އޮއްޓަރު އެސްޕޯޓްކުރުމާ ބެހޭ އެއްބަސްވުމުގައި ރަޝިޔާއާއި ޔުކްރޭނުން ސޮއިކޮށްފި

މިއަދު އިިސްތަންބޫލްގައި އޮތް އޮއްޓަރު އެކްސްޕޯޓްކުރުމާ އެއްބަަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއި ތުރުކީ މެދުވެރިގެން އެކުލަވާލި އޮއްޓަރު އެކްސްޕޯޓްކުރުމާ ބެހޭ އެއްބަސްްވުމުގައި ރަޝިޔާއާއި ޔުކްރޭނުން ސޮޮއިކޮށްފިއެވެ. ތުުރުކީގެ އިސްތަންބޫލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ސޮއިކުރި މި އެއްބަސްވުމާއެކު ޔުކްރޭންގެ ކަޅު ކަނޑު (ބްލެކް ސީ) ގެ ބަނދަރުތަކުން ޔުކްރޭނާއި ރަޝިޔާގެ އޮއްޓަރާއި، ގަސްކާނާ އެސްޕޯޓްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދުނިޔޭގެ އެތައް ބަަޔަކަށް އޭގެ ބޭނުންޖެހިފައިވާ ގޮދަނުގެ އެެތައް މިލިއަން ޓަނެއް ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވޭނެއެވެ.

ޔުކްރޭނަށް ރަޝިޔާ ސިފައިން އެެރުމާއެކު ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް އެންމެ ގިނައިން އޮއްޓަރު އެކްސްޕޯޓްކުރާ ސަރަހައްދުން އެކްސްޕޯޓު ހުއްދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަަން ގެއްލި، ކާބޯތަކެތީގެ ކާރިސާއަށް މެދުވެރިވުމުގެ ބިރު މި އެއްބަސްވުމުގެ ސަބަބުން ފިލައިގެން ދާނެކަމަށް ބެލެވެއެވެ.

މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ހަނގުރާމަކުރާ ދެގައުމާވެސް ގާތް ގުޅުމެއް ބާއްވަވާ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝްގެ ބެއްލެވުމުގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫއާއި ޔުކްރޭންގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އޮލެކްސާންދަރް ކުބްރަކޯވް ވަނީ ގުޓަރޭޝްއާއި ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކާރްއާއެކު ވަކި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރަޝިޔާއާއި ޔުކްރޭންގެ ދެ މިނިސްޓަރުން އެއް މޭޒެއް ދޮށުގައި އެކުގައި އިށީނދެވަޑައިގެންފައި ނުވެއެވެ. އަދި ދެ ބޭފުޅުން ސަލާންކުރައްވާފައި ނުވެއެވެ.

ޔުކްރޭނުން ބުނިގޮތުގައި އެ ގައުމުން ރަޝިޔާއާއެކު އެއްބަސްވުމެއްގައި ސޮއިނުކުރެއެވެ. އެއްބަސްވުމެއްގައި ސޮއިކުރީ އދ.އާއެކުގައެވެ.

"މި އެއްބަސްވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހުމުން ސަލާމަތްކުރެވޭނެ. އަދި ދުނިޔޭގައި ކާބޯތަކެތީގެ އަގުއުފުލުން ހުއްޓުމަކަށް ގެނެވޭނެ." މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސު ރަޖަބްް ޠައްޔިބް އެރްދޮޣާން ވިދާޅުވިއެވެ.

"މިއަދު ކަޅުކަނޑުން މި ދިއްލުނީ ދުރަށް އަލިފޮނުވާ ބައްތިއެއް. އުއްމީދުގެ ބައްތިއެއް. މަސައްކަތްކުރުމުން ކަންކަންވުން އެކަށީގެންވާކަމުގެ ބައްތިއެއް، ދުނިޔެއަށް އެންމެ ބޮޑަށް މިވަގުތު ބޭނުން ޖެހިފައިވާ (ކާބޯތަކެތި) ލިބޭނެކަމުގެ ހިތްހަމަޖެހުން ގެނެސްދޭ ބައްތިއެއް." އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އދ.ގެ ބެލުމުގެ ދަށުން އިސްތަންބޫލްގައި ފާއިތުވި ހަފުތާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ރަޝިޔާއާއި ޔުކްރޭންގެ އަސްކަރީ ވަފުދުތަކުން ވަނީ، ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ ބްލެކް ސީ ބަނދަރުތަަކުގައި ތާށިވެފައި ހުރި، ޔުކްރޭންގެ 22 މިލިއަން ޓަނުގެ އޮއްޓަރާއި، ގޮވާމުގެ އެހެން ބާވަތްތައް އެސްޕޯޓްކުރުމުގެ މަގު ޔުކްރޭނަށް ފަހިކޮށްދިނުމާ ބެހޭ އެއްބަސްވުމެއް އެކުލަވާލާފައެވެ.

ރައީސު އެރްދޮޣާން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ވާގޮތަށް އޮއްޓަރު ބޭރުމުގު ކަންކަން ކުރިއަށް ގެންދާނީ އިސްތަންބޫލްގައި ގާއިމްކުރާ ޖޮއިންޓް ކޯޑިނޭޝަން ސެންޓަރުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.