
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވެވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ދޮގު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދަށް ލިބިލައްވާފައިވާކަމަށް ވިދާޅުވެފައެވެ.
މަބްރޫކް އަޒީޒާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ. އަދި އެފަދަ ކަމެއް ނޫޅޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށް މަބްރޫކާއި ހަވާލާދީ ބުނެފައިވެއެވެ.
އެފަދަ ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ ބަނގްލަދޭޝް އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށް ތަހުގީގު ފަށާފައި ވަނިކޮށްނެވެ.
ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ނާޒިމް ސައްތާރު ހައްޔަރުކުރުމަކީ ސިޔާސީ ހައްޔަރެއް ކަމަށެވެ. އަދި އެކަން ސަރުކާރުން ކުރީ ކޯލިޝަނުގައި ތިބި ހައްދުފަހަނައަޅާފައިވާ ފަރާތްތައް ރުއްސަން ކަމަށެވެ.