އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސަރޗް (އައި.ސީ.ޓީ.އެސް.އާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ.
އޮގަސްޓް މަހުގެ 2 ން 5 އަށް އއ. އުކުޅަހުގައި ބާއްވާ މި ކޮންފަރެންސަކީ ކްލިކް ކޮލެޖާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމުކުރާ ކޮންފަރެންސެކެވެ.
އައި.ސީ.ޓީ.އެސް.އާރު 2022 ގެ މިފަހަރުގެ ޝިއާރަކީ "ރީތިންކިންގ ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓަރ ފިއުޗަރ" އެވެ. މި ޝިޢާރޔފެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްޤީކުރެވޭނެ ގޮތްތަކެވެ.
މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެއެވެ.
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.