޓު، މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ވަކި ބަޔަކަށް 256 ފުލެޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.