ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމުކޮށްފައިވާ "ދާލަން" ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.
އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
"ދާލަން" ކްލިނިކަކީ ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމްކޮށްފައިވާ އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ޚާއްޞަ ބަލިތަކާއި މި ނޫންވެސް އާ ޚިދުމަތްތަކާއެކު ހުޅުވިގެންދާ ކްލިނިކެކެވެ.
މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތައް ޚާއްޞަކުރެވިގެން ދާނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި ޢާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކަށް އަމާޒުކުރެވިގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށެވެ. މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި، އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމާއި، އެޑިކްޝަންއަށް ފަރުވާދިނުމާއި، މައިނަރ ޕްރޮސީޖަރގެ ޚިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ ފަދަ ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން ވެސް، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ އެހީތެރިކަމާއެކު މި ކްލިނިކުގައި ކުރިޔަށްގެންދެވޭ ޚިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ޞިއްޙަތާއި ޢާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަޙުލުވެރިކުރުން ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.
މި ކްލިނިކްގެ ޚިދުމަތް ފެށުމާއެކު، މަރުކަޒު ކުރެވިގެން ފަރުވާ ހޯދަން ދަތިތައް ކުރިމަތިވާ ގިނަ ފަރާތްތަކަށް މުޖުތަމަޢުގައި ތިބެގެން ޞިއްޙީ އެހީތެރިކަމާއެކު ޒިންމާދާރު އަދި ދުޅަހެޔޮ މީހަކަށް ވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތް މި ކްލިނިކުން ފޯރުކޮށްދޭއިރު، މާލޭ އޭރިޔާގައި ފަސޭހައިން އައުޓްޕޭޝަންޓް ޚިދުމަތް އަދި އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަރޗުއަލްކޮށް ޚިދުމަތް ލިބޭނެ އިންތިޒާމުވެސް މިތަނުގައި ވަނީ ހަމަޖެހިފައެވެ.
މި ކްލިނިކް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކްލިނިކް ބައްލަވައިލައްވައި ކްލިނިކުން ޚިދުމަތް ހޯދަމުންދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)އާއި ހުޅުމާލެ ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް އަދި ދާލަންގެ އިސްވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.