ހަގީގަތާ ޚިލާފު ވާހަކަ ފެތުރީމާ ކުދިންނަށް ނޭދެވޭ އަސަރު ފޯރާ: ޖެންޑަރ މިނިސްޓްރީ

ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި އެކި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި"ތަކަށް ބަދަލުކުރެވެމުންދާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ވާހަކަ ފެތުރީމާ އެކުދިންނަށް ނޭދެވޭ އަސަރު ފޯރާ ހާލަތު އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެންމެހައި ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅައެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ. އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤައިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ. އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށައިފައެވެ. އަދި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު އެ މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ.

"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 10ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން"ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ މި މިނިސްޓްރީން ކަންބޮޑުވާ ކަމެކެވެ. އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތުތައް އާދެއެވެ. އެ ފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.