ކޯލް ގާރލް - 23

(30 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަތެއް 

އެހެން ދުވަސްތަކެކޭ އެއްގޮތަށް ރަޖްނީ ދީޕަކްށް މެންދުރު ކާންދޭން އެއްޗެތި ހިފައިގެން ސްކޫލަށް ހިނގައްޖެއެވެ. އޭނާއަށް ދެވުނު އިރު ލަންޗް ޓައިމްގެ ޗުއްޓީވަގުތު ވަނީ ފެށިފައެވެ. ބައެއް ކުދިން ތިބީ ކާށެވެ. އަނެއް ބައި ކުދީން ކުޅިވަރު ކުޅެން އުޅެއެވެ. ރަޖްނީ އެކިދިމަދިމާއަށް ބަލާލައި، ދީޕްކް ހޯދާލިއެވެ. ނަމަވެސް އޭނާއަށް ދީޕަކް ފެންނަގޮތެއް ނުވިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލިތަނާ ދީޕަކްގެ ރައްޓެހި ކުއްޖެއް ކަމުގައިވާ ރާޖޫ ކާން އިންދާ ފެނިއްޖެއެވެ. ރަޖްނީ އޭނާ ކައިރިއަށްގޮސް ދީޕަކް ކޮބައިތޯ ސުވާލިކޮށްލައިފިއެވެ.

"ދައްތާ! އޭނާ ވީ ފުލުހުން ގެންގޮސްފައި" ރާޖޫ ޖަވާބު ދިނެވެ.

"ފުލުހުންނޭ..." ރަޖްނީ ވަރަށް ކަންބޮޑުވެ ހައިރާންވާގޮތްވިއެވެ.

"އާނ.. އޭނާ މާސްޓަރްޖީގެ ގަޑި ވަގަށްނެގީ..."

ރާޖޫ ކައިރީގައި އިން އަނެއް ކުއްޖާ ބުންޏެވެ.  އެކުއްޖާ އެހެން ބުނިއަޑު އިވުމާއެކު ރަޖްނީގެ އަތުގައި ހުރި ކާއެއްޗެތި އަޅާފައިވާ ޓިފެންބޮކްސް އޭނާ އަތުން ދޫވެގެން ވެއްޓިއްޖެއެވެ. އެއަށް ވީގޮތެއްވެސް ބަލަން ނޫޅެ ރަޖްނީ އެތަނުން ބެރަށް ނުކުތުމަށްޓަކައި ދުއްވައި ގެންފިއެވެ. ކާންތިބި ކުދީންނާއި ކުޅެން ތިބި ކުދިންތައްވެސް، ސްކޫލް ގޭޓާއި ދިމާއަށް ރަޖްނީ ދުވެފައިދާތަން ބަލަން ތިއްބެވެ.

ރޮއިރޮއި ހުރި ދީޕަކް ގޮވައިގެން ފުލުސް ކޮންސްޓެބަލް ދާމޯދަރް ފުލުސް ސްޓޭޝަނަށް ވަދެއްޖެއެވެ. އަދި އޭނާ ގޮވައިގެން ސީދާ އިނިސްޕެކްޓަރް ދިލިޕް ކައިރިއަށް ހިނގައްޖެއެވެ. އިނިސްޕެކްޓަރް ދީޕަކްގެ ބޮލުން ފެށިގެން ފަޔާހަމައަށް ވަރަށް ރަނގަޅަށް ބަލާލާފައި ބުންޏެވެ.

"ހޫން.. މީތަ އެ ކުއްޖަކީ.... އިސްކޮޅުގައި ދެކައިވަތްވެސް ހަމަނުވޭ. އެކަމަކު ދެހާސްރުފިޔާގެ އަގުހުރި ގަޑިއެއް އަތުގައި އަޅާހިތްވީދޯ..." އިނިސްޕެކްޓަރް ކުއްލިއަކަށް ވަރަށް ހަރުކަށިކޮށް ބުންޏެވެ. "މާސްޓަރްޖީގެ ގަޑި ކޮބައިތޯ؟"

"އަޅުގަނޑަކަށް ނޭނގެ ސަރ!"

"ހީވާނީ މިޖަވާބު އޭނާއަށް ދަސްކޮށްދީފައި ވަނީހެން" އިނިސްޕެކްޓަރް ކޮންސްޓެބަލް ދާމޯދަރްއާ މުޚާތަބްކޮށް ބުންޏެވެ.

"ބުނަންތަ... އަޅުގަނޑަކަށް ނޭނގެއޭ، ސަރއޭ ބުންޏަކަސް ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. ރަނގަޅަށް ތެދުބުނޭ ތެދުބުނޭ….ގަޑި ވީތަނެއް ބުނަނިކޮށް ކަލޭގެ ކުށަށް މާފުދީފާނަން. އެހެން ނޫނީ، ހާނިއްކަކޮށްގެން ވެސް ކަލޭ ލައްވާ ގަޑިވީތަނެއް ބުނުވާނަން..."

އަޅުގަނޑު މިބުނަނީ ހަމަތެދު ސަރ. އަޅުގަނޑު ގަޑިއެއް ވަގަކަށް ނުނަގަން" ދީޕަކަށް ގިސްލެވެމުންދަނީއެވެ.

އަނެއްކާވެސް ހަމައެއްކަލަ ވާހަކަ …"އިނިސްޕެކްޓަރު ރުޅިއައިސްފައި ބުންޏެވެ. ހަމަ އެތަންވަޅު ތަންކޮޅެއް މަޑުމައިތިރި ގޮތެއް ދައްކާލާފައި ބުންޏެވެ. "ކަލޭ އެ ގަޑި ކޮންމެވެސް މީހަކަށް ވިއްކާލީތަ!"

"ނޫން.. ސަރ..."

"ކޮންމެވެސް ތަނެއްގައި ފޮރުވާފައި ބޭއްވީތަ؟"

"ނޫން ސަރ"

އެހެންވިއްޔާ ދެން ޗޮކްލެޓެކޭ ހީކޮށްފައި ކާލީތަ"

އިނިސްޕެކްޓަރ ރުޅިއައިސްފައި ވަރަށް ބާރަށް ބުންޏެވެ. "ކަލޭ އެގަޑިލީ ކޮންތާކަށް... ބުނާނީތަ... ނޫނީ…."

"އަޅުގަނޑަކަށް ނޭނގެ ސަރ!"

"މީނަ މިގޮތަކަށް ނުބުނާނެ"

މިހެން ބުނެފައި އިނިސްޕެކްޓަރް ކޮންސްޓެބަލްއަށް ގޮވާލާފައި ދީޕަކް އެތެރެއަށް ގެންދަން އަންގައިފިއެވެ. "ދެތިންހަތަރު ބޮނޑިއެއް އަޅައިގެން ނޫނީ މީނާ އެ ގަޑިވީތަނެއް ނުބުނާނެ.." އިނިސްޕެކްޓަރް ބުންޏެވެ.

"އޭނާ ނުބުނިއްޔާ އޭނާގެ ބައްޕައަށްވެސް ޖެހޭނީ ބުނަން" ކޮންސްޓެބްލް ދީޕަކާ ދިމާއަށް ލޯބޮޑުކޮށްފައި ބުންޏެވެ. އަދި އޭނާގެ އަތުގައި ހިފައިގެން އެތެރެއަށް ދަމައިގަންނަމުން ބުންޏެވެ.

ކޮންސްޓެބްލް ވަރަށް ރަޙުމު ކުޑަގޮތަކަށް ދީޕަކް ދަމާފައި އެތެރެއަށް ގެންދަން ފެށުމުން ދީޕަކް ބިރުން އަޑުކޮޅަށް އޭނާގެ ދައްތައަށް ގޮވަން ފަށައިފިއެވެ.  "ދައްތާ... ދައްތާ!"

ރަޖްނީއަށް ފުލުސް ސްޓޭޝަނަށް އައިސް ވަދެވުނީ އެވަގުތުއެވެ. އޭނާ އެވަގުތު ވަނީ އޭނާގެ އަމިއްލަ ކޮންޓްރޯލެއްގައެއް ނޫނެވެ. އެހެންކަމުން އޭނާގެ ކޮއްކޮ ގަދަކަމުން ދަމާފައި ގަދަކަމުން އެތެރެއަށް ގެންދާތަން ފެނުމާއެކު އޭނާއަށްވެސް ބޭއިޚްތިޔާރުގައި އޭނާގެ ކޮއްކޮއަށްގޮވަން ފެށުނެވެ.

"ދީޕަކް... ދީޕަކް..."

އަދި ހަމަ އެވަގުތު ދިޔަގޮތަށް ގޮސް ދީޕަކް ގައިގައި އޮޅުލައިގެންފިއެވެ. ކޮންސްޓެބްލް ދާމޯދަރް ކުއްލިއެއް ޖަހާފައި ދީޕަކް ރަޖްނީއާ ވަކިކޮށްލިއެވެ. އަދި އަވަސް އަވަހަށް ދީޕަކް ދަމާ ގެންގޮސް އެތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައިފިއެވެ. އެ ކޮޓަރިއަކީ ކުށްވެރިވެގެން ގެންނަ މީހުންނަށް ހާނީއްކަކޮށް ހަދާތަނެވެ. އެތަނަށް ވެއްދިތާ މާގިނައިރެއް ނުވެ ދީޕަކް ރޯއަޑާއި އޭނާ ސަލާމަތަށް އެދި ހަޅޭއްލަވާއަޑު ރަޖްނީއަށް އިވެން ފެށިއެވެ.

"ދައްތާ.. ދައްތާ.. އަޅުގަނޑު ސަލާމަތްކޮށްދީ..."

އެއަޑު އިވުމާއެކު ރަޖްނީ އެތެރެއަށްދާން ހިނގައިގަތެވެ. ނަމަވެސް ފުލުހުންގެ މީހަކު އޭނާ ހުއްޓުވައިފިއެވެ. އެވަގުތު އިނިސްޕެކްޓަރް ދިލިޕް އެތަނަށް އައިސް އޭނާ ދިމާއަށް ބުންޏެވެ.

"އެތަނުން ކޮންތާކަށް ދާން ތިއުޅެނީ !"

ރަޖްނީ ބިރުން ހުއްޓިއްޖެއެވެ. އަދި ތުރުތުރު އަޅައަޅާ އޮތް އަޑަކުން ބުންޏެވެ.

"އަޅުގަނޑުގެ ކޮއްކޮ..."

"އަޅުގަނޑު ގައިގައި ނުތަޅުއްވާ... އަޅުގަނޑު ގަޑިއެއް ވަގަކަށް ނުނަގަން... ކޮންސްޓެބަލް ސާހަބް...އަޅުގަނޑު ގަޑިއެއް ވަގަކަށް ނުނަގަން.. "

އެތެރޭން ދީޕަކްގެ ރުއިމުގެ އަޑު އަޑާއެކު އިވެމުންދިޔައެވެ.

ރަޖްނީ އިނިސްޕެކްޓަރްގެ ކައިރިއަށް އައިސް ރޮމުން ރޮމުން އާދޭސް ކުރަން ފަށައިފިއެވެ.

އޭނާ ދޫކޮށްލަދެއްވާ... އިނިސްޕެކްޓަރް ސާހިބާ އޭނާ އެގަޑި ވަގަކަށް ނުނަގާ....."

"އެހެންވިއްޔާ އެގަޑި ވަގަށް ނެގީ ކާކު؟" އިނިސްޕެކްޓަރ ހަޅޭއްލަވައިގަތެވެ.

"އިނިސްޕެކްޓަރް ސާހަބް.. އަޅުގަނޑުމެންނަކީ ފަޤީރުން ނިކަމެތިން... އެކަމަކު އަޅުގަނޑުމެންނަކީ ވަގުނެއް ނޫން... ދޮގުހަދާ މީހުންނެއް ނޫން...."

"އާނ ..އާނ.. ކަލެއަކީ ކާކުކަން އަހަރެން ވަރަށް ރަނގަޅަށް ދަންނަން.... ވައްކަން... ރަލުގެ ވިޔަފާރި ބަދުއަޚުލާޤީ އަމަލުތައް ހިންގުން.... ކަލޭ ނުކުރަނީ މިއިން ކޮންކަމެއް؟"

"އަޅުގަނޑު ގައިގައި ނުތަޅުއްވާ..... އަޅުގަނޑު މަރުވެދާނެ... ކޮންސްޓެބުލް ތިޔަހެން ނުހައްދަވާ ..އަޅުގަނޑު މަރުވެދާނެ" ދީޕަކް ހުއްޓަހުއްޓާފައި ގޮވަމުން ދާއަޑު އަނެއްކާވެސް އިވުނެވެ. ރަޖްނީ ރޮއި

ގެންފައި، އިނިސްޕެކްޓަރުގެ ފައިމައްޗަށް ވެއްޓި ދެފައިގައި ހިފާފައި އާދޭސް ކުރަން ފެއްޓިއެވެ.

"މާތްކަލާނގެއަށްޓަކައި އަޅުގަނޑުގެ ކޮއްކޮ ދޫކޮށްލައްވާ. އަޅުގަނޑު ކަލާގެ ދެ ފައިގައި ހިފާފައި މިނަންގަންނަނީ އަޅުގަނޑު ކަލާގެ ދެ އަތުގައި ބޮސްދީފައި މިއާދޭސް ކުރަނީ...."

"ދާން އުޅޭ މިތަނުން....އިނިސްޕެކްޓަރް ދިލިޕް އޭނާގެ ދެ ފައި ރަޖްނީގެ އަތުތެރޭން ދުރަށް ޖައްސާލާފައި ބުންޏެވެ. "އަހަރެންގެ ފައިގައި ކަލޭގެ މުޑުދާރު އަތް ނުޖައްސާތި!"

"ބައްލަވާ... އަޅުގަނޑު މިއޮއް މަރުވަނީ އަޅުގަނޑު މިއޮއް މަރުވަނީ ...ދައްތާ! އަޅުގަނޑު މަރުވަނީ …"

 އަނެއްކާވެސް ދީޕަކްގެ ވޭނުން ފުރިފައިވާ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.