ގޮވާން ބަރުކޮށްފައިވާ 17 އާގުބޯޓު ޔުކްރޭނުން ފުރަން ތައްޔާރަށް

ޔުކްރޭންގެ ހަނގުރާމައިގެ އަސީރުން ތިބި ތަނަކަށް ދިން މިސައިލް ހަމަލާއެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ހަނގުރާމައިގެ މަސްހަރު ހޫނުވެފައި ވިޔަސްް، ގޮވާމުގެ ބާވަތްތައް ބަރުކޮށްފައިވާ 17 އާގުބޯޓު ޔުކްރޭންގެ ދެކުނުގައި އޮންނަ އޮޑެސާ ބަނދަރުން ފުރަން ތައްޔާރުވެފައިވާ ކަމަށް ޔުކްރޭންގެ ރައީސު ވިދާޅުވެއްޖެއެވެ.

ރައީސު ވޮލޮޑިމީރް ޒެލެންސްކީގެ އޮފީހުން ބުނި ގޮތުގައި އާގުބޯޓުތައް ދާދީ އަވަހަށް ފުރާނެއެވެ.

ޚަބަރުފަތުރާ ބައިނަލްއަގުވާމީ ބައެއް ވަސީލަތްތަކުން ޚަބަރުދީފައި ވާގޮތުގައި އދ. މެދުވެރިވެގެން މި ޖުލައި މަހުގެ 22 ވަނަ ދުވަހު ރަޝިޔާއާއި ޔުކްރޭނުން ސޮއިކުރި 'ގޮވާން އެއްބަސްވުމުގެ' ދަށުން އެފްރިކާއަަށާއި، މެދުއިރުމައްޗަށާއި، ދުނިޔޭގެ އެެހެން ކަންކޮޅުތަކަށް ފޮނުވަން ޖެހޭ 25 މިލިއަން ޓަން ގޮވާން ޔުކްރޭންގައި އެބަހުއްޓެވެ.  

ރައީސު ޒެލެންސްކީ ވަނީ އޮޑެސާގެ ޗެރްނޯމޮރްސްކް ބަނދަރަށް އިއްޔެ (ހުކުރު ދުވަހު) ޒިޔާރަތް ކުރައްވައި، އާގުބޯޓުފަހަރު ފުރުވުުމުގެ ކަންކަން ކުރިއަށް ދާގޮތުން ބައްލަވައިލައްވާފައެވެ.

އޮޑެސާގައި މިއަދު (ހޮނިހިރު ދުވަހު) ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޔުކްރޭންގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އޮލެކްސާންޑަރް ކުބްރަކޯވް ވިދާޅުވި ގޮތުގައި ރަޝިޔާއިން ދެކުނު ޔުކްރޭންގެ ބަނދަރު ފާއިތުވި 5 މަސް ދުވަހު ހިސާރުކޮށްފައިވުމުގެ ސަބަބުން ނުފުރިފައި އޮތް 17 އާގުބޯޓަށް މިހާރު ވަނީ ގޮވާން ބަރުކޮށްފައެވެ. އެހެންނަަމަވެސް، ބޯޓުފަހަަރަށް ފުރޭނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން ބޯޓުފަހަރަށް ފުރޭނެ ކަމަށް އުއްމީދުކުރެވެއެވެ.

"އާގުބޯޓުފަހަރު ބްލެކްސީ (ކަޅު ކަނޑު) ގައި ދަތުރުކޮށް ބޮސްފޯރަސް އާއި ހަމައަށް ދާނެ ގޮތް އދ.ން މިއަދު ކަށަވަރުކޮށްދޭނެ ކަމަށް އަހަރުމެން މިތިބީ އުއްމީދުކޮށްގެން. އެއަށް ފަހު (ދަތުރު ފަށަން) އަހަރުމެން މިތިބީ ތައްޔާރަށް. އަހަރެން އުއްމީދުކުރަނީ މި ހަފުތާ ނިމުމުގެ ކުރިން ފުރަތަމަ އާގުބޯޓު އަހަރުމެންގެ ބަނދަރުން ފުރާނެކަމަށް." ކުބްރަކޯވް ވިދާޅުވިއެވެ.

ޔުކްރޭނަކީ ދުނިޔޭގެ ކަންކޮޅުތަކަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ގައުމުވެ. ފާއިތުވި ފެބްރުވަރީ މަހު ރަޝިޔާ ސިިފައިން ޔުކްރޭނަށް އަރަައިގަތުމުގެ ކުރިން އެ ގައުމުން މަހަކު އެވްރެޖްކޮށް 6 މިލިއަން ޓަނުގެ ގޮވާން އެކްސްޕޯޓްކުރެއެވެ. އެހެންނަަމަވެސް، މިހާރު އެއަދަދު ވަނީ ގާތްގަނޑަކަށް 1 މިލިއަން ޓަނަށް ތިރިވެފައެވެ. މީގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތީގެ ކާރިސާއެއް އުފެދިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ވާލްޑް ފުުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ފަދަ އދ.ގެ ޖަމްއިއްޔާތަކުން މިިހާރު ވަނީ އާގުބޯޓުފަހަރު ޗާޓަރުކޮށް، އެންމެ އަވަހަށް އިންސާނީ އެހީ ބޭނުންވާ ގައުމުތަކަށް ގޮވާން ފޮނުވުމަށް ތައްޔާރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.