ކާށިދޫން އެއްވެސް ތާކަށް ކޭބަލްކާރު އެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އަދި ކުރުން ހެޔޮވާވަރު ފީޒިބަލް ކަމެއްވެސް ނޫންކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު، ކާށިދޫ ކޭބަލް ކާރުގެ މައްސަލަ ސަރުކާރުގެ ޕްލޭނިން ސިޔާތުގެ ތެރޭގައި ހިމަނުއްވައިފައި ނުވަނީ ކީއްވެގެންތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ކާށިދޫން އެއްވެސް ތާކަށް ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއްކަމަށް ހަމަބުއްދީގައި ހުންނަވައިގެން އެމަނުކުފާނަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް އަދި ފީޒިބަލް ކަމެއް ނޫންކަން ރައްޔިތުންނަށް ވެސް އެނގެންޖެހޭކަމަށެވެ.
"ހަމަ އެއްގޮތަކަށް ވެސް ހަމަބުއްދީގައި ހުރެގެން އަޅުގަނޑު ޤަބޫލެއް ނުކުރަން ކާށިދޫން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީޒިބަލް ކަމެއްގެ ގޮތުގައެއް. ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް އެއީކީ ވާނެ ކަމެއް ނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ކުރަން ހެޔޮވާވަރު ކަމެއް ކަމަށްވެސް." މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރ ދެއްވި ޖަވާބާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނިޒާމީ ނުކުތާއެއް ނަންގަވައިގެން މެމްބަރ ޖާބިރުވިދާޅުވީ ޕެރިހުން ލަންޑަނަށްވެސް ކޭބަލް ކާރުގައި މިހާރު ވެސް ދަތުރުކުރާ ކަމަށެވެ. ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ކާށިދުއާއި މާލެއާ ދެތޭރަކީ ޕެރިހެއްނޫން ކަމަށެވެ.
ކާށިދޫގައި އެއަރޕޯޓެއް އެޅުމަށްވެސް ޕްލޭން ކުރައްވައި ސަރުކާރަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ނުދެއްވަނީ ކީއްވެތޯ ވެސް މެމްބަރ ޖާބިރު ސުވާލު ކުރެއްވި އެވެ. ނަމަވެސް އެކަމަށް މިނިސްޓަރ އެއްވެސް ޖަވާބެއް ނުދެއްވައެވެ.